
ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށް ފަހު ރޭ ފުލުހުން ހައްޔަރު ކޮށްފައިވާ ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދާއި، ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން އަޙްމަދު ނަދީމް ފުލުހުން ގެންގޮސްފައި ވަނީ ދެ ޖަލަކަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މީގެތެރެއިން އުއްތަމަ ފަނޑިޔާރާއި އަލީ ޙަމީދު ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައި ވަނީ ގާމާދޫ ޖަލަށެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އާއި ދަރިކަނބަލުންގެ ފިރިކަލުން ނަދީމް ގެންގޮސްފައިވާ ކަމަށް ވަނީ ދޫނިދޫ ޖަލަށެވެ. މިހަތަރު ބޭފުޅުންގެ ތެރެއިން ދެބޭފުޅަކު ގާމާދޫ ޖަލުގައި އަދި އަނެއް ދެބޭފުޅަކު ދޫނިދޫ ޖަލުގައި ހައްޔަރު ކޮށްފައިވާއިރު މާފުށީ ޖަލުގައިވެސް ސިޔާސީ ބަޔެއް ބޭފުޅުން މިވަގުތު ހައްޔަރު ކޮށްފައި އެބަތިއްބެވިއެވެ. އޭގެތެރޭގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވެސް ހިމެނެއެވެ.
ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު ރޭގެވަގުތެއްގައި އިއުލާން ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރާއި އަލީ ޙަމީދު ހައްޔަރު ކޮށްފައި ވަނީ ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށެވެ. މައުމޫން އާއި ނަދީމް ހައްޔަރު ކޮށްފައި ވަނީ ގޭގައި އުޅުއްވަނިކޮށެވެ.