ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިސްލާމިކް މިނިސްޓަރާ ބައްދަލުކުރައްވައިފި

ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލީ ފާއިޒު އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލްއާއި ޕަރމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިންނަށް ދީނީ މަޢުލޫމާތު ދެއްވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން ސަފީރު އެދިވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ނުވަތަ ސޯސަންވިލާގައި ހުކުރު ކުރުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރުއްވާ ޚުޠުބާ، ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާގުޅޭ ގޮތުންނާއި ލަންކާގައި ދިރިއުޅުއްވާ ދިވެހިންނަށް ޚާއްސަކޮށް ޤުރުއާން ކޯސްފަދަ ކޯސްތައް ހިނގޭނެ ގޮތްތަކާއިބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ދެއްކެވި ވާހަކަފުޅުގައި ސަފީރު އެދިވަޑައިގެންނެވި ފަދައިން، މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން އިސްލާމްދީން ފެތުރުމާއި، އިސްލާމްދީނުގެ މަޢުލޫމާތުތައް ފޯރުކޮށްދީ، ޤުރުއާން ކޯސްފަދަ ކޯސްތައް ހިންގޭނެ ގޮތްތަކަށް ބައްލަވާލައްވާ އެކަންކަން ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އިސްލާމީ ތަޢުލީމު ފޯރުކޮށްދީ، ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ދީނީ ޢިލްމުވެރިން ލަންކާއަށް ވަޑައިގެން، ލަންކާގައި ތިއްބަވާ ދިވެހިންނަށް ދަރުސް ދެއްވުންފަދަ ކަންކަން ކުރެއްވޭނެ ގޮތްތައް ބައްލަަވައި، އެގޮތަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަން ފަހިކޮށްދިނުމަށްޓަކައި، ސަފީރާއި ގުޅިގެން އެ މަސައްކަތްކުރިއަށް ގެންދަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.