މާލީ ބަޔާން ހުށަނާޅާ ސިޔާސީ ޕާޓީތަކެއް ޖޫރިމަނާ ކޮށްފި

މާލީ ބަޔާން ހުށަނާޅާ ސިޔާސީ ޕާޓީތަކެއް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާ ކޮށްފި އެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ މާލީ ބަޔާން ހުށަނާޅާ 7 ޕާޓީއެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން އަދާލަތު ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓކް ޕާޓީ އަދި މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޖޫރިމަނާ ކޮށްފައިވާ ކަމަށް އީސީ އިން ބުނެއެވެ.

އީސީ އިން ބުނީ މިއިން ކޮންމެ ޕާޓީއެއް 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ބެލެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ޚަރަދު ކުރާ ގޮތް އެނގެން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

ޖޫރިމަނާއެއް ނެތި ނުވަތަ މާލީ ބަޔާން ހުށަހަޅާފައިވަނީ އެމްޑީޕީ، ޕީޕީއެމް އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

މި އަހަރު ދައުލަތުގެ ބަޖެޓުން ހަތަރު ޕާޓީއަކަށް ވަނީ ފައިސާ ދީފައެވެ. ނަމަވެސް އަންނަ އަހަރު ހަ ޕާޓީއަކަށް ފައިސާ ދޭނެއެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، 10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ވެސް ދައުލަތުން ފައިސާ ދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.