އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ އަށް އެ ދެ ބޭފުޅުން ނިސްބަވެ ވަޑައިގަންވާ ޕާޓީތަކުގެ ރައީސުންނަށް ތިބޭނެތޯ ބައްލަވަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
އެކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވީ އެ މައްސަލަ ބަލަން ކޮމިޝަނުން ނިންމެވީ އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު ކުރަމުން ގެންދާތީ އެވެ.
ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި އިޞްލާޙަށްފަހު އެދެބޭފުޅުން އެދެޕާޓީގައި ފުރުއްވަމުން ގެންދެވި ރައީސް ކަމުގެ މަޤާމު ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިންވަނީ ކަނޑައަޅުއްވައިފައެވެ. އެހެންނަމަވެސް ދެބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޖަލު ޙުކުމް ތަންފީޒު ކުރުން ފަސް ކުރެއްވުމަށް ސްޕްރީމް ކޯޓުން މިހާރުވަނީ އަމުރު ކުރައްވައިފައެވެ.
ސްޕްރީން ކޯޓުން އެގޮތަށް އަމުރު ކުރެއްވީ އެދެބޭފުޅުންގެ މައްސަލަ މުރާޖަޢަ ކޮށްދެއްވުމަށް އެދި އެ ކޯޓަށް ހުށަހެޅުއްވި މައްސަލަ ބައްލަވައި ނިންމަވަން ދެނެވެ.
ޖަލުތަކާއި ޕެރޯލް ގާނޫނުގެ 64 ވަނަ މާއްދާގައި ވަނީ ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި މީހަކު ބަންދުކޮށްފައި ހުންނަ މުއްދަތުގައި ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާތަކަށް ޢާއްމު މެމްބަރެއްގެ ޙައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެފަދަ ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ހައްޤު އެމީހަކަށް ލިބިގެން ނުވާކަމަށެވެ.
"ސްޕްރީމް ކޯޓު އެދެބޭފުޅުންގެ ޙުކުމް ތަންފީޒު ކުރައްވަން ނެރުއްވި އަމުރާ ގުޅިގެން ބައެއް ފަރާތްތަކުން އަޅުގަނޑުމެންނާ ސުވާލު ކުރަމުން ގެންދޭ. އެހެންވެ އެމައްސަލަ އަންނަ އާދީއްތަދުވަހު ބެލުމަށްފަހު ކޮމިޝަނުން ގޮތެއް ނިންމާނަން އިރާދަކުރެއްވިއްޔާ. އަދި ނިންމާ ގޮތެއް ޢަދާލަތު ޕާޓީއަށާއި އެމްޑީޕީއަށް އަންގާނަން،" އަކުރަމް ވިދާޅުވިއެވެ.
އެދެބޭފުޅުން ވެސް މިނިވަން ކުރައްވައިފައިވަނީ ވަގުތީ ގޮތުންނެވެ. "އެހެންވީމައި ކޯޓުގެ އަމުރާ ގުޅިގެން ދެން އޭގައި ޢަމަލު ކުރަންޖެހޭ ގޮތަކީ ކޮބައިތޯ ބަލަން އަޅުގަނޑުމެންގެ ޤާނޫނީ ޓީމާއެކުވެސް މަސައްކަތް ކުރެއްވުމަށްފަހު ގޮތެއް ނިންމާނީ،" އަކުރަމް ވިދާޅުވިއެވެ.