(30 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މިދެންނެވި ޙާދިސާއަކީ ، މުސްލިމުންކަމުގައި ދައްކައިގެން އުޅުނު މުނާފިޤުންގެ ޖަމާޢަތެއް ގުޅިގެން ، ރަސޫލު ޞައްލަﷲ ޢަލައި ވަސައްލަމަގެ އަބުރުފުޅަށް އަރައިގަނެ ، އެކަލޭގެފާނުގެ މަތިވެރި ދިރިއުޅުއްވުމަށް ދަތިކުރުމަށް ރާވައިގެން ހިންގާފައިވާ މަކަރުވެރި ޢަމަލެކެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމިއްލަފުޅު ޙަޔާތްޕުޅަށް ދަތިކޮށް ، އެކަލޭގެފާނަށް ދުއްތުރާ ކުރުމަށް ރާވައިގެން ހިންގޭ އެންމެ ފުރުޞަތެއްވެސް ދޫކޮށެއް ނުލައެވެ. މިފަދަ ކަންކަމުގައި މުނާފިޤުންގެ ވެރިޔަކަށް ހުރީ ޢަބްދުﷲ އިބްނު އުބައްޔު އޭ ކިޔުނު މީހެކެވެ. ޢައިޝަތުގެފާނާ ބެހޭ ދޮގު ވާހަކަ ، ހަދަހަދައިގެން ފެތުރުމުގައިވެސް އިސްކޮށްހުރީ މިކަލޭގެއެވެ.
އެ ޙާދިސާ ފެށެނީ ، ޢައިޝަތުގެފާނު ދަތުރު ކުރެއްވި ޤާފިލާއަކާ ހަމައިންނެވެ. އެ ޤާފިލާ ދަތުރުކުރަމުން ގެންދަނީ ބަނީ މުސްތަލިޤުން ފުރައިގެންނެވެ. ޤާފިލާގައި ޢައިޝަތުގެފާނަށް ޚާއްޞަ ކުރެވިފައިވާ ފޭލިގެކޮޅުން އެކަމަނާ އެއް ނުފެނުނެވެ. އެކަމަނާ އޭރު ވަޑައިގެންވީ ، އެކަމަނާގެ އަތްޕުޅުގައި އަޅުއްވާފައި އޮތް ކެވެލިފަށް ހޯއްދެވުމަށްޓަކައި ، ނުކުމެވަޑައިގެންނެވެ. އެ ކެވެލި ފަށަކީ ، އެކަމަނާގެ މަންމާފުޅު ހަދިޔާ ކުރައްވާފައިވާ އެއްޗެކެވެ. ވަރަށް ރަނގަޅަށް ބަލަހައްޓަވަމުން އަންނަ ކެވެލި ފަށެކެވެ. އެކަމަނާއަށް ހީފުޅުވީ ، ޤާފިލާ ދަތުރުކުރަމުން އައި މަގުމަތީ ކޮންމެވެސް ގޮތަކުން އަތްޕުޅުން ކެވެލިފަށް ނެއްޓި ވެއްޓުނީ ކަމުގައެވެ. އެހެންކަމުން ، އެކަމާ ދެރަފުޅުވެގެން ، އެ ކެވެލިފަށް ފެނިވަޑައިގަންނަވާތޯ ބެއްލެވުމަށް ، ޤާފިލާ ދަތުރުކޮށް އައި މަގު ބެއްލެވުމަށް ނިންމެވީއެވެ. ކަންދިމާކުރިގޮތުން ، ވަޑައިގެންނެވި މަގު އޮޅޭވަރަށް އެކަމަނާއަށް މާދުރަށް ވަޑައިގެންނެވުނެވެ.
އެކަމަނާ ދަތުރުކުރެއްވީ އަސްކޮޅެއްގައި ނިވާވެވަޑައިގެން އިންނަވައެވެ. އެހެންކަމުން ، ޤާފިލާގައި އެކަމަނާ ވަޑައިގެން ނެތްކަން ، ޤާފިލާގެ ހަނގުރާމަވެރިންނަށް ފާހަގައެއް ނުކުރެވުނެވެ. އެކަމަނާ ޤާފިލާއާ އެކު ދަތުރު ނުކުރައްވާކަން ، ހަނގުރާމަވެރިންނަށް ފާހަގަ ކުރެވުނީ ، ޤާފިލާ ނަގައިގެން ދަތުރު ފަށައި ، ޖެހިގެން އައި މަންޒިލަށް ޤާފިލާ މަޑުކުރި ފަހުންނެވެ.
ޢައިޝަތުގެފާނަށް ޤާފިލާ އެހެން މަންޒިލަކަށް ދަތުރުކޮށްފިކަން އެނގިވަޑައިގަތުމާއެކު ، އެކަމަނާ ހޯދުމަށްޓަކައި ކޮންމެވެސް ބަޔަކު އަންނަންދެން ، އެ ވަޑައިގެންނެވުނު ހިސާބެއްގައި މަޑުކުރެއްވުމަށް ނިންމެވިއެވެ. ދުވާލުގެ އަލިކަން ގެއްލި ، ރޭވެ އަނދިރި ވީ އިރުވެސް ، އެއްވެސް ބަޔަކު އެކަމަނާ ހޯދުމަކަށް ނައެވެ. އެރޭ ، ރޭގަނޑުވުމުން ، ކަންބޮޑުވެވަޑައިގެން އިންނެވިނަމަވެސް އެކަމަނާއަށް އަވަހާރަފުޅު ލެއްޕެވުނެވެ. އަނެއްދުވަހު ހެނދުނު ، އެކަމަނާ ފެނިވަޑައިގަތީ ޞަފްވާން އިބްނު މުޢައްޠަލުއް ސަލަމީ އަށެވެ. އެކަލޭގެފާނަކީ ، ޢާންމު ގޮތެއްގައި ، ޤާފިލާ ނައްޓައިލީމަ ޤާފިލާގެ ފަހަތުން ، ފަހުން ދަތުރަށް ފައްޓަވާ ބޭކަލެކެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅަކީ ، ޤާފިލާގެ ދަތުރު ފެށުމުން އެ ސަރަޙައްދު ޗެކްކޮށް ، އެއްޗެއް ދޫކޮށްލެވިފައި ވޭތޯ ބައްލަވައި އެއެއްޗެއް ނަންގަވައިގެން ޤާފިލާއަށް ގެންގޮސް ދެއްވުމެވެ. އެއީ އެކަލޭގެފާނުގެ އާދަ އެކެވެ. ޞަފްވާނަށް ޢައިޝަތުގެފާނު ފެނިވަޑައިގަތީ އެގޮތުގެ މަތިން ޤާފިލާ ނައްޓައިލީމާ ، ފަހުން ދަތުރުކުރައްވައި ވަޑައިގެންނެވި މަގުމަތީގައެވެ.
ޞަފްވާން ދަތުރުކުރެއްވި ޖަމަލުގެ މައްޗަށް ޢައިޝަތުގެފާނު ލައްވައިގެން ، ފައިމަގުގައި ބާރަށް ހިންގަވައި ، ޤާފިލާ އާ ދިމާއަށް ދަތުރު ފެއްޓެވިއެވެ. އެހެންނަމަވެސް ، ޤާފިލާ އަތުވާ ގޮތެއް ނުވިއެވެ. އެހެނެއްކަމަކު ، ދެން އެންމެ ފުރަތަމަ ދިމާވި ހަނގުރާމަވެރިންގެ ކޭމްޕަށް އެކަމަނާ ގެންގޮސް ދެއްވައި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެކަމަނާ ޙަވާލު ކުރެއްވިއެވެ. މިކަން ވެގެން ދިޔައީ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނުނިޔަތްލައިގެން ތިބި މުނާފިޤުންނަށް ލިބުނު ފުރުޞަތަކަށެވެ. އަދި އެއްވެސް ޙައްޤެއްނެތި ، މައުޞޫމް ޢައިޝަތުގެ ފާނާއި ޞަފްވާނާ އަޅުވައި ، ދޮގު ވާހަކަތައް ފަތުރައިގަތުމަށް އެބައިމީހުން ފަހަކަށް ނުޖެހުނެވެ. މި ދޮގު ވާހަކަތައް ހަދައިގެން ދޮގު ޚަބަރު ފެތުރުމުގައި މުނާފިޤުންގެ އިސްމީހަކަށް ހުރީ ޢަބްދުﷲ އިންބު އުމައްޔެވެ. " ﷲ ގަންދީ ބުނަމެވެ. ޢައިޝާއާއި ޞޮފްވާނަށް އެމީހުންކުރި ކުށުގެ އަދަބު ނުދީ ދޫކޮށްގެން ނުވާނެއެވެ. " މިފަދަ ބަސްތަކުން ، މުޅި ޤާފިލާގެ ތެރެޔަށް އެކި ގޮތްގޮތަށް މި ޚަބަރު ފެތުރިގެންގޮސް މަޝްރަޙު ހަލަބޮލިވެގެން ދިޔައެވެ. އެއްބަޔަކު ޤަބޫލުކުރި ގޮތުގައި ޢައިޝަތުގެފާނު އެފަދަކަމެއް ނުކުރައްވާނެއެވެ. އަނެއްބަޔަކު ޤަބޫލު ކުރިގޮތުގައި އެއީ ހިނގައިފާނެ ކަމެކެވެ.
ޤާފިލާ ނަގައިގެން ދަތުރުކޮށް މަދީނާއަށް އާދެވުނުއިރު ، ޢައިޝަތުގެފާނުގެ ޙާލުކޮޅު ވަރަށް ދެރައެވެ. ފަރީއްކުޅުއްވުން ދަތިފުޅުވެ ، އެކަމަނާ ވަނީ ވަރަށް ބޮޑަށް ހުންފުޅު އައިސްފައެވެ. އިސާހިތަކު ، މިޚަބަރު ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ، އެހެން އަނބިއަނބިކަނބަލުންނާ ހަމަޔަށްވެސް ފޯރައިފިއެވެ. އަދި ޢައިޝަތުގެފާނުގެ ބައްޕާފުޅު ، އަބޫބަކުރުގެފާނަށްވެސް މިޚަބަރު އިވިވަޑައިގެންފިއެވެ. އެހެންނަމަވެސް ، ޢައިޝަތުގެފާނާ އެވާހަކަ ދެއްކެވުމަށް އަބޫބަކުރުގެފާނަކަށްވެސް އަދި ޢައިޝަތުގެފާނުގެ މަންމާފުޅަކަށްވެސް ކެރިވަޑައެއް ނުގަތެވެ.
އެ އާލާސްކަންފުޅުގައި ، ޢައިޝަތުގެފާނު މަހެއްހާ ދުވަހު އޮންނެވިއެވެ. ޢައިޝަތުގެފާނު އެފަދަކަމެއް ކުރައްވަފާނެކަމަށް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤަބޫލުފުޅެއް ނުކުރައްވައެވެ. އެކަމާ އެކަލޭގެފާނު ހުންނެވީ ވަރަށްބޮޑަށް ދެރަފުޅުވެފައެވެ. އެއީ އެކަލޭގެފާނު އެންމެ ލޯބިފުޅުވާ އަނބިކަނބަލުންނާ ބެހޭގޮތުން މީސްތަކުންގެ މެދުގައި ، ދޮގުނަމަވެސް އެފަދަ ޚަބަރެއް ފެތުރިގެން ދިއުމުގެ ސަބަބުންނެވެ. އޭރުވެސް ، ޢަބްދުﷲ އިބްނު އުމައްޔުއާއި ، މުނާފިޤުން ގެންދިޔައީ އެވާހަކަ އެކި ގޮތްގޮތަށް ހެދުނުހާ ދޮގެއް ހަދައިގެން ، އިތުރަށް ފަތުރައި ޢައިޝަތުގެފާނު އިތުރަށް ފަޟީޙަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، މިސްކިތުގައި މިކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވައެވެ. އެކަލޭގެފާނުގެ ބަސްފުޅު ޤަބޫލުކުރާ ބަޔަކު އެކަން އެއީ ނުވާކަމެއްކަމަށް ޤަބޫލު ކުރެއެވެ. އަދި އަމްދުން ޢަބްދުﷲ އިބްނު އުމައްޔުފަދަ ބޮޑު މުނާފިޤަކު ، އެކިގޮތްގޮތަށް އެވާހަކަ ފަތުރަމުން ގެންދާތީ އެއީ ޙަޤީޤަތެއްނެތް ވާހަކައެއްކަމަށް ބާރު ލިބިގެން ދެއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ހެޔޮ ޢަމަލެއް ނޫނީ ފެނިވަޑައިގެންފައި ނުވާކަމަށާއި ، ޢައިޝަތުގެފާނު އެފަދަ ކަމެއް ނުކުރައްވާނެކަމަށް ﷲ ގަންދެއްވައި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ވިދާޅުވަމުން ގެންދަވައެވެ.
އެކަމަނާގެ ޤައުމުގެ މީހުން ދައްކަމުންގެންދިޔަ ދޮގުވާހަކަތަކާމެދު ، ޢައިޝަތުގެފާނު ކަންބޮޑުވެވަޑައި ގަނެއެވެ. އެހެންނަމަވެސް ، އެއީ ދޮގު ތުހުމަތެއްކަން ، ﷲ ގެ މިންވަރުފުޅާއެކު ސާފުވާނެކަން އެކަމަނާ ހުންނެވީ ޔަޤީން ކުރައްވައިގެންނެވެ. އެކަމަނާ އެންމެ ކަންބޮޑުވެ ވަޑައިގެންނެވީ ، އެ ދޮގު ޚަބަރާގުޅިގެން އެކަމަނާގެ ބައްޕާފުޅާއި މަންމާފުޅަށް ލިބިވަޑައިގަންނަވާނެ ހިތާމައާއި ތަކުލީފާ މެދުގައެވެ. އެކަމަނާއާ ގުޅިފައިވާ އެވާހަކަތަކުން ، ޢާއިލާއަށް އެފަދަ ތަކުލީފެއް ލިބޭކަށް އެދިވަޑައެއް ނުގަންނަވައެވެ. ( ޞަޙީޙް މުސްލިމް : 1770 )
ﷲ ގެ ޙަޟުރަތުން ވަޙީބާވައިލެއްވުމުގެ ޢަލާމާތްތައް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަށިކޮޅުން ފައުޅު ވެއެވެ. ދާފޮދު ހިއްލުންފަދަ ކަންކަމުންނެވެ. ފިނި މޫސުމުގައިވެސް އެކަން މެދުވެރި ވެއެވެ. އެކަލޭގެފާނުގެ ހަށިކޮޅުން ވެއްޓޭ ދާފޮދުގެ ތިކިތައް އެއީ ސިލްވަރ ކުލައިގެ މުތްތަކެއްފަދަ ސާފު އެއްޗެކެވެ.
ޢައިޝަތުގެފާނުގެ މައްޗަށް މުނާފިޤުން އެޅުވި ދޮގު ތުހުމަތުގެ ޙާދިސާއަށް ދުވަސްކޮޅެއް ވީތަނާ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަށިކޮޅުން ، އެއްދުވަހަކު ، ވަޙީބާވައިލެއްވުމުގެ ޢަލާމާތްތައް ފާޅުވެގެން ދިޔައެވެ. ހަށިކޮޅުން ދާފޮދު އޮހޮރެން ފެށިއެވެ. އަދި ﷲ ގެ ވަޙީގެ ބަސްފުޅު ބާވައިލައްވައި ނިމުމުން ، އެކަލޭގެފާނުގެ މޫނުފުޅު އިތުރަށް އަލިވެގެންގޮސް ހިނިވަރުނަ ކުރެއްވިއެވެ. އަދި ، ޢައިޝަތުގެފާނަށް ވިދާޅުވިއެވެ.
" އޭ ޢައިޝާއެވެ ! ﷲ ގެ މަތިވެރިވަންތަ ކަމުގެ ބޮޑުކަމާއެވެ ! ކަމަނާގެ އިސްތަށިފުޅުގައި އެޅިފައިވާ ދޮގު ތުހުމަތާއި ފަޟީޙަތުން ކަމަނާ ބަރީޢަވެ ވަޑައިގެންފިއެވެ. އަދި ، ކަމަނާއަކީ ، އެކަންކަމުން ސަލާމަތްވެ ވަޑައިގެންވާ މިނިވަނެކެވެ. ކީރިތި ﷲ އެކަން ހިންމަވައި ދެއްވައިފިއެވެ. " ( ޞަޙީޙު މުސްލިމް : 2770 (a)
ބަޔާންކުރެވުނު ޙާދިސާއާ ބެހޭގޮތުން ، ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅު އައިސްފައިވަނީ ، ނޫރު ސޫރަތުގެ 11 ވަނަ އާޔަތުން ފެށިގެން 20 ވަނަ އާޔަތުގެ ނިޔަލަށެވެ.
إِنَّ ٱلَّذِينَ جَآءُوا بِٱلإِفْكِ عُصْبَةٌ مِّنْكُمْ لاَ تَحْسَبُوهُ شَرّاً لَّكُمْ بَلْ هُوَ خَيْرٌ لَّكُمْ لِكُلِّ ٱمْرِىءٍ مِّنْهُمْ مَّا ٱكْتَسَبَ مِنَ ٱلإِثْمِ وَٱلَّذِى تَوَلَّىٰ كِبْرَهُ مِنْهُمْ لَهُ عَذَابٌ عَظِيمٌ (11) لَّوْلاۤ إِذْ سَمِعْتُمُوهُ ظَنَّ ٱلْمُؤْمِنُونَ وَٱلْمُؤْمِنَاتُ بِأَنْفُسِهِمْ خَيْراً وَقَالُواْ هَـٰذَآ إِفْكٌ مُّبِينٌ (12) لَّوْلاَ جَآءُوا عَلَيْهِ بِأَرْبَعَةِ شُهَدَآءَ فَإِذْ لَمْ يَأْتُواْ بِالشُّهَدَآءِ فَأُوْلَـٰئِكَ عِندَ ٱللَّهِ هُمُ ٱلْكَاذِبُونَ (13) وَلَوْلاَ فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُ فِى ٱلدُّنْيَا وَٱلآخِرَةِ لَمَسَّكُمْ فِى مَآ أَفَضْتُمْ فِيهِ عَذَابٌ عَظِيمٌ (14) إِذْ تَلَقَّوْنَهُ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُمْ مَّا لَّيْسَ لَكُمْ بِهِ عِلْمٌ وَتَحْسَبُونَهُ هَيِّناً وَهُوَ عِندَ ٱللَّهِ عَظِيمٌ (15) وَلَوْلاۤ إِذْ سَمِعْتُمُوهُ قُلْتُمْ مَّا يَكُونُ لَنَآ أَن نَّتَكَلَّمَ بِهَـٰذَا سُبْحَانَكَ هَـٰذَا بُهْتَانٌ عَظِيمٌ (16) يَعِظُكُمُ ٱللَّهُ أَن تَعُودُواْ لِمِثْلِهِ أَبَداً إِن كُنتُمْ مُّؤْمِنِينَ (17) وَيُبَيِّنُ ٱللَّهُ لَكُمُ ٱلآيَاتِ وَٱللَّهُ عَلِيمٌ حَكِيمٌ (18) إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلْفَاحِشَةُ فِى ٱلَّذِينَ آمَنُواْ لَهُمْ عَذَابٌ أَلِيمٌ فِى ٱلدُّنْيَا وَٱلآخِرَةِ وَٱللَّهُ يَعْلَمُ وَأَنْتُمْ لاَ تَعْلَمُونَ (19) وَلَوْلاَ فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ ٱللَّهَ رَءُوفٌ رَّحِيمٌ (20)
" ހަމަކަށަވަރުން ، ބޮޑުވެގެންވާ ދޮގުވާހަކައައިގެން އައި މީހުންނަކީ ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު މީހުންނެވެ. އެއީ ، ތިޔަބައިމީހުންނަށްހުރި ނުބައެއް ކަމުގައި ތިޔަބައިމީހުން ހީ ނުކުރާށެވެ ! އަދި ކިއެއްތަ ! އެއީ ތިޔަބައިމީހުންނަށް ހުރި ހެވެކެވެ. އެއުރެންކުރެ ކޮންމެ މީހަކަށްމެ ، ފާފައިގެ ތެރެއިން އެމީހަކު ހޯދައިގަތް ކަމެއް ވެއެވެ. އަދި ، އެއުރެންގެ ތެރެއިން އެކަމުގެ ބޮޑުބައި ލިބގަތް މީހާ ( ދަންނާށެވެ ! ) އޭނާއަށް ބޮޑުވެގެންވާ ޢަޒާބު ހުށްޓެވެ. (11) އެވާހަކަ އިވުނު ހިނދު ، މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުން ، އެއުރެންގެ އަމިއްލަ ނަފްސުތަކާމެދުގައި ހެޔޮކޮށް ހީނުކުޅައީ ، ކީއްވެގެން ބާވައެވެ ؟ އަދި މިއީ ، ބަޔާންވެ ފާޅުވެގެންހުރި ބޮޑު ދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ ؟ (12) އެކަމުގެ މައްޗަށް އެއުރެން ހަތަރު ހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ ؟ ފަހެ ، އެއުރެން ، ( އެކަން ދެނަހުރި ) ހެކިން ނުގެނައި ހިނދު ، ފަހެ ، ﷲ ގެ ޙަޟުރަތުގައި އެއުރެންނީ ހަމަ ދޮގު ހަދާ މީހުންނެވެ. (13) ދުނިޔެއާއި އާޚިރަތުގައި ، ތިޔަބައިމީހުންގެ މައްޗަށް ﷲ ގެ ފަޟުލުވަންތަ ކަމާއި އެކަލާނގެ ރަޙުމަތްވަންތަ ކަން ނެތްނަމަ ، ތިޔަބައިމީހުން ދައްކަމުން ގެންދިޔަ ވާހަކަ ތަކާމެދު ، ބޮޑުވެގެންވާ ޢަޒާބެއް ، ތިޔަބައިމީހުންގައި ބީހިއްޖައީސްކަން ކަށަވަރެވެ. (14) ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ، ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި ، ﷲ ގެ ޙަޟުރަތުގައި އެކަންތައް ބޮޑު ކަމެއްކަމުގައިވާ ޙާލު ، އެއީ ކުޑަ ކަމެއް ކަމުގައި ތިޔަބައިމީހުން ހީ ކުރަމުއެވެ. (15) ތިޔަބައިމީހުންނަށް އެވާހަކަ ، އަޑު އިވުނު ހިނދު ، ( މިހެން ) ތިޔަބައިމީހުން ނުބުނީ ކީއްވެގެން ހެއްޔެވެ ؟ މިވާހަކަ ދެއްކުމަކީ ، ތިމަންމެން ކޮށްގެންވާނެ ކަމެއްނޫނެވެ. އިބަރަސްކަލާނގެ ހުސް ޠާހިރުވަންތަ ކަމާއެވެ ! މިއީ ބޮޑުވެގެންވާ ބުހުތާން ދޮގެކެވެ. (16) ތިޔަބައިމީހުންނީ މުއުމިނުންކަމުގައި ވާނަމަ ، އެފަދަ ކަމަކަށް ދުވަހަކުވެސް އެނބުރި ނުދިއުމަށް ﷲ ތިޔަބައިމީހުންނަށް ވަޢުޡު އިއްވަވަތެވެ. (17) އަދި ، ﷲ ތިޔަބައިމީހުންނަށްޓަކައި އާޔަތްތައް ބަޔާންކޮށް ދެއްވަތެވެ. ﷲ އީ ، މޮޅަށް ދެނެވޮޑިގެންވާ ، ޙަކީމުވަންތަ ރަސްކަލާނގެއެވެ. (18) ހަމަކަށަވަރުން ، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި ، ޢަމަލު ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުން ( ދަންނާށެވެ ! ) ދުނިޔެއާއި އާޚިރަތުގައި އެމީހުންނަށް ، ވޭންދެނިވި ޢަޒާބު ހުށްޓެވެ. ﷲ ދެނެވޮޑިގެން ވެތެވެ. އަދި ، ތިޔަބައިމީހުންނަކަށް ނޭނގެތެވެ. (19) ތިޔަބައިމީހުންގެ މައްޗަށް ﷲ ގެ ފަޟުލުވަންތަ ކަމާއި ، އެކަލާނގެ ރަޙުމަތްވަންތަކަން ނުވާނަމަ ، އަދި ހަމަކަށަވަރުން ، ﷲ އީ ، ނުހަނު އޯގާވަންތަ ، ރަޙީމުވަންތަ ކަލާނގެ ކަމުގައި ނުވާނަމަ ، ( ތިޔަބައިމީހުންގެ މައްޗަށް ވަގުތުން ކޯފާ ފޮނުއްވައިފީހެވެ. ) (20)
ޢައިޝަތުގެފާނުގެ މައްޗަށް ކުރެވުނު ދޮގުތުހުމަތާބެހޭގޮތުން ބާވައިލެއްވުނު މިއާޔަތުގެ މާނަޔާ ބެހޭގޮތުން ، ޢަބްދުﷲ އިބްނު ޢައްބާސް އަރިހުގައި ސުއާލު ދެންނެވުމުން ، ވިދާޅުވެފައި ވެއެވެ.
" ހަތަރު މީހެއްގެ ހަތަރުކުށް ، ﷲ މަޢާފުކޮށްދެއްވައިފިއެވެ. އަދި އެމީހުންނަށް ކުރެވުނު ކުށުން ސަލާމަތް ކޮށްދެއްވައިފިއެވެ. އަދި ކީރިތި ޤުރުއާނުގެ އެ މޫރިތި އާޔަތްތަކުން ، ޢާއިޝަތު ރަޟިޔަﷲ ޢަންހާގެ މައްޗަށް ކުރެވުނު ތުހުމަތުން އެކަމަނާ ސަލާމަތްވެ ވަޑައިގެންފިއެވެ. "
ކީރިތި ޤުރުއާނުގެ މި އާޔަތްތައް ބާވައިލެއްވުމުން ، ޢައިޝަތުގެފާނުގެ ކުށެއްނެތްކަން ސާބިތުވުމާއެކު ، އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅަށް ލިބިވަޑައިގަތީ ، ފަޚުރުވެރި މަޤާމެކެވެ. އެބޭފުޅުންގެ ހިތްޕުޅުގައިވާ ހާސްކަމާއި ތަކުލީފުން ސަލާމަތް ވެވަޑައިގެންނެވިއެވެ. އެކަމަނާއަކީ އެއްވެސް ކުށަކަށް ހުށަހޮޅިވެވަޑައިނުގަންނަވާނެ ބޭފުޅެއްކަމުގެ ޔަޤީންކަން ލިބިވަޑައި ގަތެވެ. އެކަމަނާގެ އިސްތަށިފުޅުގައި އެޅިފައިވާ ތުހުމަތަށް ، ކީރިތި ޤުރުއާނުން އާޔަތް ބާވައިލައްވައި ﷲ ގެ ވަޙީގެ ބަސްފުޅު އައުން ވެގެން ދިޔައީ ، މަދީނާގެ އަހުލުވެރިންނަށް ލިބުނު ވަރަށްބޮޑު ޙައިރާން ކަމަކަށެވެ. ޢައިޝަތުގެފާނުގެ މަޤާމު ، މަދީނާގެ އަހުލުވެރިންގެ މެދުގައި އިތުރަށް އުފުލިގެން ދިޔައެވެ. ޢައިޝަތުގެފާނު އެކަމަށްޓަކައި ﷲ އަށް ޙަމްދާއި ޝުކުރު ކުރެއްވިއެވެ. އެކަމަނާއަށްޓަކައި ބާވައިލެއްވި ، ކީރިތި ޤުރުއާނުގެ އެ އާޔަތްތަކަކީ ޤިޔާމަތަށް ދާނދެން އިސްލާމީ އުއްމަތުގެ މީސްތަކުން ކިޔައި އެކަމުން ޢިބްރަތް ލިބިގަންނާނެ މޫރިތި އާޔަތް ތަކެކެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، 14 އަހަރު ވަންދެން ޢައިޝަތުގެފާނާއެކު ދިރިއުޅުއްވިއެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހު ، 47 ނުވަތަ 48 އަހަރު ވަންދެން ޢައިޝަތުގެފާނު ދުނިޔޭގައި ހުންނެވިއެވެ. އެކަމަނާ ގިނައިން އުޅުއްވީ މަދީނާގައެވެ. ގިނަވަގުތު ހޭދަކުރެއްވީ ކީރިތި ޤުރުއާން އުނގެނި ދަސްފުޅު ކުރެއްވުމުގައްޔާއި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް މީސްތަކުންނަށް ދަސްކޮށް ދެއްވުމުގައެވެ. ކުރިންވެސް ބަޔާންކުރެވިފައިވާ ފަދައިން ، ޢައިޝަތުގެފާނަކީ ، ކީރިތި ޤުރުއާން ހިތުދަސް ބޭފުޅެކެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުންކުރެ ، ކީރިތި ޤުރުއާން ހިތުދަސްކުރައްވައިގެން ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ ޢައިޝަތުގެފާނާއި ޙަފުޞަތުގެފާނާއި އުއްމު ސަލްމާގެ ފާނެވެ.
ޢައިޝަތުގެފާނަކީ ، މިއުއްމަތުގެ އިސްލާމީ ޕޮލިޓިކްސްގައިވެސް ، ޚަލީފާއިންގެ ދުވަސްވަރު ، މުހިންމު ރޯލެއް އަދާކުރެއްވި ބޭފުޅެކެވެ. އެއީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތަށް އެކަމަނާ އަހުލުވެރިވެ ވަޑައިގެން ހުންނެވިލެއް މަތިވެރި ކަމުންނެވެ. އިސްލާމީ އުއްމަތުގެ އެންމެ ފުރަތަމަ ތިން ޚަލީފާއިންގެ ދުވަސްވަރު ، އެކަމަނާ ހިމެނިވަޑައިގެންފައިވަނީ ، ޚަލީފާއިންގެ ސިޔާސަތާއި ޙުކުމްތަކުގައި ލަފާފުޅު އަރުވާ ބޭފުޅެއްގެ ގޮތުގައެވެ. ޢައިޝަތުގެފާނަކީ ، އަންހެންވެރިން ގޭގައި ބަންދުވެތިބުމުގެ ސަޤާފަތު ރޫޅައިލެއްވުމަށް ، އިސްލާމްދީނުގެ ކުރީކޮޅު އިސްނެންގެވި ބޭފުޅެކެވެ. އެކިއެކި ޢާންމު ޖަލަސާތަކުގައި ވާހަކަ ދައްކަވައި އަންހެނުންގެ މަޤާމު އިތުރު ހަރުފަތްތަކަށް އުފުއްލެވިއެވެ. އެކަމަނާވަނީ ، އިސްލާމުންގެ ފަތަޙަ ކުރި އެތައް ހަނގުރާމައެއްގައި ބައިވެރިވެ ވަޑައިގެން އުއްމަތަށް ޚިދުމަތް ކުރައްވާފައެވެ. އަދި އެއިން ކޮންމެ ޙާލަތެއްގައިވެސް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ދިރުއްވާފައެވެ.
ޢައިޝަތުގެފާނުގެ ބައްޕާފުޅު ، މި އުއްމަތުގެ ފުރަތަމަ ޚަލީފާ ކަމުގައިވާ ، އަބޫބަކުރުއްޞިއްދީޤުގެ ޚަލީފާކަމުގައި އެކަމަނާއަށް ވަނީ ، " އަލްޞިއްދީޤު ބިންތި އަލްޞިއްދީޤު " ގެ ލަޤަބުފުޅު އެރުވިފައެވެ. މާނަޔަކީ ، ތެދުވެރި އަންހެނާ އަދި ތެދުވެރި ފިރިހެނާގެ ދަރިކަނބަލުން ނެވެ.
ޚަލީފާ ، ޢުމަރުލްފާރޫޤަކީ މި އުއްމަތުގެ ދެވަނަ ޚަލީފާ އެވެ. ޢުމަރުގެފާނުގެ ޚަލީފާކަމުގައި ، ޢައިޝަތުގެފާނުވަނީ ، އެކަލޭގެފާނުގެ ސިޔާސީ މުޝީރެއްގެ މަޤާމުގައި މަސައްކަތް ކުރައްވާފައެވެ.
ޚަލީފާ ، އުޘްމާނު އިބްނު ޢައްފާނުގެ ޚަލީފާކަމުގެ ފުރަތަމަ ދެ އަހަރު ، ޢައިޝަތުގެފާނު ، ސިޔާސީ އެއްވެސްކަމެއްގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް ، އޭގެފަހުން ، އުސްމާނުގެފާނުގެ ޚަލީފާކަމުގައިވެސް ، ސިޔާސީ ކަންކަމުގައި އެކަމަނާ ، ޙަރަކާތްތެރިވެ ވަޑައިގެންފައި ވެއެވެ.
ޢަލީ އިބްނު އަބީޠާލިބުގެ ޚަލީފާކަމުގައި ، ޢައިޝަތުގެފާނު ވަނީ ސިޔާސީ ކަންކަމުން ދުރުހެލިވެ ވަޑައިގެންފައެވެ. އޭގެފަހުން ، ޢަޝަތުގެފާނު ވަގުތު ހޭދަކުރެއްވީ ، މަދީނާގައި އިސްލާމްދީން ކިޔަވައި ދެއްވުމުގައެވެ.
ހިޝާމް އިބްނު ޢުރުވާއަކީ ޙަދީސް ޢިލްމަށް ނަން މަޝްހޫރު ބޭފުޅެކެވެ. ޢައިޝަތުގެފާނާ ބެހޭގޮތުން ، އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. " ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ، އޭގެ މަޤްޞަދާ އަދި ސުންނަތާއި އޭގެ މަފްޙޫމް ، އަދި ނަސަބާއި އިސްލާމީ ޙުކުމްތަކާއި ޤާނޫނު ، ޅެންވެރިކަމާއި ބޭސްވެރިކަމުގައި ، ޢައިޝަތުގެފާނު ފަދަ ދެވަނަ ބޭފުޅަކު ތިމަންކަލޭގެފާނަށް ފެނިފައެއް ނުވެއެވެ. އަޅުގަނޑު އެއްދުވަހަކު ، ޢައިޝަތުގެފާނު އަރިހުގައި ދެންނެވީމެވެ. ބޭސްވެރިކަމުގައި ކަމަނާގެ މަޢުލޫމާތު އެހާ މުއްސަނދީ ކީއްވެތޯއެވެ ؟ ބޮޑުދައިތާ ފުޅާއެވެ ! ކަމަނާ އެހާ މޮޅަށް އެކަން އުނގެނިވަޑައިގަތުމަކީ ، ޢަޖައިބެއްފަދަ ކަމެކެވެ. "
ޢައިޝަތުގެފާނު ޖަވާބު ދެއްވިއެވެ. " ތިމަންކަމަނާ އާލާސްކަންފުޅާ އުޅުއްވާއިރު ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަގެ އަތްޕުޅުން ބޭސް ތައްޔާރުކޮށްދެއްވައި ބޭސް އަޅުއްވައި ދެއްވައެވެ. އަދި އެހެން މީހުން ބަލިވީމާވެސް ހަމަ އެފަދައިން އެކަލޭގެފާނު ޢަމަލު ކުރައްވައެވެ. އެހެން މީހުންވެސް އެކަކު އަނެކަކަށް ، ހަމަ އެގޮތަށް ބޭސްކޮށް އުޅޭތަން ތިމަންކަމަނާއަށް ފެނިވަޑައި ގަނެއެވެ. އެހުރިހާ ބޭސްވެރިކަމެއް ތިމަންކަމަނާ ހިތުދަސް ކުރައްވަމެވެ. "
ޢާއިޝަތުގެފާނު އަވަހާރަވީ ، އެކަމަނާގެ ގަނޑުވަރުގައި މަދީނާގައި ،ހިޖުރީ ސަނަތުން 17 ރަމަޟާން 58 ގައެވެ. އެއީ މީލާދީ ސަނަތުން 16 ޖުލައި 678 އެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 67 އަހަރު ފުޅެވެ. އެކަމަނާ ފަސްދާނު ލެވިފައިވަނީ ، ޖަންނަތުލް ބަޤީޢުގައެވެ. ޖަންނަތުލް ބަޤީޢުގެ މާނަޔަކީ ، : ސުވަރުގޭގެ ބަގީޗާ " އެވެ. ޖަންނަތުލް ބަޤީޢު އޮންނަނީ ، މަދީނާގައި ހުންނަ މަސްޖިދުއްނަބަވީއާ ޖެހިގެން ، އެ މިސްކިތުގެ އިރުމަތީގައެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާގެ މައްޗަށް ކަށުނަމާދު ކުރެއްވީ އަބޫ ހުރައިރާއެވެ.
(ނިމުނީ)