ޢާއިޝަތު ރަޟިޔަﷲ ޢަންހާ (މުއުމިނުތަކުންގެ މައިކަނބަލުން)  - 1

ޢާއިޝަތު ބިންތި އަބޫ ބަކްރު ރަޟިޔަﷲ ޢަންހާއަކީ ، ހުރިހާ ޒަމާނަކަށްވެސް ، އަންހެން ކަނބަލުންގެ ލާމަސީލު މިސާލެކެވެ. އެކަމަނާއަކީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތިންވަނަ އަނބިކަނބަލުންނެވެ. އަދި ، ކައިވެނި ބައްލަވައިގެންނެވި އިރު ، އެންމެ ޅަ އަނބިކަނބަލުންވެސް މެއެވެ. އިސްލާމީ އުއްމަތުގައި އެކަމަނާގެ ނަންފުޅު ޚާއްޞަކުރެވިގެންވަނީ ، އުއްމުލް މުއުމިނީން ، ނުވަތަ " މުއުމިނުތަކުންގެ މައިކަނބަލުން " ގެ ގޮތުގައެވެ. އެކަމަނާ އުފަންވެވަޑައިގެންނެވިކަމަށް ބެލެވެނީ ޢީސާގެފާނުގެ ސަނަތުން 614 ވަނަ އަހަރު ، ސުޢޫދީ ޢަރަބިއްޔާގެ މައްކާގައެވެ. އަވަހާރަވެ ވަޑައިގަތީ  ޢީސާގެފާނުގެ ސަނަތުން ، 13 ޖުލައި 678 ގައި ސުޢޫދީ ޢަރަބިއްޔާގެ މަދީނާގައެވެ. އެއީ ، ހިޖުރީ ސަނަތުން 58 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެކަމަނާ ކައިވެނި ބައްލަވައިގަތީ ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ރަސޫލުކަމައިގެން ފޮނުއްވުމުގެ 3 ނުވަތަ 4 އަހަރު ފަހުންނެވެ.

އެކަމަނާވަނީ 2210 ޙަދީސް ރިވާކުރައްވާފައެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވީފަހުން ، އެކަމަނާގެ ދިރިއުޅުއްވުން ޚާއްޞަ ކުރެއްވީ ، އިޖްތިމާޢީ މަސައްކަތްޕުޅާއި ތަޢުލީމުގެ ދާއިރާއިން ޖަމާޢަތަށް ޚިދުމަތް ކުރެއްވުމަށެވެ. އެކަމަނާއަކީ ޅެންވެރިކަމާއި ބޭސްވެރިކަމަށް އަރާހުންނެވި ބޭފުޅެކެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރިގެވަޑައިގަތުމަށްފަހު ، 44 އަހަރު ވަންދެން އިޖްތިމާޢީ ޚިދުމަތުގައި އެކަމަނާ ދެމިހުންނެވިއެވެ. ވިސްނުންފުޅު ތޫނު ، ދޫފުޅު ހެލޭ ބޭފުޅެކެވެ. ވާހަކަފުޅު ދެއްކެވުމަށް ކުޅަދާނަފުޅު ، ބަލާޣަތްތެރި ބޭފުޅެކެވެ.

ޢާއިޝަތުގެފާނަކީ ، ކީރިތި ޤުރުއާން ހިތުދަސް ބޭފުޅެކެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބި ކަނބަލުންގެ ތެރެއިން ޤުރުއާން ހިތުދަސް އިތުރު ދެބޭފުޅުން ތިއްބަވައެވެ. އެއީ ޙަފުޞަތުގެ ފާނާއި އުއްމު ސަލްމާ އެވެ. އެޒަމާނުގައި އިސްލާމްދީނުގެ ޙުކުމްތައް ދެނެގަތުމަށް ގިނަމީހުން އަންނަނީ ޢާއިޝަތު ރަޟިޔަﷲ ޢަންހާގެ އަރިހަށެވެ. އޭގެ ތެރެއިން ، ޚާއްޞަކޮށް އަންހެންވެރިން ، އެބައިމީހުންނަށް ދިމާވާ މައްސަލަތަކުގެ ދީނީ ޙުކުމް ދެނެގަތުމަށް އެކަމަނާގެ އަރިހަށް ޒިޔާރަތްކުރުން ގިނައެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބި ކަނބަލުންގެ ވާހަކަ ، ކީރިތި ޤުރުއާނުގެ އަލްއަޙްޒާބު ސޫރަތުގެ ހަވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެއެވެ.

ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنْفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ وَأُوْلُو ٱلأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَابِ ٱللَّهِ مِنَ ٱلْمُؤْمِنِينَ وَٱلْمُهَاجِرِينَ إِلاَّ أَن تَفْعَلُوۤاْ إِلَىٰ أَوْلِيَآئِكُمْ مَّعْرُوفاً كَانَ ذٰلِكَ فِى ٱلْكِتَابِ مَسْطُوراً

" މުއުމިނުންނަށް އެއުރެންގެ އަމިއްލަ ނަފުސުތަކަށްވުރެ ، ނަބިއްޔާ އައުލާކަން ބޮޑެވެ. އަދި ، އެ ނަބިއްޔާގެ އަނބިއަނބިކަނބަލުންނީ ، އެއުރެންގެ މައިންނެވެ. މުއުމިނުންނާއި ، މުހާޖިރުންގެ ތެރެއިންވާ މީހުންނަށްވުރެ ، ﷲ ގެ ފޮތުގައި ކަނޑައަޅުއްވާފައިވާ ގޮތުގައި ، ގާތްތިމާގެ މީހުން އޭގެ އެއްބަޔަކު އަނެއްބަޔަކާ އައުލާކަން ބޮޑެވެ. ތިޔަބައިމީހުންގެ އެކުވެރިންނަށް ހެޔޮކަމެއް ކުރުމުގެ ގޮތުން ، ބާއްވާ ގުޅުމެއް މެނުވީއެވެ. ފޮތުގައި ، ( އެބަހީ : އައްލަވްޙުލް މަޙްފޫޟުގައި ) ލިޔުއްވާފައިވާ ކަމެއްކަމުގައި އެކަންތައް ވިއެވެ. "

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުންނަކީ ، މުއުމިނުތަކުންގެ މައިންކަމުގައި ، ކީރިތި ޤުރުއާނުގައި ، ބަޔާން ކުރައްވާފައި ވެއެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންކުރެ ، މުސްލިމުންގެ މެދުގައި އެންމެ މަޤްބޫލު ދެބޭފުޅުންނަކީ ، ޚަދީޖަތުގެފާނާއި ޢައިޝަތުގެފާނެވެ. ޚަދީޖަތުގެފާނަކީ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޮށީ އަނބިކަނބަލުންނެވެ. ޢައިޝަތުގެފާނަކީ ، އެންމެ ހަގު އަނބިކަނބަލުންނެވެ. ރަސޫލު ޞައްލަﷲ ޢަލައި ވަސައްލަމަގެ މަތިވެރި ޙަޔާތްޕުޅުގައި ހިނގައި ގޮސްފައިވާ ކަންކަމުގެ ތެރެއިން ، އެންމެ ގިނަކަންކަން ގުޅިފައިވަނީވެސް މިދެ އަނބިކަނބަލުންނާއެވެ.

ޢައިޝަތުގެފާނުގެ ޢުމުރުފުޅުން ފަސް އަހަރުފުޅުގައި  ، އަބޫބަކުރުގެފާނުގެ އަރިހަށް ރަސޫލު ޞައްލަﷲ ޢަލައި ވަސައްލަމަ ކުރެއްވި ޒިޔާރަތެއްގައި ޢައިޝަތުގެފާނު ދެކެވަޑައިގަތެވެ. އެއިރު ، އެކަމަނާ ކުޅުއްވަން ގެންގުޅުއްވި އެއްޗަކާބެހޭގޮތުން ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުއާލު ކުރެއްވިއެވެ. އެކަމަނާ ދެންނެވީ އެއީ އަހެއް ކަމުގައެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިނިވަރުނަ ކުރައްވައި ، އަހުގައި ފިޔައެއް ނުހުންނާނެކަމުގައި ވިދާޅުވެ ސަމާސާފުޅު ކޮށްލެއްވިއެވެ. އެކަމަނާގެ ޖަވާބަކަށްވީ ، ސަލާމްލެއްވި ސުލައިމާން ނަބީކަލޭގެފާނުގެ އަތްޕުޅުގައި ފިޔަލެއްވިގެންވާ އަސްކޮޅެއް އޮތް ކަމުގައެވެ.

އެޙާދިސާއިން އެކަނިވެސް ، އެހާ ޅަ ޢުމުރުފުޅުގައި ،  ޢައިޝަތުގެފާނުގެ ވިސްނުންފުޅު ތޫނުކަމާއި ، އިސްލާމީ ތާރީޚާއި ދީނަށް ލޯފުޅު ހުޅުވިފައިއޮތް މިންވަރު ސާފު ވެއެވެ. އަދި އެކަމަނާގެ ބައްޕާފުޅު ، އަބޫބަކުރުއްޞިއްދީޤު ، އެކަމަނާއަށް ، ދީނީ ޢިލްމާއި އިސްލާމީ ތާރީޚު އުނގަންނަވައިދެއްވަމުން ގެންދަވާފައިވާކަން އެނގެއެވެ. އެކަމަނާއަށް ފެނިވަޑައިގަންނަވާ ، އަދި އިވިވަޑައިގަންނަވާ ކަންކަން ސިކުނޑިފުޅުގައި ވަރަށް ރަނގަޅަށް ހަރުލައި ހުރެއެވެ. މިސާލަކަށް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވިއިރު ، ޢައިޝަތުގެފާނުގެ ޢުމުރުފުޅަކީ އެންމެ އަށް އަހަރުފުޅެވެ. އެހެންނަމަވެސް ، އެދުވަހު މައްކާ އާއި މަދީނާގައި ހިނގާފައިވާ ތާރީޚީ ޙާދިސާތައް ، އޭގެ އެތައް އަހަރެއްފަހުންވެސް ، އެކަމަނާގެ ހިތްޕުޅުގައި ހަރުލާފައި ހުއްޓެވެ.

ޢައިޝަތުގެފާނު ރިވާ ކުރައްވާފައި ވެއެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަން ކަމަނާގާތު ވިދާޅުވިއެވެ. " ތިމަންކަލޭގެފާނަށް ދެފަހަރެއްގެ މަތިން ، ހުވެފެންފުޅުގައި ކަމަނާ ފެނިވަޑައިގެންފައި ވެއެވެ. ފެހިކުލައިގެ ސިލްކުފޮތިން ނިވައިކުރެވިގެންވާ އަންހެން ކަނބަލަކު ، ޖިބްރީލްގެފާނުގެ އަތްޕުޅުމަތިން  ، ތިމަންކަލޭގެފާނަށް ، ގެނެސްދެއްވިއެވެ. އަދި އެއީ ތިމަންކަލޭގެފާނުގެ އަނބިކަނބަލެއްކަމުގައި ، ޖިބްރީލުގެފާނު ވިދާޅުވިއެވެ. އެއީ ، ކަމަނާއެވެ. " އެވަގުތު ، އެއީ ﷲ ގެ މަތިވެރި ނިންމެވުމެއްކަމަށް ވަންޏާ އެކަމެއް ހިނގާނެކަމުގައި ، ތިމަން ކަމަނާގެ ހިތްޕުޅަށް އެރިއެވެ. ( ޞަޙީޙް ބުޚާރީ : 7011 )

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ޢައިޝަތުގެފާނާ ކައިވެނި ބައްލަވައިގަތީ ބަދުރު ހަނގުރާމަ ނިމުނު ތަނާއެވެ. ކައިވެނިފުޅު ކުރެވުނީ ޝައްވާލް މަހެއްގައެވެ. ކައިވެނިފުޅަށްފަހު ، މަސްޖިދުއްނަބަވީ ކައިރީގައި ހުންނަ އެކަލޭގެފާނުގެ ގަނޑުވަރަށް ، ޢައިޝަތުގެފާނު ބަދަލުވެ ވަޑައިގަތެވެ. މަދީނާގައި އެދުވަސްވަރު ، ގެދޮރު ބިނާކުރެވިފައި ހުންނަނީ މަށްޓާއި ކަދުރު ރުއް ބޭނުންކޮށްގެންނެވެ. ގަނޑުވަރުގެ ކޮޓަރިކޮޅު ވަރަށް ކުޑައެވެ. ކަދުރު ރުކުގެ ފަނުން ތައްޔާރުކުރެވިފައިވާ ކުނާކޮޅެއް ފިޔަވައި އެހެން އެއްޗެއް އެކޮޓަރިކޮޅަކު ނުވެއެވެ. ކޮޓަރިކޮޅުގެ ދޮރުކޮޅަކީ ، ޖަނަވާރުގެ ހަމުން ތައްޔާރުކުރެވިފައިވާ ސަތަރި ގަނޑެކެވެ. އޭގެފަހުން ހިފާގެންގުޅޭ ވަރަށް މަދު އެއްޗެއް ގަނޑުވަރުގައި ބޭނުންކުރެއްވުމަށް ހޯއްދެވިއެވެ. އެހާ ޅަ ޢުމުރުފުޅުގައި ، ޢައިޝަތުގެފާނުގެ ޒަވާޖީ ޙަޔާތްޕުޅު ފެށިގެން ދިޔައީ އެކުޑަކުޑަ ކޮޓަރިކޮޅުންނެވެ.

ޢައިޝަތުގެފާނަކީ ، އެހެންހުރިހާ އަންހެން ކަނބަލުންނަށް މިންވަރު ނުކުރައްވާފަދަ އެތައް ރަޙުމަތްފުޅެއް ލިބިވަޑައިގެންވާ މަތިވެރި ބޭފުޅެކެވެ. ސަލާމްލެއްވި ޢީސާގެފާނުގެ މައިކަނބަލުން ، މަރިޔަމްގެފާނު ފިޔަވައި ، ޢައިޝަތުގެފާނަށް ﷲ ގެ ޙަޟުރަތުން ލިބިވަޑައިގެންފައިވާ ރަޙުމަތާއި ނިޢުމަތް ، އެހެން އަންހެން ކަނބަލަކަށް މިންވަރު ކުރައްވާފައެއް ނުވެއެވެ.

ޢައިޝަތުގެފާނު ފިޔަވައި ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ އެހެން ހުރިހާ އަނބިއަނބިކަބަލުންނަކީ ، އެކަލޭގެފާނާ ކައިވެނިފުޅު ބައްލަވައިގަތުމުގެ ކުރިން އެހެން ކައިވެނިފުޅެއް ކުރައްވާފައިވާ ބޭފުޅުންނެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއެކު ، އަލަތު ކައިވެނިފުޅުގެ ފަޚުރާއި ޝަރަފް ލިބިވަޑައިގެންވަނީ ހަމައެކަނި ޢައިޝަތުގެފާނަށެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ، ސުވަރުގެވަޑައިގެންފައިވަނީ ، ޢައިޝަތުގެފާނުގެ ގަނޑުވަރުގައި ، އެކަމަނާގެ ކޮޓަރިކޮޅުގައި ، އެކަމަނާގެ އަތްޕުޅު މަތީގައެވެ. އެކަމލޭގެފާނު ވަޅުފުޅު ލެވިފައިވަނީވެސް ، ޢައިޝަތުގެ ފާނުގެ ގަނޑުވަރުގައި އެކަމަނާގެ ކޮޓަރިކޮޅުގައެވެ.

ޢަމްރު ބިން ޢާސް ރިވާކުރައްވާފައިވާ ޙަދީސެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. " ހުރިހާ މީހުންގެ ތެރެއިންވެސް ކަލޭގެފާނު ، އެންމެ ލޯބިފުޅުވާ ބޭފުޅަކީ ކޮބައިތޯ ؟ " ތިމަންނާ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައާ ، ސުއާލު ކުރީމެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރެއްވިއެވެ. " ޢައިޝަތުގެފާނެވެ. " ފިރިހެނުންކުރެ އެންމެ ލޯބިފުޅުވަނީ ކޮންބޭފުޅެއް ދެކެތޯ ތިމަން ސުއާލު ކުރުމުން ޙާދީސް ކުރެއްވިއެވެ. " އެކަމަނާގެ ބައްޕާފުޅު ، އަބޫބަކުރުއްޞިއްދީޤެވެ. " (ތިރުމިޛީ  :3886)

އަބޫބަކުރުއްޞިއްދީޤުގެ ލޮބުވެތި ދަރިކަނބަލުން ، އަދި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮބުވެތި އަނބިކަނބަލުން ، ޢައިޝަތުގެފާނަކީ ، ދުނިޔޭގެ ހުރިހައި ޒަމާނެއްގެ ބަޔަކު ބަލައިގަންނަ ނަމޫނާ ޝަޚުޞިއްޔަތެކެވެ. އީމާންތެރިކަމާއި ކެތްތެރިކަން ، މިންވަރަށް އީމާންވުމާއި ލިބޭމިންވަރުން ފުއްދުން އެއީ ޢައިޝަތުގެފާނުގެ ޝަޚުޞިއްޔަތާ ގުޅިފައިވާ މުހިންމު ސިފަފުޅު ތަކެވެ. ބަނޑުހައި ހޫނުކަމާއި ފަޤީރުކަމުގައި އެކަމަނާގެ ކެތްތެރިކަން އިންތިހާއެވެ. އިސްލާމީ ތާރީޚީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ، ޢައިޝަތުގެފާނުގެ ގަނޑުވަރުގެ ބަދިގެކޮޅުގެ އުނދުނަށް ހުޅުކޮޅެއް ނުލައްވައި ދެމަސް ، ތިންމަސް ހޭދަކުރައްވައެވެ. އެދުވަސްވަރު ، ފަރީއްކޮޅަކަށް ، އެބޭފުޅުން ބޭނުންކުރައްވައި އުޅުއްވަނީ ކަދުރާއި ފެނެވެ.

ޢައިޝަތުގެފާނަކީ ، ޙަދީސް ޢިލްމަށްވެސް އަރާހުންނެވި ބޭފުޅެކެވެ. އެކަމަނާ ވަނީ ފިރިހެނުންނަށްވެސް ޙަދީސް ޢިލްމު އުނގަންނަވައި ދެއްވާފައެވެ. އަދި ޢިލްމީ ޚިލާފު އުފެދޭ ބަޙުސްތަކުގައި ބައިވެރިވެވަޑައިގެން ، ދީނީ ޚިލާފުތައް ނައްތައިލައްވައި ، ހަދީސް ފޮތް ލިޔުއްވާފައި ވެއެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮބުވެތި އަނބިއަނބިކަނބަލުންކުރެ ، އެކަލޭގެފާނަށް ބޭވަފާތެރިވެވަޑައިގަތް ބޭފުޅެއްގެ ގޮތުގައި ، މުނާފިޤުންގެ ބަޔަކު ، ޢައިޝަތުގެފާނު ސިފަކޮށް ، ދޮގު ވާހަކަތަކެއް ފަތުރައިފާ ވެއެވެ. މި ޙާދިސާވެގެން ދިޔައީ ،  އިސްލާމީ ތާރީޚުން ، މުނާފިޤުންނަށް ރީތި ފިލާވަޅެއް ލިބުމާއެކު ، ޢައިޝަތުގެފާނުގެ ތެދުވެރިކަމާއި ވަފާތެރިކަން ، ﷲ ގެ ވަޙީބަސްފުޅުން ދުނިޔެއަށް ހާމަވެގެންދިޔަ ޙާދިސާއަކަށެވެ. މި ޙާދިސާއާ ގުޅިގެން ، ޢައިޝަތުގެފާނަށް ވަރަށްބޮޑު ހިތާމަވެރިކަމެއް ލިބިވަޑައިގެން ، އެކަމަނާގެ ހަށިކޮޅު ނިކަމެތިވެގެން ދިޔައެވެ. އެހެންނަމަވެސް ، އެކަމަނާގެ އިޢުތިޤާދު ހަރުދަނާ ކުރައްވައި ، އެކަމަނާއާ ބެހޭގޮތުން މުނާފިޤުން ފަތުރާފައިވާ ދޮގު ޚަބަރާ ގުޅިގެން ކުރިމަތިވެ ވަޑައިގެންނެވި މުޞީބާތުން ، ސަލާމަތްވެ ވަޑައިގަންނަވާނެކަމުގެ އުއްމީދު ދޫކޮށްލައްވާފައެއް ނުވެއެވެ. އެކަމަނާގެ ގޮތުގައި ސާބިތުވެ ހުންނެވިއެވެ.

(ނުނިމޭ)

 

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.