އަތޮޅުތަކުގެ ރަށްރަށުގައި މީގެކުރިން އިންޖީނުގެތައް ހިންގަމުން އައީ ރައްޔިތުން ނެވެ. ނުވަތަ އެރަށެއްގައި އޮންނަ ކްލަބު ޖަމިއްޔާއަކުން ނެވެ.
އެ އިންޖީނުގެ ތަކަކީ މީހުން ދިރިއުޅޭ ހިސާބުގައި ހުންނަ ތަންތަނަށް ވީއިރު، އަރަމުންދާ ގެދަބުޅިތަކުން ރައްޔިތުންނަށް އެތައް އުނދަގޫތަކެއް އައީ ފޯރަމުން ނެވެ.
އެހެންނަމަވެސް އެޒަމާން ފަސްދީ، މިހާރު މިވަނީ އެންމެ ޒަމާނީ އިންޖީނުގެތައް އަޅައި، އަރަމުންދިޔަ ގެދަބުޅިތަކުން ރައްޔިތުން ސަލާމަތްވެފަ އެވެ.
މި ހުރިހައި ކަމެއްގެ ހިފެހެއްޓުމެއް ޝުކުރު އޮތީ ފެނަކަ ކޯޕަރޭޝަނަށެވެ.
އެ ކޯޕަރޭޝަނުން، އަތޮޅުތަކުގެ އިންޖީނުގެތައް ހިންގުމާއި ހަވާލުވުމުގެ ސިލްސިލާއަށް މިހާރުމިވަނީ ނ. ފޮއްދޫ، ގއ. ކޮނޑޭ، މ.ރަތްމަންދޫ އަދި ދ. މީދޫ އިތުރުވެފަ އެވެ.
އެރަށް ތަކުގައި ޒަމާންވީ އިންޖީނުގެ ނިއްވާލައި، އާ އިންޖީނު ގެއިން ރައްޔިތުންނަށް ހިދުމަތް ދޭން މިވަނީ ފަށާފަ އެވެ.
މި ހަތަރު ރަށުގައި، އާންމުރައްޔިތުން ދިރިއުޅޭ ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، މުޅިން އާ އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވަނީ އިއްޔެ 07:30 ގައި ކަމަށް އެ ކުންފުނިން ބުނެއެވެ.
ފޮއްދޫގައި ބޭނުން ކުރަމުން ދިޔަ ޒަމާންވީ އިންޖީނުގެ އަކީ 38 އަހަރުވެފައިވާ ތަނެއް ކަމަށާއި ކޮނޑޭ އިންޖީނު ގެއަކީ 21 އަހަރުވެފައިވާ ތަނެއް ކަމަށް ބުންޏެވެ. އަދި ރަތްމަންދޫ އިންޖީނު ގެއަށް 24 އަހަރު އަދި މީދޫ އިންޖީނުގެ ގެއަށް 18 އަހަރުވެފައިވާ ކަމަށް ފެނައިން ބުންޏެވެ.
އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށްފައި ހުންނާނެ ކަމަށް ފެނަކައިން ބުނެ އެވެ.
ހަމައެއާއެކު ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.
155 ރަށުގައި ފެނަކައިން ހިދުމަތް ދެމުން އަންނައިރު ފެނަކައިން އަންނަނީ މީހުން ދިރިއުޅެމުންދާ ސަރަހައްދާ ދުރުގައި އާ އިންޖީނުގެ އިމާރާތްކޮށް އެތަންތަނަށް ރަށްރަށުގެ އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުން ނެވެ.