ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުން، ބްރެޒިލް ބަލިކޮށް، ކްރޮއޭޝިއާ އިން ސެމީ ފައިނަލްގެ ޖާގަ ހޯދައިފިއެވެ.
ބްރެޒިލްއާއި ދެކޮޅަށް ކުޅުނުމި މެޗު ކްރޮއެޝިއާއިން ކާމިޔާބު ކުރީ ޕެނަލްޓީގައި 2-4 ގެ ނަތިޖާއިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 90 މިނިޓުގެ ކުޅުން ހަމަވިއިރު ވެސް، އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވެއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް 15 މިނެތުގެ އިތުރު ދެ ފާހު ކުޅުނެވެ. އިތުރު ވަގުތުގެ 2 ހާފުގެ ތެރޭގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބްރެޒިލް އެވެ. ނަމަވެސް ކްރޮއޭޝިއާއިން ވަނީ ފަހު ވަގުތު ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. އިތުރުވަގުތުގެ ދެ ހާފުވެސް އެއްވަރުވެފައި އޮތުމުން ދެން ނަތިޖާ ނެރެން ޖެހީ ޕެނަލްޓީއެވެ. ޕެނަލްޓީ އިން ކްރޮއޭޝިއާ މޮޅުވީ 4-2 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ މާ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. ދެ ވަނަ ހާފުގައި ބްރެޒިލް ވަރުގަދަކޮށް ފެނުނުއިރު، އެޓީމުން ވަނީ ހަމަލާތައް އުފައްދާފައެވެ. ނަމަވެސް ނޭމާ އާއި ޕަކުއޭޓާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށް ވީ ކްރޮއޭޝިއާގެ ގޯލްކީޕަރ ލިވަކޯވިޗެވެ.
ބްރެޒިލްއިން ލީޑު ނެގީ، އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ވެސް އިތުރު ވަގުތު ތެރޭގައެވެ. ލޫކަސް ޕަކުއޭޓާ އޭރިޔާގެ ތެރެއަށް ވައްޓާލި ބޯޅަ ހިފައިގެން ވަދެ ނޭމާ ބޯޅަ ގޯލަށް ފޮނުވާލީ ކީޕަރުގެ ކައިރިން ވެސް ނައްޓާލުމަށް ފަހުގައެވެ. މި ލަނޑާއި އެކު ބްރެޒިލް މޮޅުވާނެ ކަމަށް ބެލުނު ނަމަވެސް މެޗު ނިމެން އެންމެ 3 މިނިޓަށް ވެފައިވަނިކޮށް، ކްރޮއޭޝިއާއިން ވަނި ލަނޑު ޖަހާ ނަތިޖާ އެއްވަރުކޮށްފައެވެ. އެޓީމަށް ނަތިޖާ އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނި ޕެޓްކޯވިޗެވެ. ޕެޓްކޯވިޗް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބްރެޒިލްގެ ޑިފެންޑަރެއްގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ކްރޮއޭޝިއާއިން ފުރަތަމަ ޕެނަލްޓީ ޖެހިއިރު، ވްލަސިޗް އެ ޕެނަލްޓީ ކާމިޔާބުކުރިއެވެ. ބްރެޒިލްގެ ފުރަތަމަ ޕެނަލްޓީ ރޮޑްރީގޯ ފޮނުވާލުމުން ކްރޮއޭޝިއާގެ ގޯލްކީޕަރ މަތަކުރީއެވެ. އޭގެ ފަހުން ކްރޮއޭޝިއާއިން މޭހާ، މޮޑްރިޗް އަދި އޯސިޗް ޖެހި ޕެނަލްޓީ ވެސް ކާމިޔާބުވިއިރު، ބްރެޒިލްގެ ކަސެމީރޯ އާއި ޕެޑްރީ ޖެހި ޕެނަލްޓީ ވެސް ކާމިޔާބު ވިއެވެ. ބްރެޒިލް ބަލިވީ މާކުއެނޯސް ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.