ތައިލެންޑްގެ ރާޖްނަކުލް އިންސްޓިޓިއުޓްގައި ދިވެހިން ހިލޭ ތަމްރީން ކުރުމުގެ ފުރުޞަތު!

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިއްޔެ ތައިލެންޑްގެ ޑިޕާރޓްމަންޓް އޮފް މެންޓަލް ހެލްތްގެ ދަށުން ހިންގާ ރާޖްނަކުލް އިންސްޓިޓިއުޓަށް ކުރެއްވި ޒިޔާރަތާއި ގުޅިގެން، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހީން، އެ އިންސްޓިޓިއުޓްގައި ހިލޭ ތަމްރީން ކުރުމުގެ ފުރުޞަތު ފަހިވެއްޖެ އެވެ.

މިގޮތުން، އަންނަ ޖަނަވަރީ މަހު ފެށޭ 'މެންޓަލް ހެލްތް ކެއަރ އިން ޗިލްރެން އެންޑް އެޑޮލެސެންޓްސް' ޓްރެއިނިންގް ކޯހުގައި ތިން ދިވެހިން ބައިވެރި ކުރުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ރާޖްނަކުލް އިންސްޓިޓިއުޓަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، މުޖުތަމަޢުގެ އެހެން މީހުންނެކޭ އެއްފަދައިން ޤަދަރުވެރި ދިރިއުޅުމެއް އުޅުމަށް އެކި ހުނަރުތައް ދަސްކޮށްދީ ޚިދްމަތްތައް ފޯރުކޮށްދޭ އިންސްޓިޓިއުޓެކެވެ. އަދި، މި ރޮނގުން ދިރާސާތައްކޮށް މި މަސައްކަތް ކުރުމަށް ތަމްރީން ޕްރޮގްރާމްތައް ރާޖްނަކުލް އިންސްޓިޓިއުޓްގައި އަންނަނީ ހިންގަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ތައިލެންޑަށް ކުރައްވާ ދަތުރުފުޅަކީ ތައިލެންޑްގައި ކުރިއަށްދާ ތައި ސިލްކް ފެޝަން ވީކްގެ އޯގަނައިޒިން ކޮމިޓީއިން އެރުވި ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.