
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ކުލަބު ސްޕޯޓްސްކޯ އިންތިޒާމްކޮށްގެން އާ އަހަރަށް މަރުހަބާ ކިޔުމަށް، ބާއްވާ ޓީމް ރަން ގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މި ރަން އޮންނާނީ ޖެނުއަރީ 13، 2023 ވާ ހުކުރު ދުވަހު ހެނދުނު 06:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި ރޭހުގައި ބައިވެރިވުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށާއި ކުޅިވަރު އެކަޑަމީތަކުގެ އިތުރުން އެން.ޖީ.އޯތަކަށް ވަނީ ހުޅުވާލެވިފަ އެވެ.
ޓީމެއްގައި 5 ދުވުންތެރިން ހިމެނޭނެހެން، ކޮންމެ ޓީމަކުން ވެސް ދުވުމަށް ހަމަޖެހިފައިވަނީ ފަސް ކިލޯމީޓަރަށެވެ. ޓީމުން މިދުވުން ނިންމި ކަމަށް ބެލެވޭނީ ޓީމުގެ ހުރިހާ ދުވުންތެރިން އެއްވަގުތެއްގައި ދުވުން ނިންމުމުން ނެވެ.
މިދުވުމުގައި ރެޖިސްޓަރ ކުރުމަށްޓަކައި، ރެޖިސްޓްރޭޝަން ފޯމް ސްޕޯޓްސް ކޯޕަރޭޝަންގެ ވެބްސައިޓުންނާއި، ފޭސް ބުކް ޕޭޖްގެ އިތުރުން، ސްޕޯޓްސް ކޯޕަރޭޝަނުން ލިބެން ހުންނާނެ އެވެ. ރަޖިސްޓްރޭޝަންގެ ސުންގަޑިއަކީ 25 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ ދުވަހުގެ 12:00 ގަ އެވެ.
މިދުވުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންފުޅު ވާނަމަ 7976725 އަށް ގުޅުއްވުން އެދެމެވެ.
5K ޓީމް ރަންގެ ހޯސްޓިން ޕާޓުނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.
"5K ޓީމް ރަން" ބޭއްވުމުގެ މަޤްސަދަކީ އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރިއުޅުމުގެ އާދަކާދަތަކާއި ގުޅިގެން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހޭލުންތެރި ކުރުމުގެ އިތުރުން އެކުވެރި މާހައުލެއްގައި ދުވެލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.