އަމީނީ މަގުގެ ދެވަނަ ސެގްމެންޓަށް އެ މަގުން ބައެއް ބަންދުކޮށްފި

އަމީނީ މަގު ތަރައްގީ ކުރުމުގެ ދެވަނަ ސެގްމެންޓުގެ މަސައްކަތަށް އެ މަގުން ބައެއް ބަންދުކޮށްފި އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނީ އެ މަޝްރޫއުގެ ދެވަނަ ސެގްމެންޓުގެ މަސައްކަތް ކުރުމަށް މި ސެގްމެންޓްގެ މަސައްކަތް ކުރިއަށްދާނީ އިރުދޭމާ ހިނގުމުން ފެށިގެން ކަލާފާނު ހިނގުމާ ހަމައަށް ބަންދުކޮށްފައިވާ ކަމަށެވެ.

އެ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަކަށް އެ މަގު ތަރައްގީކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅުގަ އެވެ.

84 މިލިއަން ރުފިޔާ އަށް، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމާ ގޮތަށެވެ.

މި މަސައްކަތަށް ތިން މަސް ވެގެން ދިޔައިރު، ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް މަގު އެއްވަރުކޮށްފައި އޮއްވާ މަސައްކަތް ހުއްޓި ގިނަ ދުވަސް ވަނީ ވެފަ އެވެ. އަދި އެ ސަރަހައްދުގައި ވަނީ އަޑިގުޑަން ހެދިފަ އެވެ.

އެކަމާ ގުޅިގެން މިދިޔަ ނޮވެމްބަރު 22 ގައި ނެރުނު ބަޔާނެއްގައި އާރުޑީސީން ބުނީ މަސައްކަތް ހުއްޓާލާފައި ވަނީ ޕްލޭނިންގ މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ޕްލޭނާ އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން މަސައްކަތްތައް މަޑުޖައްސާލާފައި ވަނީ އެމްޑަބްލިއުއެސްސީން ފޯރުކޮށްދެމުންދާ ހިދުމަތްތައް އަޕްގްރޭޑް ކުރުމަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ފޯރުކޮށްދީފައި ނުވާތީ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަމީނީމަގުގެ މަސައްކަތް އާރުޑީސީން އަލުން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތް ކުރާނީ އެ މަގުގައި ހުރި ގަސްތައް ނުކަނޑައިވާނެ ގޮތަކަށް ކަމަށް އާރުޑީސީން ބުނި ނަމަވެސް، އެ މަގު ހެދުމަށްޓަކައި ގަސް ކެނޑި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައި ވެއެވެ. އަދި އާންމުން ވެސް އާރުޑީސީ އަށް ފާޑުކިޔާފައިވެއެވެ. އެކަމަކު ގަސްތައް ކަނޑަނީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށް، ފާޑުކިއުންތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައި އެ ކޯޕަރޭޝަނުން އޭރު ބުންޏެވެ.

ގާތްގަނޑަކަށް 1.7 ކިލޯމީޓަރުގެ ދިގުމިނެއް އޮންނަ އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި އެއްކޮށް ތާރު އަޅައި، ފެން ހިންދާ ނިޒާމެއް ގާއިމްކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.