އެމްއެންޑީއެފުން ތޮއްޑުއާއި އުކުޅަހުގައި ޕެރޭޑު ބާއްވާ ގޮތަށް ހަމަޖެހިއްޖެ

އއ.ތޮއްޑުއާއި އއ.އުކުޅަހުގައި އެމްއެންޑީއެފުން ޕެރޭޑު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޑިސެންބަރު 2 ވަނަ ދުވަހު އއ.ތޮއްޑޫގައި ބާއްވާ ޕެރޭޑަކީ، އއ.ތޮއްޑޫ ސްކޫލަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި، ތޮއްޑޫ ކައުންސިލުގެ އެދިލެއްވުމަކަށް އެމްއެންޑީއެފުން ބާއްވާ ޕެރޭޑެކެވެ. އަދި ތޮއްޑޫގައި ބާއްވާ ޕެރޭޑަށްފަހު، އއ.އުކުޅަހު ކައުންސިލުގެ އެދިލެއްވުމަކަށް ޑިސެންބަރު 3 ވަނަ ދުވަހު އެ ރަށުގައި ވެސް ޕެރޭޑް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ދެ ރަށުގައި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހެއްގެ ހަވީރު 16:30 ގަ އެވެ. ޕެރޭޑްގެ ތެރެއިން، އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުން ރާގު ކުޅޭނެ އެވެ.

ތޮއްޑުއާއި އުކުޅަހުގައި ޕެރޭޑް ކުރިއަށްގެންދާއިރު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި އެމްއެންޑީއެފްގެ ލީޑަރޝިޕުން އެ ދެ ރަށަށް ވަޑައިގެން، ޕެރޭޑް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއެންޑީއެފުން ބާއްވާ މިލިޓަރީ ޕެރޭޑަކީ، ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ، އަދި، އެ ހަރަކާތްތައް ބަލާލުމަށް ބޭނުންވާ ހަރަކާތެކެވެ. އެމްއެންޑީއެފްގެ ޕެރޭޑްތައް އާއްމުކޮށް ބާއްވަމުންދަނީ މާލޭގައި ނަމަވެސް، ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން ވަނީ އިތުރުކޮށްފަ އެވެ.

އެމްއެންޑީއެފްގެ ލީޑަރޝިޕުގެ ވިސްނުންފުޅު ހުރީ، ވަގުތު ލިބުނު ވަރަކުން މި ފަދަ ހަރަކާތްތައް ޖަޒީރާވަންތަ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާ ކައިރިއަށް ގެންގޮސް، ގިނަ ބަޔަކަށް މި ހަރަކާތްތައް ދައްކާލުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.