ދެކަފި - 40

(23 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަންހެންވެރިންގެ ހަމަޔާއި އުޞޫލަކީ ، ޒަރޫނަށް މިއަދާހަމަޔަށް އައި އިރުވެސް ރަނގަޅަށް ނޭނގުނު އެއްޗެކެވެ. އެމީހުންގެ އިޙްސާސްތަކާއި ޝުޢޫރާއި ޢަމަލާ އަދި ބަހަކީ ، ވަކިކޮށް ދެނެގަތުމަށް އެހައިމެ އުނދަގޫ ކަންކަމެވެ. އަންހެންވަންތަ ކަމާއި މިނިވަން ޚިޔާލު ، މިކަންކަމަކީ ޒަރޫންގެ ވިސްނުމުގައި ކޮޅެއް މެދެއް ނުހޯދޭފަދަ އޮޅުން ބޮޅުން ބޮޑު ކަންކަމެވެ. ގެވެހި އަންހެނަކަށް ވުމަށްޓަކައި ގޮތްދޫކުރަންޖެހޭ ޙާލަތުގައި އެކަން ނުކޮށް އެވެރިން އެ ސަލާމަތްވަނީ ފިރިހެނުން ކޮންފަދަ މަޅިއެއްގައި ޖައްސާފައިކަމެއް ޒަރޫންއަކަށް ނުވިސްނެއެވެ. އެއީ އަންހެނުންނެވެ. ފިރިހެނުންނަށްވުރެ އަޑުގަދަވެފައި ގޮތް ދޫނުކުރެއެވެ. ވިސްނުމާއި ފިކުރާ އަދި ޚިޔާލާތުގައި އެއްވެސް މިންވަރަކަށް ފިރިހެނުންނަކަށް ދުލެއް ނުކުރެއެވެ. މިނިވަން ކަމަށް ބަލާއިރު ، ފިރިހެނުންނަށް ދޫނުކޮށް މިނިވަންކަމުގެ އަޑު އުފުލުމުގައި އެބައިމީހުން ކުރިއަރައިގެން ދިއުމަކީ ނުރައްކާ ކަމެކެވެ.

އެންމެ ފަހުވަގުތު ، އެފަދަ އަންހެނަކަށް އަސްމަރާވެގެން ނުދާނެގޮތެއް ޒަރޫން ހަދާނީ ކިހިނެއް ބާވައެވެ. އެއީ ޒަރޫންއަށް ހާދަ އުނދަގޫ ކަމަކަށް ވާނެއެވެ. އެހެނީ ، އެހުރިހައި ކަންކަމަކީވެސް ، ޒަރޫންގެ އަމިއްލަ ގެއިން ފެންނަމުންދާ ކަންކަމެވެ. އެކަންކަން އޭނާގެ އަމިއްލަ ގެއިން ހުއްޓުވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އަސްމަރާ އެގެޔަށް އައިސް ގޭގައި އުޅޭ ތިން އަންހެނުން އެކަންކަމަށް ހިފައިގަންނައިރު ، ޚުދު އޭނާގެ އަމިއްލަ ބައަޕަޔަށް ކުރިމަތިލާން ޖެހިފައިވާ ޙާލުވެސް ޒަރޫންއަކަށް ނުލިބޭނެއެވެ. އެއަށްވުރެ އޭނާގެ ޙާލު ބޮޑުވާނެއެވެ.  މިހުރިހާ ފިލާވަޅަކީ ، އޭނާގެ އަމިއްލަ ޑައިރީން ކިޔާލަން ފެންނަން ހުންނާނެ ތަޖުރިބާގެ ޞަފުޙާ ތަކެކެވެ.

------------------------

ޝެހްނީލާ ހެދުންތައް ފޮށްޓަކަށް އަޅައި ޕެކް ކުރަމުން ގެންދެއެވެ. އޭނާ އުއްމީދުކޮށްގެން ހުރީ ، ދާން ޖެހޭނީ ދެތިންދުވަހަށް ކަމަށެވެ. އެއަށްވުރެ ގިނަދުވަހަށް އޭނާގެ ދެ ދައްތައާއި މަންމަގެ ވަސް ގެއްލޭ ހިސާބަށް ދާޏްޖެހުމުން ޝެހްނީލާ ހުރީ މާޔޫސް ވެފައެވެ.

" ތި ދަނީކީ މީހަކާ އިނދެގެން އަބަދަށް އަހަރެމެންނާ ވަކިވެގެންނެއް ނޫނެވެ. ކޮއްކޮ ތިދަނީ ކިޔަވާށެވެ. " ޞިދްރާ އޭނާގެ ކޮއްކޮއާ ސަމާސާ ކޮށްލިއެވެ.

ރާފިޢާވެސް ޝެހްނީލާއަށް ހިތްވަރު ދިނެވެ. ޝެހްނީލާ ދިޔައިމަ ގެޔަށް ލިބޭނެ ފަޅުކަން ރާފިޢާއަށް އިޙްސާސް ކުރެވެއެވެ. އެންމެ ހަގު ކުއްޖާކަމަށް ވާތީ އެންމެންވެސް ޝެހްނީލާދެކެ އިންތިހާއަށް ލޯބި ވެއެވެ. ޝެހްނީލާ ދިއުމުން ، ކަޝަފްވެސް ޔުނިވަރސިޓީއަށް ދިޔައިމަ އަދިވަކިން ބޮޑަށް ގޭތެރެ ފަޅުވާނެއެވެ. ޞިދްރާއަކަށް ޔުނިވަރސިޓީއަށް ވަނުމުގެ ފުރުޞަތެއް ނުލިބެއެވެ. އެހެންނަމަވެސް އޭނާވެސް ، ކޮލެޖަށްގޮސް އޭނާގެ ކިޔެވުން އަދިވެސް ކުރިޔަށް ގެންދެއެވެ. އެހެންކަމުން ، މަންމައާއެކު ގޭގައި ގިނަވަގުތު އުޅެން ފުރުޞަތު ލިބޭނީ ޞިދްރާއަށެވެ. ރާފިޢާގެ އުއްމީދަކީ ތަޢުލީމު ޙާޞިލް ކުރަމުންގޮސް ކިޔެވުން ނިމި ، ޒަވާޖީ ޙަޔާތެއް ފަށައި ތިން ކުދިންވެސް ދޫނިތަކެއްހެން މިނިވަންކަމާއެކު ، ފަޒާގައި އުދުހި އުޅުމެވެ. ފިޔަޖަހާ ތަރިތަކެއްފަދައިން ، އޭނާގެ ތިންކުދިން ދުނިޔެމަތީ ފިޔަޖަހާލަ ޖަހާލައި ތިބޭތަން މެދު އުޑުން ފެނުމެވެ.  އަދި އެތަރިތަކުން ފާއްދާލާ އަލިކަމުގެ ތެރެޔަށް އޭނާގެ ދެލޯ މެރި ، ދުނިޔެއާ ވަކިވެގެން ދިއުމެވެ. ތިންކުދިންނަށް ތިންފިރިން ލިބި އެކުދިންގެ ޢާއިލާ ދުނިޔެއަށް ފެތުރިގެން ދިއުމެވެ. އެވަރު ރާފިޢާއަށް ފުދެއެވެ.

ޝެހްނީލާ އިންޖިނިއަރއަކަށް ހަދަން ، މަންމަ މަސައްކަތް ކުރަން ޖެހުނު ސަބަބެއް ކަޝަފަކަށްވެސް ނުވިސްނުނެވެ. ޓެކްނިކަލް ދާއިރާއިން ކުރިޔަށް ދެވޭނެ ވިސްނުން ޝެހްނީލާގެ ހުރިކަން ، މަންމަ ދެނެގަތީކަމަށް ވެދާނެއެވެ. އަދި ޝެހްނީލާގެ ކިޔެވުމުގެ ތެރެއިން ، އެ ރޮނގުން ކުރިޔަށް ދިއުމުގެ ޤާބިލްކަން ، ޝެހްނީލާގެ ކިބައިގާ ހުރިކަން ޚުދު ޝެހްނީލާއަށްވެސް ވިސްނުނީކަމަށް ވެދާނެއެވެ. ހަމައެއާއެކު ، ޝެހްނީލާއަށް ލެއްވި އެ ނަޞީބަކީ ، އޭނާގެ ލޯބިވާ ދައްތަ ، ކަޝަފްގެ ވިސްނުން މަންމަޔަށް ކިޔައިދީގެން ލިބިގެންދިޔަ ރަޙުމަތަކަށްވެސް ވެދާނެއެވެ. އެއީ ރަނާ ރިހީގެ ޖަވާހިރަށްވުރެ ފޮރުވާފައި އަތުގައި ބަހައްޓަން އަގުހުރި އެއްޗަކަށް ވާނެއެވެ. މަރުދުވަހަށް ދާނދެން އޭގެ ލާބައާއި މަންފާ ލިބިގެންދާނެ އެއްޗެކެވެ. ތަޢުލީމީ ޙަޔާތް ބާއްޖަވެރި ވެގެން ދިއުމެވެ. ރަނގަޅަށް ކިޔަވައި މަތިން ފާސްވެގެން ، ޝެހްނީލާ އެނބުރި ގެޔަށް އައުމަކީ ، އޭނާގެ ލޯބިވާ މަންމަ އާއި ހިތުގެ ވިންދުފަދަ ދެ ދައްތައިންގެ ދުޢާއެވެ. ޝެހްނީލާގެ ފޮނި އުއްމީދަކީވެސް އެއީއެވެ. މިއަދު ، ޝެހްނީލާ ގެއިން ނުކުމެގެން އެދަނީ އަބަދުގެ އަބަދަކަށް ނޫނެވެ. ކައިވެންޏެއްގެ މަތީ ބެނދެވިގެންނެއް ނޫނެވެ. ކިޔަވައިގެން މޮޅުވެގެން އެނބުރި އައުމަށް ކުރެވޭ ދިރުން ހުރި އުއްމީދެއްގައެވެ.

------------------------

ޖުނައިދު ތިރިޔަށް ފައިބައިގެން އަންނަނިކޮށް ، ޒަރޫން ގެޔަށް ވަދެގެން އަންނަތަން ފެނުމުން ، އޭނާގެ ގާތަށްގޮސް ، ކޮނޑުގައި ޖަހާލައި މަރުޙަބާ ކިޔައެވެ. އަދި ޒަރޫން އޭނާގެ ބައްޕަޔަށް ޝުކުރު އަދާކޮށް ، ބައްޕަޔަށް އެނގުނީ ކިހިނެއްތޯ ސުއާލު ކުރިއެވެ. ޒަރޫންގެ ނަތީޖާގެ ވާހަކަ ޖުނައިދުގާތު ބުނީ ސާރ އަބްރާރެވެ. އޭނާއަށް ލިބުނު ނަތީޖާއާމެދު ޒަރޫން ހުރީ އެހާ ހިތްހަމަ ޖެހިފައެއް ނޫނެވެ. އެހެންނަމަވެސް ، ޖުނައިދު އޭނާގެ ދަރިފުޅަށް ނަޞޭޙަތްދީ ، ޒަރޫންއަށްޓަކާ އޭނާ ފަޚުރުވެރިވާކަމުގައި ބުނެ ، ޒަރޫންގެ ހިތަށް ހަމަޖެހުން ގެނެސް ދިނެވެ. އަދި ޒަރޫންގެ ގައިގާ ލޯބިން ބައްދައިލައެވެ. އަދި ދެބަފައިން ކާގޭތެރެޔަށް ވަދެގެން ދިޔައެވެ.

އަނެއްކޮޅުން މިއަދަކީ ، ކަޝަފްގެ މުޅި ޙަޔާރުގައިވެސް އައި އުފާވެރި ދުވަސްތަކުން އެންމެ އުފާވެރި އެއްދުވަހެވެ. ކަޝަފް ހުރީ އޭނާއަށް ލިބުނު ކާމިޔާބީއަށްޓަކައި އުފާކޮށް ފަޚުރުވެރިކަމުން ހިނިތުން ވެފައެވެ. އަނެއްކާވެސް ، އަނެއްފަހަރު ކަޝަފްވަނީ ޒަރޫން ބަލިކޮށްފައެވެ. ޒަރޫނަށްވުރެ މަތިން މާރކްސް ހޯދައިގެންނެވެ. އެތައްދަވަހަކުއްސުރެ ކަޝަފަށް ކުރަމުންދިޔަ އުނދަގުލުން އޭނާއަށް ލިބެމުންދިޔަ ތަކުލީފުގެ ބަދަލު ، ޒަރޫންގެ ކިބައިން ކަޝަފް އެވަނީ ވަރަށް ރީތިކޮށް ހިފާފައެވެ.

ޒަރޫންގެ ހިތަށް ނުތަނަވަސް ލިބޭ ވަގުތުތަކުގައި ގިޓާއާ ކުޅެ ، އޭނާގެ ހިތުގެ އުދާސްތައް އެ ގިޓާއިން ނުކުންނަ މިޔުޒިކީ އަޑުތަކުގެ ތެރެޔަށް ބޭރުކޮށްލުމަކީ ، ޒަރޫންގެ އާދައެކެވެ. މިއަދަކީ ، ޒަރޫންއަށް އަސަރު ކުރި ދުވަހެކެވެ. ހިތަށް ކުރި އަސަރު އޭނާގެ ނަފުސަށްވެސް ވަނީ ފޯރާފައެވެ. އަނެއްކާ އަނެއްފަހަރު އޭނާ އެވަނީ ކަޝަފްއާއެކު ޖަހަމުންދިޔަ ރޭހުގައި ބަލިވެފައެވެ. ޒަރޫންގެ ބައްޕަ އެބުނީ ރަނގަޅު ވާހަކަ އެކެވެ. އެއީ ޙައިރާންކަން ލިބިގެންދިޔަ ނަތީޖާއެކެވެ. އެއްވެސްމީހަކު އުއްމީދުކޮށްގެން ހުރި ގޮތެއް ނޫނެވެ.

ޒަރޫންގެ މުޅި ތަޢުލީމީ ޙަޔާތުގައިވެސް ތިންވަނަ ދަރަޖަޔަށް އޭނާ ވެއްޓުނު މިއީ ފުރަތަމަ ފަހަރެވެ. ކަޝަފްގެ ނަމުގެ ފަހަތުން އެއްނަން އައިސް އޭގެފަހަށް ޒަރޫންގެ ނަން ތިންވަނަޔަށް ލިޔެވިފައި އޮތްތަން ފެނުމުން އެއީ ޒަރޫންއަށް ހަޖަމްކޮށްލަން އުނދަގޫކަމަކަށް ވިއެވެ. އެއީ ، އޭނާ ދެވަނަ ފަހަރަކަށް ބަލައިލަން ބޭނުންވި މަންޒަރެއް ނޫނެވެ. އެހެނަސް ، ޒަރޫންގެ ޙަޔާތަށް ކޮންމެވެސް ގޮތަކުން އަންނަންހުރި އަންހެންކުދިންގެ ތެރެއިން ކަޝަފަކީ ޢަޖައިބެއްފަދަ ކުއްޖެކެވެ. ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް ، ކަޝަފަކީ ހިތްވަރު އެލިގެންދިޔަ ކުއްޖެއްނޫނެވެ. އަދި އޭނާ ޒަރޫންގެ މަޅީގައި ޖެއްސުމަށްކުރި ހުރިހާ މަސައްކަތެއް ބޭކާރުވިނަމަވެސް ، ކަޝަފްގެ ކިބައިން ބަދަލު ހިފުމުގެ ރޫޙު ފެނިފައެއް ނުވެއެވެ. ކަޝަފްގެ އަވައިގާޖެހިލުމަށް ޒަރޫންއަށް ދުވަސްތަކެއް ބޭކާރު ކުރެވިއްޖެ އެވެ. އެހެނަސް އެއީ މާޒީއެވެ. ދެންވާނެގޮތެއް އެނގޭނީ މާދަމާ އެވެ.

------------------------

ކާރު ދުއްވަމުންދިޔައިރު ، ޒަރޫންއާއި އަސްމަރާ ، އަނގަ ހުއްޓައިނުލައެވެ. އަސްމަރާ މައްސަލަ ޖައްސަމުން ދިޔައީ ޒަރޫން ޔުނިވަރސިޓީ ނިންމާފައި އިތުރަށް ކިޔެވުމުގެ ޚިޔާލު ގެންގުޅޭތީ އެވެ. ޒަރޫން ބޭނުންވަނީ އޭނާ މާ ކުރީއްސުރެ ނިންމާފައިވާ ގޮތަށް ، ކައިވެންޏެއްގެ ކުރިން ސީއެސް ހަދައި ދިރިއުޅުމަށް އާމްދަނީއެއް ލިބޭނެ މަގު ތަނަވަސް ކުރުމަށެވެ. އެހެންނަމަވެސް ، އެއްވެސް މީހަކަށް ޒަރޫން ނޯކިރީ ކުރުމަކީ އަސްމަރާ ބޭނުންވާ ގޮތެއް ނޫނެވެ. އަސްމަރާ ބޭނުންވަނީ ، ޒަރޫންގެ ބައްޕަގެ ވިޔަފާރި ބެލެހެއްޓުމަށް ޒަރޫން ހުސްވެގެން ހުރުމަށެވެ. އެހެންނަމަވެސް ، ބައްޕަގެ ވިޔަފާރިއާބެހޭ އެއްވެސްކަމެއްގައި އުޅޭކަށް ޒަރޫން ބޭނުމެއް ނުވެއެވެ. ޢާއިލީ ވިޔަފާރީގައި ސިކުނޑި ހާސްކޮށްގެން އޭނާގެ ދުވަސް ދުއްވާލާކަށް ޒަރޫން ބޭނުމެއް ނުވެއެވެ. އޭނާ އެދޭފަދަ މިނިވަން ދިރިއުޅުމެއް ، އެވިޔަފާރީގެ ކާރޫބާރުގެ ތެރެއިން ، އަދި ގޭތެރެއިންވެސް ޒަރޫންއަކަށް ނުފެނެއެވެ. މުޅިންވެސް ފެންނަނީ ހާސްކަމާއި ނުތަނަވަސް ކަމެވެ. ޢާއިލީ ދިރިއުޅުމެއްގެ ކަންފުޅެއްވެސް އޭނާއަކަށް އެކަމަކުން ނުފެނެއެވެ. އަސްމަރާގެ ބަހަނާތަކުން ޒަރޫންއަށް އެއްވެސް އަސަރެއް ނުކުރިއެވެ. އަދި އެވާހަކަތައް ޒަރޫންއާ ދެއްކުމަކީ ބޭކާރުކަމެއްގެ ގޮތުގައި އަސްމަރާއަށްވެސް ފެނުނެވެ.

ކަޝަފްގެ ކާމިޔާބީއާއެކު އެހެން އުފާވެރިކަމެއްވެސް ކަޝަފަށް އޮތީ ލިބިފައެވެ. މަންމަ ސްކޫލުން އައިމަ އެޚަބަރު ދިނުމަށް ކަޝަފް ހުރީ ތައްޔާރު ވެގެންނެވެ. ޔުނިވަރސިޓީން ކަޝަފަށް ، ލެކްޗަރަރ އެއްގެ ވަޒީފާ ހުށަހެޅި ވާހަކައެވެ. މަންމަ ގެޔަށް އައުމުން އެވާހަކަ ބުނުމާއެކު ރާފިޢާ އުފަލުންގޮސް ފޮޅުނެވެ. އޭނާގެ ދަރިފުޅަކީ ޢާއިލާއަށްވެސް އަދި މުޅި މުޖުތަމަޢަށްވެސް ބޭނުން ހިފޭނެ މޮޅު ކުއްޖެއްކަމުގެ ފޮނި އަދި އުއްމީދީ އިޙްސާސްތަކުންނެވެ. ކަޝަފްއަށްވެސް ޔުނިވަރސިޓީގެ އެ ވަޒީފާ ޤަބޫލުކުރުން ރަނގަޅުކަމުގައި ޤަބޫލު ކުރެވުނެވެ. ރާފިޢާ ވަކި އެއްޗެއް ނުބުނިނަމަވެސް ، ރާފިޢާ ހުރީ ކަޝަފަށް ފެންނަގޮތެއް ނިންމުމަށް ، ކަޝަފްގެ އިޚްތިޔާރަށް އެކަން ދޫކޮށްލައިގެންނެވެ. ކަޝަފްގެ ކިޔެވުމަށް އެއްވެސް އަސަރެއް ފޯރާނެ އެއްވެސް ކަމެއް ވުމަކަށް ރާފިޢާ ނޭދެއެވެ. ކަޝަފް އެހެން ވަޒީފާއެއް ހޯދަން އުޅުމަށްވުރެ ، ޔުނިވަރސިޓީގެ ވަޒީފާ ޤަބޫލުކުރުން އެއީ އޮތް އެންމެ ރަނގަޅު ގޮތްކަމުގައި ކަޝަފް ނިންމިއެވެ. އޭރަކަށް އޭނާގެ ކިޔެވުމަށް އެއްވެސް ނޭދެވޭ އަސަރެއް ނުފޯރާނެއެވެ. އެހެން ތަނަކުން ވަޒީފާއެއް ހޯދައިފިނަމަ އެއީ ތަފާތު ކަމެކެވެ. އެހެންނަމަވެސް ، ޔުނިވަރސިޓީގެ ވަޒީފާއަކީ އޭނާގެ ކިޔެވުމަށްވެސް ލިބޭ އިތުރު ތަޖުރިބާ އަކަށް ވާނެކަން ކަޝަފަށް އެނގެއެވެ.

ރަނގަޅަށް ކިޔަވައިގެން ކަޝަފް އޭނާގެ އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ، ރާފިޢާގެ އެންމެ ބޮޑު އުއްމީދެވެ. ކަޝަފްގެ ކޮންމެ އިމްތިޙާނެއްގައިވެސް ، ﷲ ގެ ރަޙުމަތްފުޅާއެކު ފާސްވުން އެއީ ރާފިޢާގެ އަބަދުގެ ދުޢާ އެވެ. ކަޝަފްގެވެސް އުއްމީދަކީ އޭނާގެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ މިނިވަން ދިރިއުޅުމެއްގައި ދުނިޔޭގައި އުޅުމެވެ.

------------------------

އަސްމަރާ އާއި ސާރާ އަކީ އެއްމިޒާޖެއްގެ ދެ އަންހެނުންނެވެ. ވިސްނުމާއި ފިކުރާއަދި ޚިޔާލާއި އުޅުމާ ، އާދަތައްވެސް އެއްގޮތެވެ. އެހެންކަމުން ، އެދެމީހުން އެއީ ކަންކަމުގައި ދެބަސްވާނެ ދެމީހުންނެއް ނޫނެވެ. ސާރާއާ ފަރްޙާން އާ ދެމެދު އުފެދިގެން އުޅޭ އެންމެ ބޮޑު އެއްމައްސަލަޔަކީ އާދަ ކާދައާއި ވިސްނުމުގެ ތަފާތުގެ މައްސަލައެވެ. އަސްމަރާވެސް ފާހަގަ ކުރާގޮތުގައި ، ކައިވެނީގެ ކުރިން ފަރްޙާނަކީ ، ވަރަށް ކިޔަމަންތެރި އަމުރުވެރި ނޫން ފިރިހެނެކެވެ. މިހާރު ، ކައިވެންޏަށްފަހު ، ފަރްޙާނަށް އައިސްފައިވާ ބަދަލުތަކާމެދު އަސްމަރާވެސް ކަން ބޮޑުވެއެވެ. އަސްމަރާ އާއި ސާރާ ތިބީ އެވާހަކައިގާ ޚިޔާލު ބަދަލުކުރަން ސިޓިންރޫމްގައި އިށީނދެއެވެ. އިރުކޮޅަކުން އެތަނަށް ޒަރޫންވެސް އާދެއެވެ. އަސްމަރާ އެގެޔަށް އައިތާ އިރުކޮޅެއްވެއްޖެއެވެ. އަސްމަރާ އައީ ޒަރޫންއަށް މެސެޖްވެސް ކޮށްފައެވެ. އެހެންނަމަވެސް އެކަން ޒަރޫންއަށް ފާހަގަ ކުރެވިފައެއް ނެތެވެ. އެކަމާ އަސްމަރާ އިނީ ހިތްހަމަ ނުޖެހިފައެވެ.

ޒަރޫންއަކީ އަބަދުވެސް ފަރްޙާންގެ ކޮޅަށް ޖެހިފައިހުންނަ މީހެއްކަމަށް ސާރާ ބުނެއެވެ. ފަރްޙާންގެ ބަލި ޒަރޫންއަށްވަނީ ރަނގަޅަށް ޖެހިފައެވެ. ފަރްޙާނަށް ސާރާގެ ފަރާތުން ކުރިމަތިވާ ކަންކަމުގައި ، ޒަރޫންގެ ވިސްނުމުގައި ކުށްވެރިޔަކަށްވަނީ ސާރާއެވެ. އެކަމަކު ސާރާ ވެސް އޭނާގެ ގޮތެއް ދުލެއް ނުކުރެއެވެ. ފަރްޙާންގެ ފަރާތުން ކުރިމަތިވާ ކަންކަމަށް ސާރާވެސް ރަނގަޅަށް ޖަވާބު ދެއެވެ. ފަރްޙާން ، ސާރާއަށް އަންގާ އެންގުންތަކާއި ބުނާ ބުނުންތައް އަދި ކުރާ އަމުރަކީ ، މާދާމާ ޒަރޫންގެ އަންހެނުންނާވެސް ކުރިމަތިވާނެ ކަންކަމެވެ. އެކަން ސާރާއަށްވެސް އަދި އަސްމަރާއަށްވެސް ، ޒަރޫން ހަނދާން ކޮށްދެއެވެ.

ޒަރޫންއަކީ ، ފަރްޙާން ކަހަލަ މީހަކަށްވާނެ ކަމަކަށް އަސްމަރާ އުއްމީދެއް ނުކުރެއެވެ. ފަރްޙާން ، ސާރާއަށް މަނާކުރަނީ ، އިޖްތިމާޢީ ގައިގޯޅި އެއްވުންތަކާ ދުރުހެލި ވުމަށެވެ. އެހިސާބުން ، އަސްމަރާއާ ޒަރޫންގެ ކައިވެންޏަށްފަހު ، ގޭގައި ބަނދެވިގެން އިންނާނެކަމަށް ޤަބޫލު ނުކުރުމަށްބުނެ ، އަސްމަރާ ، ޒަރޫންއަށް އިންޒާރު ކުރިއެވެ. ހުރިހާކަމެއް ޒަރޫންގެ ހުއްދަ ހޯދައިގެން އަސްމަރާ ނުކުރާނެކަމަށް ކަނޑައެޅިގެން ބުނެއެވެ. އަދި ކޮށްޓަކަށްލައި ބަންދު ކޮށްފައި އިންނަ ގުރައެއްހެން ، އޭނާ ގޭގައި ނީންނާނެ ކަމަށްވެސް އަސްމަރާ ބުނެއެވެ.  ޒަރޫން ޤަބޫލުކުރާ ގޮތުގައި ، އެކަން އެއީ އަސްމަރާ ކުރިން ވިސްނަންޖެހޭނެ ކަމެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.