ކޮވިޑް-19 އާ ގުޅިގެން، އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާއަށް ދާ މީހުން ފުރަންޖެހޭ އެއަރ ސުވިދާ ފޯމު ފުރަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ގައުމަށް ދާ މީހުން މި ފޯމު ފުރަމުން އައީ އޮންލިންކޮށެވެ. އެއީ އިންޑިއާއަށް ދާ މީހުންގެ ކޯވިޑްގެ ހާލަތާއި ސިއްހީ ހާލަތު ދެނެގަތުމަށެވެ.
އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީ އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން މި ފޯމު ފުރުން ހުއްޓާލާފައިވާ ކަމަށެވެ.
އެހެންނަމަވެސް ފްލައިޓުތަކުގައި ދަތުރު ކުރާ ފަރާތްތަކުގެ ފަރާތުން ކޮވިޑްގެ އަލާމާތެއް ފެނިއްޖެ ނަމަ އިންޑިއާއަށް އެތެރެވުމާއި އެކު އައިސޮލޭޓް ވާން އަންގަން ޖެހޭނެ ކަމަށާއި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން މާސްކު އެޅުން މަޖުބޫރު ނޫން ނަމަވެސް އެގައުމަށް އެތެރެވެވޭނީ އެމީހަކު ދަތުރު ކުރާ ގައުމެއްގައި ކޮވިޑް ވެކްސިނާއި ގުޅިގެން ކަނޑައަޅާފައިވާ އަދަދަށް ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށް ވަނީ ބުނެފަ އެވެ.