
އިންޑިއާގެ އައު ރައީސް ގެ ލީޑަރޝިޕްގައި ވެސް އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިފަދައިން ވިދާޅުވީ އިންޑިއާގެ 15 ވަނަ ރައީސްގެ މަގާމަށް ދްރޫޕަދީ މުރްމޫ އިންތިޚާބުވެވަޑައިގެންނެވުމާ ގުޅިގެން އެކަމަނާއަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ.
ރައީސް ގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ދްރޫޕަދީގެ ޤާބިލުކަމާއި ތަޖުރިބާގެ ބޭނުން ކުރައްވައިގެން އިންޑިއާ އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމާމެދު ޝައްކެތް ނުކުރައްވާ ކަމަށެވެ.
އިންޑިއާގެ ރައީސް ކަމަށް ދްރޫޕަދީ މުރްމޫ އިންތިޚާބު ވެވަޑައިގެންނެވީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާއި އިންޑިއާގެ ސްޓޭޓްތަކުގެ ލެޖިސްލޭޓިވް އެސެމްބްލީތަކުގައި އިއްޔެ ނެގި ވޯޓުގައި ޔަޝްވަންތް ސިންހަ އާ ވާދަކުރައްވާ 64.03 އިންސަތައް ވޯޓުން ކާމިޔާބު ކުރައްވައިގެންނެވެ.
އިންޑިއާގެ ރައީސްކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާގެ ޝަރަފާއެކު ދްރޫޕަދީ މަޤާމުގެ ހުވާ ކުރައްވާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
1979 ވަނަ އަހަރު ސިޔާސީ މަސައްކަތް ފެއްޓެވި ދްރޫޕާދީ ވަނީ ޓީޗަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރައްވާފައެވެ. އޭނާ އަކީ ވެރިކަންކުރާ ބީޖޭޕީގެ ދުވަސްވީ މެންބަރެއްވެސް މެއެވެ.