ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސް ކަމުގައި ސަރުކާރުގެ ކޮޅުން 'އެންމެ އިންޗިއެއްވެސް' ދޫ ނުދިނުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައިފިއެވެ.
ޕީޕީއެމްގެ ރުމާލު ދޭއް ޖަގަހައިގައި ރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމް ކުރިމަތީގައި އޮތަސް އިދިކޮޅު މީހުން ބޭނުން ގޮތަކަށް ގައުމުގެ ކަންކަން ހިންގަން އެންމެ އިންޗިއެއްވެސް ރައީސް ޔާމީން ދޫ ދެއްވައިގެން ނުވާނެ ކަމަށާއި ރައީސް ޔާމީނާއެކު މޫސަ ސާބިތު ކަމާއެކު ހުންނެވި ކަމަށެވެ.
މޫސަގެ އިތުރުން ރޭގެ ޖަލްސާގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ ސަރުކާރު ދިފާއު ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށާއި ގައުމަށްޓަކައި މޭ އައްޑަނައެއް ކަމުގައި ހަދައިގެން ނުކުންނަން ތައްޔާރަށް ހުންނެވި ކަމަށެވެ.
އަދި މިހާރު އުފެދިގެން އުޅޭ ނުތަވަސްކަމަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ މިހާރު އަޅައިގެން އެއުޅޭ 'ބޯކިބާ ގަނޑަކީ' ދިވެހި ބޯކިބަލެއް ނޫން ކަމަށާއި އެ ބޯކިބަލުގައި ކެއުން ހުއްދަ ނޫން ބަޔެއް ބާވަތް ކަމަށްވާ އޫރުމަސް ވެސް އަޅާފައި އެބަހުރި ކަމަށެވެ.