ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ފުރަތަމެ މެޗު ގަތަރު ބަލިކޮށް އިކުއެޑޯ އިން ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗު އިކުއެޑޯ އިން ހޯދީ 0-2 ގެ ނަތީޖާއިން ގަތަރު ބަލިކޮށްގެންނެވެ.
އަލްބައިތު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން އައީ އިކުއެޑޯއިންނެވެ. އެގޮތުން މެޗުގެ ދެ ވަނަ މިނެޓުގައި އިކުއެޑޯގެ އިނާ ވެލެންސިއާ ލަނޑެއް ޖެހިނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. ނަމަވެސް މެޗުގެ 16 މިނެޓުގައި އިކުއެޑޯއިން ވަނީ ލިބުނު ޕެނަލްޓީއެއްގައި ލަނޑުޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެނާ ވެލެންސިއާއެވެ. މިއީ ގަތަރުގެ ކީޕަރު ސާދު އަލް ޝީބް އިކުއެޑޯގެ ވެލެންސިއާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އިކުއެޑޯގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 31 ވަނަ މިނެޓުގައެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ޕްރެސިއާޑޯގެ އެހީތެރި ކަމާއި އެކު އެނާ ވެލެންސިއާއެވެ.
މެޗުފެ ފުރަތަމަ ހާފުގެ ފަހު ވަގުތު ކޮޅު ގަތަރުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަނގަޅު ހަމަލާއެއް ވެސް އުފައްދާފައެވެ. އެގޮތުން ހަސަން އަލް ހައިދޯސް އިކުއެޑޯގެ ގޯލު ކުރިމައްޗަށް ހުރަސްކޮށް ލި ބޯޅައެއް ގޯލު ކުރިމަތީގައި ހުސްކޮށް ހުރި އަލް މުއިޒް އަލީ އަށް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލެވޭ ގޮތް ނުވެފައެވެ. މިއީ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ގަތަރަށް ލިބުނު ހަމަ އެކަނި ފުރުސަތެވެ.
ފުރަތަމަ ހާފު ދެ ލަނޑުގެ ލީޑަކާއެކު އިކުއެޑޯ އިން ނިންމާލިއިރު، ދެ ވަނަ ހާފު ފަށައިގެން ގަތަރުން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ އަނބުރާލަން މަސައްކަތް ކޮށްފައެވެ. އެގޮތުން ގަތަރުން ވަނީ މި ހާފުގައި ތިން ހަމަލާއެއް އިކުއެޑޯގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. މީގެ ތެރެއިން ޕެޑްރޯ މިގޭލް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި ގަތަރުގެ އަކްރަމް އަފީފް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު މުންތާރީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުން ބަލިވި ގަތަރު ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިމަހުގެ 25 ވަނަ ދުވަހު ނިކުންނާނީ ސެގެގާލް އާ ދެކޮޅަށެވެ. އަދި މި މެޗުން މޮޅުވި އިކުއެޑޯ ނިކުންނާނީ ނެދަލެންޑްސް އާއި ދެކޮޅަށެވެ.
މުބާރާތުގައި މިއަދު ތިން މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އިންގްލޭންޑާއި އީރާނެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 18:00 ގައެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސެނެގާލް އާއި ނެދަލެންޑްސްއެވެ. މާދަމާގެ ފަހު މެޗުގައި ދަންވަރު 12 ޖަހާއިރު ކުޅޭނީ އެމެރިކާ އާއި ވޭލްސް ބައްދަލުކުރާ މެޗެވެ.