ވޯލްޑް ކަޕް 2022 : ގަތަރު – އިކުއެޑޯ (މެޗު ޕްރިވިއު)

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް "ފީފާ ވޯލްޑް ކަޕް 2022" ކުލަގަދަ ރަސްމިއްޔާތަކާއި އެކު މިރޭ ގަތަރުގައި ފެށިގެން ކުރިޔަށް ދާއިރު،  މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޭސިއާގެ ފުޓްބޯޅައިގެ ގަދަ ބާރު އަދި މުބާރާތުގެ ހޯސްޓް ގައުމު، ގަތަރާއި ދެކުނު އެމެރިކާއަށް ނިސްބަތްވާ އިކުއެޑޯ އެވެ.

މުބާރާތް ހުޅުވާ މެޗުގައި މިރޭ ގަތަރާއި އިކުއެޑޯ ބައްދަލުކުރާއިރު، މި ދެޓީމު މީގެ ކުރިން ވާދަވެރި މެޗެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ. މިއީ މި ދެ ޓީމުން ވާދަވެރި މުބާރާތެއްގައި ކުޅޭ ފުރަތަމަ މެޗެވެ.

ގަތަރު

މިއީ ގަތަރު ވޯލްޑް ކަޕުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެ ގައުމަށް މިފަހަރުގެ މުބާރާތުން ފުރުސަތު ލިބުނީ މުބާރާތް ހޯސްޓް ކުރާ ގައުމުގެ ގޮތުގައެވެ.

ގަތަރު އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު، އެޓީމުން ނެރެފައިވާ ނަތީޖާތައް ރަނގަޅެވެ. އެޓީމުން މުބާރާތައް ތައްޔާރުވުމަށް ކުޅުނު ފަސް މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. ހަތަރު މެޗުން މޮޅުވިއިރު، އެއް މެޗުން އެއްވަރުވެފައިވެއެވެ.

ގަތަރު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ނަތީޖާ

ޗިލީ – ގަތަރު : 2-2

ގުއަޓެމާލާ – ގަތަރު : 0-2

ހޮންޑިއުރަސް – ގަތަރު : 0-1

ޕެނަމާ – ގަތަރު : 1-2

އަލްބޭނިއާ – ގަތަރު : 0-1

އިކުއެޑޯ

މިފަހަރުގެ ވޯލްޑް ކަޕަކީ އިކުއެޑޯއިން ވާދަކުރާ ހަތަރުވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން އެ ޓީމުން ވާދަކުރީ 2002 ، 2006 އަދި 2014 ގެ ވޯލްޑް ކަޕުގައެވެ. މީގެ ތެރެއިން 2006 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް އިކުއެޑޯ ދަތުރު ކުރިއެވެ.

އެޓީމުން މުބާރާތައް ތައްޔާރުވުމަށް ކުޅުނު ފަސް މެޗުން ވެސް ބަލިވެފައި ނުވި ނަމަވެސް މޮޅުވީ އެއްމެ މެޗަކުންނެވެ. އަނެއް ހަތަރު މެޗުވީ އެއްވަރެވެ.

އިކުއެޓޯ އެންމެ ފަހުން ކުޅުނު ފަސް މެޗު

މެކްސިކޯ – އިކުއެޑޯ : 0-0

ކާބޯ ވެރްޑޭ – އިކުއެޑޯ : 0-1

ސައުދީ އަރަބިއާ – އިކުއެޑޯ : 0-0

ޖަޕާން – އިކުއެޑޯ ؛ 0-0

އިރާގް – އިކުއެޑޯ : 0-0

މިރޭގެ މެޗަށް ދެ ޓީމުން ވެސް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ އެގާރަ ކުޅުންތެރިން

ގަތަރު: އަލްޝީބް، މިގްއެލް، އަލްވާރީ، ސަލްމާން، ހަސަން، އަހުމަދު، ހާޓެމް، ބައުދިއަފް؛ އަލް ހައިޑޯސް، އަލީ، އަފީފް.

އިކުއެޑޯ: ޑޮމިންގޭޒް، ޕްރެސިއާޑޯ، ޓޮރޭސް، ހިންކާޕީ، އެސްޓޫޕިނާން، ގްރޫއެޒޯ، ކައިސެޑޯ، ސިފޫއެންޓެސް، ޕްލާޓާ، ވެލެންސިއާ، އިބާރާ.

ގުރޫޕު އޭގައި ހިމެނޭ ގަތަރު އަދި އިކުއެޑޯ ބައްދަލުކުރާ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭ ގަޑިން 9:00 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.