ދަރިން ތަރުބިއްޔަތުކުރުމަށް އެކަކު އަނެކަކަށް އެހީތެރިވުމަށް މެޑަމް ފަޒުނާ ގޮވާލައްވައިފި

މި ޖަޒީރާގެ ދަރިން ތަރުބިއްޔަތުކުރުމަށް އެކަކު އަނެކަކަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފި އެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ "ޕޮސިޓިވް ޕޭރެންޓިންގ ޕްރޮގްރާމް" އިފްޠިތާޙްކޮށްދެއްވާ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މިއީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ނ. ކެނދިކުޅުދޫ ކައުންސިލާއި ޔުނިސެފް މޯލްޑިވްސް އާއި ގުޅިގެން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށްކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ހިންގި ހަރަކާތެކެވެ.

މެޑަމް ފަޒުނާ ވަނީ ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެއްވެސް މަރްޙަލާއެއްގައި ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވީޑިއޯ މެސެޖުގައި އެކަމަނާ ވަނީ ކުދިން ބޮޑެތިވަމުން އަންނަ އިރު އެކުދިން ތަރުބިއްޔަތުކުރުމުގައި ބޭނުންކުރާ ހުނަރާއި ފޭޑިއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި ފާހަގަކުރައްވާފަ އެވެ.

އެގޮތުން އެކަމަނާ ވިދާޅުވީ ކުދީންގެ ޅަފަތަކީ އެ ކުދީންގެ ކުރިމަގުގެ ބިންގާ ކަމަށެވެ. އެހެންކަމުން ދަރީން ހެޔޮ ގޮތުގައި ބޮޑުވެ ދުނިޔޭގައި ހަމަޖެހޭ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި އެ ކުދީންނަށް ބޭނުންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަމާއި އެދެވޭ ތަރުބިއްޔަތެއް ކަށަވަރު ކޮށްދިނުމަށް އެކަމަނާގެ މެސެޖުގައި ބާރުއަޅުއްވާފައި ވެއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މައިންބަފައިންގެ ވާޖިބު އަދާކުރުމުގައި މަންމައާއި ބައްޕައާ ދެމީހުން ނުވަތަ ކުއްޖާގެ ބެލެނިވެރިން އެކުއެކީ މަސައްކަތް ކުރުމަށް ބާރުއަޅުވާފައެވެ. ވަކިން ޚާއްސަކޮށް ކުދީން ފުރާވަރަށް އެރުމުން މައިންބަފައިންނާ ބެލެނިވެރިންގެ ޒިންމާ އަދި ވަކީން ބޮޑަށް މުހިންމުވާކަމުގައި އެކަމަނާ ފާހަގަކުރެއްވެވި އެވެ.

ހަމަ އެއާއެކު ކުދިންނަށް އަބަދުވެސް ލޯތްބާ އަޅާލުމާއެކު ރަނގަޅުގޮތްތައް ބުނެދީ ހެޔޮލަފާ ނަސޭޙަތްދިނުމަށް އެކަމަނާ ވަނީ އެދިލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަންބަލުންގެ ވީޑިއޯ މެސެޖު ނިންމަވާލައްވަމުން އެކަމަނާ ވަނީ މުޖުތަމަޢުގެ އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ، ދަރީން އުފާވެރިކަމާ ރައްކާތެރިކަމާއެކު ހެދިބޮޑުވެ އެ ކުދީންގެ ގާބިލިއްޔަތުގެ އެންމެ އުސްމިންތަކަށް ވާސިލުވުމަށް އެހީތެރިވެދެވޭނެކަމުގައި ފާހަގަކުރައްވާފަ އެވެ.

"ޕޮސިޓިވް ޕޭރެންޓިންގ ޕްރޮގްރާމް" އަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން ފަޚުރުވެރި ދިވެހި އާއިލާ ބިނާކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށްޓަކައި ޢާންމު މަޞްލަޙަތުތަކަށް އިސްކަންދެވޭ ފޭރާން ހެޔޮ އިޖްތިމާޢީ ވެށްޓެއް ޤާއިމްކުރުމަށް މަގުފަހިވެގެންދާނެ އެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ، ދަރީންގެ ޅައުމުރުގައްޔާއި ފުރާވަރުގައި، އެ ކުދީންގެ ތަރައްޤީއަށް އިތުރު ހަރުދަނާކަމާއެކު އެހީވެދިނުމުގައި ބޭނުންކުރާނެ ހެޔޮތަރުބިއްޔަތުގެ ހުނަރުތައް މައިންބަފައިންނަށާއި ބެލެނިވެރިންނަށް ލިބިދީ ބާރުވެރިކުރުވުމާއި މައިންބަފައިންގެ އަމިއްލަ ދުޅަހެޔޮކަމަށްވެސް ސަމާލުކަންދޭނެ ގޮތްތައް އަންގައިދިނުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.