"ހާރޓީ ބްރޭކްސް" އިފްތިތާޙް ކޮށްދެއްވައިފި

"ސްކޫލް ކޮރިޑޯ އެކްޓިވިޓީ، ހާރޓީ ބްރޭކްސް"މިއަދު އިފްތިތާޙުކޮށް ދެއްވައިފިއެވެ. މިޙަރަކާތް އިފްތިތަޙު ކޮށްދެއްވީ  ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގައި މިއަދު ހެނދުނު އިފްތިތާޙް ކުރި މި ހަރަކާތަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކުޑަކުދިންނަށް ހިންގާ މިފަދަ ހަރަކާތްތަކުގެ މުހިންމުކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޓައިނީ ހާޓްސް މޯލްޑިވްސް ފަދަ މުހިންމު ޖަމްޢިއްޔާއަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްތަކެއް ކުރައްވާތީ އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ދަރިވަރުން ކްލާހުން ނުކުންނަ ވަގުތު ސިކުނޑި ހަމަޖައްސާލަން ކުޑަ ކަސްރަތެއް ކޮށްލުމުގެ ފުރުޞަތު ލިބިދިނުމަކީ އެކުދިންގެ ދުޅަހެޔޮކަމަށް ލިބޭނެ ބާރެއްކަމަށް ވިދާޅުވިއެވެ. އަދި އެއީ ކުޅިވަރުގެ ތެރެއިން އިރުޝާދުތަކަށް ތަބާވާން ކުދިންނަށް ދަސްވާނެކަމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. މި ޙަރަކާތުގެ ސަބަބުން، ކޮރިޑޯގައި ކުދިން ދުވެހެދުމުގެ ބަދަލުގައި ކޮރިޑޯގެ ބޭނުން ހެޔޮގޮތުގައި ކުރަން ދަރިވަރުންނަށް ދަސްވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޓައިނީ ހާޓްސް އާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ޣާޒީ ސްކޫލުގައި ފެށި އަޖުމަބެލުމުގެ މި ހަރަކާތަކީ މިއަހަރުގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސްކޫލް މާޙައުލުގައި ފައިދާހުރި ގޮތެއްގައި ކުދިންގެ ހަރަކާތްތެރިކަން އިތުރުކުރެވޭފަދަ ކަންތައްތަކެއް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.

ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.