ދެކަފި - 30

(13 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

“އެހެންވިއްޔާ، ދެން ތިކުރަނީ ކޮންކަމެއް ހެއްޔެވެ؟” ކަޝަފް ސުއާލު ކުރިއެވެ.

“ތިއީ އަހަރެންގެ ކްލާހުގެ ކުއްޖެކެވެ. އަހަރެން ހަމައެކަނި ކަޝަފް ގެޔަށް ލައިދެނީއެވެ. އެއީ އެހީއެއް ވެދެނީކީ ނޫނެވެ. ކަޝަފް ޤަބޫލުކުރިޔަސް ނުކުރިޔަސް، އަހަރެން ޤަބޫލުކުރަނީ ކަޝަފަކީ އަހަރެންގެ ރަޙުމަތްތެރިއެއް ކަމުގައެވެ.” ޒަރޫން ބުންޏެވެ.

ކަޝަފް، ހަމަ އެއްގޮތަކަށްވެސް ދުލެއް ނުކުރެއެވެ. ޒަރޫންވެސް ކަޝަފް ހިނގަމުންދާވަރަށް ކާރު، މަޑުން ދުއްވަމުން އައެވެ. ޒަރޫންގެ ފަރާތުން އެހީތެރިކަމަށް އެދޭ މީހުންނަށް، ޒަރޫން އެހީވުމަށް ކަޝަފް ބުންޏެވެ.

“އެހީއަކަށް ނޭދޭ މީހުންނަށް އެހީތެރިކަމެއް ނުދެވޭނެ ހެއްޔެވެ؟” ޒަރޫން ސުއާލު ކުރެއެވެ.

“އަހަރެންނަކީ އަމިއްލަޔަށް ކަންކަން ކޮށްގެން އުޅޭ މީހަކީމެވެ. ކަމަކާ ނުލައި ޒަރޫންގެ އެހީއަށް އަހަރެން އެދެންވީ ކީއްވެގެން ހެއްޔެވެ؟” ކަޝަފް އެހެން ބުނެފައި ހިނގުން ބާރު ކޮށްލިއެވެ.

ޒަރޫން އާއި ކަޝަފާ ދެމެދު، އެހިނގައިދިޔަ ކަންކަންވެސް ޒަރޫން ޙަޖަމް ކޮށްލިއެވެ. އަދި ގަދަކަމުން ހިނިތުންވެލިއެވެ. ރުޅި އަންނަން އުޅެފަވެސް، އޭނާގެ ނަފްސު ކޮންޓްރޯލް ކޮށްލައި ކާރު ދުއްވާލިއެވެ. ޒަރޫންގެ ކޮންމެ ކަމެއްވެސް ކަޝަފް އެދަނީ ފެއިލް ކޮށްލަމުންނެވެ. އެހެންނަމަވެސް، ޒަރޫން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާގެ މަޤްޞަދު ޙާޞިލުވަންދެން ކަޝަފަށް އޭނާދައްކާނީ ހިނި މޫނެވެ. އަދި ކެތްތެރިކަންވެސް އިސްކުރާނެއެވެ.

------------------------

ކްލާސްކުދިންގެ ބައްދަލު ވުމަކަށް،  އަނެއްދުވަހު ހަވީރު މާރިއާ އެކީގައިދާން މާރިއާ އޮތީ ކަޝަފަށް ދަޢުވަތު ދީފައެވެ. އެކަމަކު އެގެޔަށް ދެވޭނެކަން ކަޝަފަށް ޔަޤީނެއް ނޫނެވެ. ޔުނީއިން ދިމާވެގެން އެކަމާބެހޭގޮތުން މާރިއާ ސުއާލުކުރުމުން ކަމެއްކުރަންވެފައި އޮތީމަ ނުދެވޭނެކަމަށް ކަޝަފް ބުނެއެވެ. އަދި ކަޝަފް ޢާންމުކޮށް ކުރަމުންގެންދާ މަސައްކަތް ނުކުރެވި ތަރުތީބު އޮޅިގެންދާނެކަމަށް ކަޝަފް ބުނެއެވެ. އިންސާނުންނަކީ، ހަމަޖެހި ހަމަ ނޭވާލާން ބޭނުންވާ ބަޔެއްކަން މާރިއާ، ކަޝަފަށް ހަނދާން ކޮށްދެއެވެ. އަދި ކުޑަ އިރުކޮޅަކަށް އެކަހަލަ އެއްވުމަކަށް، ޖައްސާލިޔަސް އެއީ އެހާ ބޮޑުކަމަކަށް ނުވާނެކަން ކަޝަފަށް ވިސްނައިދެވޭތޯ މާރިއާ ބަލަމުން ގެންދިޔައެވެ. ހަވީރު އޮންނަކަމެއްވީމަ ނުދެވޭނެކަމަށް ބުނެ ކަޝަފް އެތައް ބަހަނާއެއް ދެއްކިއެވެ. އަނބުރާ ގެޔަށް އަންނައިރު ހުންނާނީ އަނދިރިވެފައެވެ. ކަޝަފް ގެޔަށް ގެންދިއުމުގެ ކަންތައް މާރިއާ ހަމަޖައްސާނެކަމަށް ބުނެއެވެ. އަދި ނޯޝިތު، ކަޝަފް ގެޔަށްލައިދީފާނެކަމަށް މާރިއާ ބުނެއެވެ. އެހެންނަމަވެސް، ނޯޝިތުގެ އެހީތެރިކަން ކަޝަފް ބޭނުމެއް ނޫނެވެ. ސޯނިއާވެސް އަންނާނެކަމަށާއި އެތައް ކުދިންނެއް އެތަނަށް އަންނައިރު ކޮންމެވެސް ކުއްޖަކު، ކަޝަފް ގެޔަށް ލައިދޭނެކަމުގައި މާރިއާ ބުނެއެވެ. ކަޝަފަކީ، އެކަހަލަ ކަންކަމުގައި ރިޝްކު ނަގާމީހެއް ނޫނެވެ. ހުރިހާ ކަމެއްވެސް ހުންނަންވާނީ ދުރާލާ ހަމަޖެހިފައެވެ. މާރިއާއަކީ ދާދި މިދާކަށްދުވަހު ކަޝަފަށް ފެނުނު ކުއްޖެކެވެ. އެހެންކަމުން ރައްޓެއްސެއްގެ ގޮތުގައި ޔުނީއިން ކަޝަފަށް ލިބުނު ކުއްޖާއަށް އިތުބާރު ކުރަން ދަސްކުރަންވެސް ޖެހޭނެއެވެ. މާރިއާ ކުރި ސުއާލާއި ދެއްކި ހުއްޖަތުން، ކަޝަފަށް ނޫނެކޭ ބުނަން ފުރުޞަތެއް ނުދިނެވެ. އަދި، އެ ބައްދަލުވުމަށް ދާން އެއްބަސްވުން ނޫން އެހެން ގޮތެއް ކަޝަފަށް ނެތްވަރަށް މާރިއާ އެކަމުގައި ހިފައިލިއެވެ. އަދި، އެވާހަކަތައް ނިމުމުން ލައިބްރަރީއާ ދިމާއަށް އޭނާ މިސްރާބު ޖެހިއެވެ.

ލައިބްރަރީއަށް ކަޝަފަށް ވަދެވުނުއިރު، ކަމަކު ދާކަށް ނެތެވެ. އަސްމަރާ ލައިބްރަރީއަށް އައިސް ހުއްޓެވެ. ކަޝަފް ބޭނުންވެގެން އުޅުނު ފޮތް ކޮންމެވެސް ކުއްޖަކު ގެންގޮސް ނުގެންނާތީ އޭނާއަށް އެފޮތް އޮތީ ނުލިބިއެވެ. ކަޝަފް ކައުންޓަރަށްގޮސް އެފޮތް، އެކުއްޖަކު އަނބުރާ ގެނެސްފިތޯ ސުއާލުކުރިއެވެ. ކަންދިމާކުރި ގޮތުން އެފޮތް ގެންގޮސްގެން އުޅެނީ އަސްމަރާއެވެ. އެދުވަހު އެފޮތް އޭނާ އަނބުރާ ދެއްކިއެވެ. އެހެންނަމަވެސް އެފޮތުގެ ވާހަކަ ކަޝަފް ބުނުމުން، އަނބުރާ އެފޮތް އަލުން އޭނާއަށް ދިނުމަށް އަސްމަރާ އެދެއެވެ.  ލައިބްރަރީގެ ޤަވާޢިދު ބުނާގޮތުން އެފޮތް، އަސްމަރާ އަނބުރާ ދައްކާފައިވާތީ އަލުން ދޫކުރެވެން ނެތްކަމަށް ލައިބްރޭރިއަން ބުނުމެވެ. އެފޮތަކީ، 15 ދުވަސްވަންދެން އަސްމަރާ ކިޔަން ގެންގޮސް އޭނާއަތުގައި ބާއްވާފައި ގެނައި ފޮތެކެވެ. އަސްމަރާ އެފޮތް އަލުން ގެންދަން ބޭނުންވީ، ކަޝަފް އެފޮތް ހޯދާތީއެވެ. އެނޫން މަޤްޞަދެއް އެކަމުގައި އޭނާގެ ނެތެވެ.

“މިއީ ކޮންކަހަލަ ގޮތަކަށް ހިންގާ ލައިބްރަރީއެއް ހެއްޔެވެ؟ މަހުން މަހަށް އަހަރެން ފީ ދައްކަމެވެ. އަހަރެން ބޭނުންވާ ފޮތެއް އަލުން ބޭނުންވީމަ އަހަރެންނަށް ލިބެން ޖެހޭނެއެވެ.” އަސްމަރާ ބުނެއެވެ.

“އަސްމަރާގެ މައްސަލައެއް އުޅޭކަމަށްވަންޏާ އިދާރާއަށް ގޮސް މައްސަލަ ހުށަހަޅާށެވެ. އަހަރެންނަށް އެފޮތް ދެވަނަ ފަހަރަށް ދޫކުރެވޭކަށް ނެތެވެ.” ލައިބްރޭރިއަން ބުންޏެވެ.

“އިދާރާ އާ އަހަރެން މާދަން ވާހަކަ ދައްކާނަމެވެ. އެފޮތް އަނބުރާ އަހަރެންނަށް ދޭށެވެ.” އަސްމަރާ އަތް ދިއްކޮށްލަމުން ލައިބްރޭރިއަން އާ ދިމާއަށް ބުންޏެވެ.

އަސްމަރާއަކަށް އޭނާ ޖަހަން އުޅުނު މަޅިއެއް ނުޖެހުނެވެ. ކަޝަފްވެސް ހުރީ ލަސްވެފައެވެ. އެހެންކަމުން އަސްމަރާއާއި ލައިބްރޭރިއަން ދައްކަމުންދިޔަ ވާހަކައިގެ ތެރެޔަށް ވަންނަން ކަޝަފަށް މަޖުބޫރު ވިއެވެ.

“ސާރ އެވެ! އަހަރެން އެދުނު ފޮތް އަހަރެންނަށް ދޭށެވެ. ވަރަށް އެބަ ލަސްވެއެވެ. ތި މައްސަލައިގާ އެތައް އިރެއްވެސް ވެދާނެއެވެ.” ކަޝަފް ބުންޏެވެ.

ލައިބްރޭރިއަން ކަޝަފަށް ފޮތް ދޭން ނިންމިއެވެ. ހަމަ އެވަގުތު އަސްމަރާ ކަޝަފާ ދިމާއަށް އެއްޗެތި ގޮވައިގަތެވެ.

“ކަލެއަށް އަޚުލާޤީ އެއްވެސް ކަމެއް މީހަކު ދަސްކޮށް ނުދެނީ ހެއްޔެވެ ؟ ދެމީހަކު ވާހަކަ ދައްކާ އިރު އެދެމެދަށް އަނގަ ބާނައިގެން ނުވާނެއެވެ.” އަސްމަރާ ކަޝަފާ ދިމާއަށް ބުންޏެވެ.

“އަސްމަރާއެވެ! ކަލޭގެ އަޚުލާޤީ ފިލާވަޅު އަހަރެންނަކަށް ބޭނުމެއް ނުވެއެވެ.” ކަޝަފް ބުންޏެވެ. އެވަގުތު، ކަލޭ އަނގަ ހިމޭނުން ލައިގެން ހުންނާށޭ ކިޔާފަ ކަޝަފާ ދިމާއަށް އަސްމަރާ ހަޅޭއްލަވައި ގަތެވެ. ހަމަ އެއާއެކު، ކަޝަފްވެސް، ކަލޭ އަނގަ ހިމޭނުން ލައިގެން ހުންނާށޭ ބުނެ އެއަށްވުރެ ބާރަށް އަސްމަރާއަށް ޖަވާބު ދިނެވެ. އެހެންނަމަވެސް، ކަލޭމެންކުދިން އަޑުގަދަ ކުރަންޏާ ބޭރަށް ނުކުމެ އަޑުގަދަ ކުރާށޭ ލައިބްރޭރިއަން ބުންޏެވެ. އަސްމަރާ އެހެން ފޮތެއް ނަގައިގެން ބުޑު އަނބުރަމުން ނުކުމެގެން ހިނގައްޖެއެވެ. އަދި ކަޝަފް ބޭނުންވެގެން އުޅުނު ފޮތް، ލައިބްރޭރިއަން ކަޝަފަށް ދޫކުރިއެވެ.

ލައިބްރަރީގެ ބޭރުގައި އެއްކަނެއްގައި ޒަރޫން އާއި އުސާމާ މަޑުކޮށްލައިގެން ތިއްބެވެ. އެމީހުން ތިބީ އަސްމަރާ ނިމިގެން އަންނަން ދެނެވެ. އަސްމަރާ ނުކުތްގޮތަށް ދިޔައީ އެމީހުންނާ ދިމާއަށެވެ. ހުރީ ރުޅި އައިސް ފުއްޕާފައެވެ. ޔުނިވަރސިޓީއަށް އައިސް ބޭނުންހާ ގޮތަކަށް އުޅެން އެއީ ކާކު ހެއްޔެވެ. އަބަދު ކަޝަފާ ދިމާކޮށްލައިގެން އަސްމަރާ ތިއުޅެނީ ކީއްވެގެން ހެއްޔޭ ބުނެ އުސާމާ، އަސްމަރާއާ މުޚާތަބު ކުރިއެވެ. އަދި ކަޝަފް އާ އެގޮތަށް ދިމާނުކުރަން އުސާމާ އެދެއެވެ. އުސާމާގެ ވާހަކައިން އަސްމަރާ އައިސްފައިހުރި ރުޅިގަނޑު ކެކިގަތެވެ. އަދި އުސާމާ އަބަދުވެސް ކަޝަފުގެ ކޮޅަށް ޖެހެނީ ކީއްވެގެންތޯ ސުއާލު ކުރެއެވެ. ގޯސް ހެދީ އަސްމަރާކަމަށް އުސާމާ ބުނެއެވެ. އަދި ފޮތަކާ ހެދި ބޮޑު ކަންތައްގަނޑެއް އުފައްދަންވީ ކީއްކުރަންތޯ ސުއާލު ކުރެއެވެ. މަސްއަލަ އުފެއްދީ އަހަރެން ހެއްޔޭ ދެފަހަރަށް ބުނެ، އޭނާ ކަޝަފްގެ ފައިބުޑަށް އޭނާ ވެއްޓެންވީ ކީއްކުރަންހެއްޔޭ އަސްމަރާ ބުނެއެވެ. އެއީ މާބޮޑު ކަމަކަށް ނުހަދާށޭ ބުނެ ޒަރޫންވެސް އަސްމަރާ މައިތިރި ކުރެވޭތޯ ބަލައެވެ.

“އަހަރެންނާ ޖެހޭ ކަމެއްގަ ވިއްޔާ ކަލޭމެން ދެމީހުންވެސް ނަގަނީ ކަޝަފްގެ ކޮޅެވެ. އަހަރެންގެ އަބުރާ ޢިއްޒަތާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ.” އަސްމަރާ ބުންޏެވެ.

“ތި ދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ އަސްމަރާގެ ވަކިން ޚާއްޞަ ޢިއްޒަތެއް އެބަ އޮތް ހެއްޔެވެ؟  އަހަރެމެންނަކީ ރަޙުމަތްތެރިންނެވެ. ކިޔަވަނީ އެއްކްލާހެއްގައެވެ. ކަޝަފަކީ ކޮންކަހަލަ ކުއްޖެއްކަން އެނގޭއިރު އޭނާގެ އަނގަޔަށް ވެއްޓެންވީ ކީއްކުރަން ހެއްޔެވެ؟” ޒަރޫން ވެސް އަސްމަރާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

“އެއީ ޒަރޫންހެން އަހަރެންނެއް އޭނާގެ ފަހަތަކުންނެއް ނުދުވަމެވެ.” އަސްމަރާ އައިސްހުރި ރުޅީގައި އެތާނގައި ނުހުންނަންވެގެން ފަހަތަށް އެނބުރި ދުއްވައިގަތެވެ. އުސާމާ ޒަރޫން އާ ދިމާއަށް، ނުބައި ފާޑަކަށް ބަލަހައްޓައިގެން ހިނިއައިސްފައި ހުއްޓެވެ.

ކަޝަފް އިނީ އޭނާ ލައިބްރަރީން ގެނައި ފޮތުން ނޯޓު ނަގާށެވެ. މާރިއާ ހަމަ އެމޭޒުގައި އިށީނދެލައިގެން އިނެވެ.

“ކަޝަފެވެ! މިއަދު، ޒަރޫން އާ ހެދި އަސްމަރާ އާ ކަޝަފާ ދެމެދު ޒުވާބެއް ހިނގި ވާހަކަ އަހަރުން އަޑު އަހައިފީމެވެ. އެއީ ތެދެއް ހެއްޔެވެ؟” މާރިއާ ސުއާލު ކުރިއެވެ. ކަޝަފަށް ކުއްލި ޙައިރާންކަމެއް ލިބުނެވެ.

“ތި ވާހަކައިގެ މަޤްޞަދަކީ ކޮބައި ހެއްޔެވެ؟ ތި ވާހަކަ ދެއްކީ ކާކު ހެއްޔެވެ؟” ކަޝަފް ސުއާލު ކުރިއެވެ.

“ބުނީ ކާކު ހެއްޔޭ އެވެ ! މުޅި ޑިޕާރޓްމަންޓްގެ އެންމެން އެވާހަކަ އެބަ ދައްކައެވެ. އަސްމަރާ އެކި ކުދިން ގާތު ވަކިވަކިން އެވާހަކަ އެބަ ދައްކައެވެ. އެކަމަކު އަހަރެން ބޭނުމީ އެވާހަކަ ކަޝަފްގެ އަނގައިން ކިޔައިދޭ އަޑު އަހާލާށެވެ !” މާރިއާ ބުންޏެވެ.

“ކިހިނެއްވީ ހެއްޔެވެ؟ އެއްވެސް ކަމެއް ނުވެއެވެ. އެހެންވީމާ އަހަރެން ބުނަން އޮންނާނީ ކޮން ވާހަކައެއް ޖެއްޔެވެ؟ އަދި އަމްދުން ޒަރޫންގެ މައްސަލައިގާ އަހަރެމެން ދެމީހުންގެ އުފެދެންވީ ކޮން މައްސަލައެއް ހެއްޔެވެ؟ ޒަރޫންއަކީ އަސްމަރާގެ ރަޙުމަތްތެރި އެކެވެ. އަހަރެންނާ އެދެމީހުންކުރެ މީހަކާ އެއްވެސް ގުޅުމެއް ނެތެވެ. ޒުވާބު ހިނގަންވީ ސަބަބެއް މަށަކަށް ނޭނގެއެވެ.” ކަޝަފް ހިތްހަމަ ނުޖެހިފައި އިނދެ މާރިއާގެ ސުއާލަށް ޖަވާބު ދިނެވެ.

“އެކަމަކު ޒަރޫން އުޅެނީ ކަޝަފާ އަޅައިގަނެގެން ނޫން ހެއްޔެވެ؟ އަހަރެންކުރެންވެސް ކަޝަފާ ބެހޭގޮތުން އެކި ސުއާލު ކުރެއެވެ.” މާރިއާ ބުންޏެވެ.

“ކޮށްފާނެ ނޫން ހެއްޔެވެ؟ މައްސަލައެއް އުޅޭކަމަށް ވަންޏާ މާރިއާ ގޮސް ޒަރޫން ކުރެން އަހާށެވެ! ޒަރޫންއަށްވެސް، އަސްމަރާއަށްވެސް އަދި މައްސަލައެއް އުފައްދާކަށްވެސް އަހަރެންގެ އެއްވެސް ޝަޢުޤުވެރިކަމެއް ނެތެވެ.” ކަޝަފް ބުންޏެވެ. މާރިއާ އިނީ ކަޝަފްކުރެން އެވާހަކަ އަހައިލެވުނު މޮޔަ ހީވެފައެވެ. އަދި އެކަމާ ކަޝަފް ހިތްހަމަ ނުޖެހުނީމަ އެކަމާ ކަން ބޮޑުވެފައެވެ.

ޔުނިވަރސިޓީ ނިމިގެން ގެޔަށް ގޮސްވެސް ކަޝަފަކަށް ހަމަޖެހުމެއް ނުލިބުނެވެ. މާރިއާގެ ވާހަކަތައް އޭނާގެ ކަންފަތަށް އުނދަގޫ ކުރަމުން ގެންދިޔައެވެ. ކަޝަފްހުރީ ހަމައިން ނައްޓާފައެވެ. އެއީ ލައިބްރަރީގައި ހިނގިކަމެއް ނޫންނަމަ އަސްމަރާއަށް ފިލާވަޅަކަށް ވާވަރަށް ހޭއަރުވައި ލާނެއެވެ. ކަރުގައި ހިފައި މަރައިލާނެއެވެ. ކަޝަފް އޭނާގެ ކޮއްކޮ ޞިދްރާގެ ކުރިމަތީގައި އޭނާގެ ރުޅިގަނޑު ބަންޑުން ކުރަމުން ގެންދިޔައެވެ. ޞިދްރާވެސް، އެއީ ހާދަ ގޮތެއް ފޮތެއް ނެތް ކުއްޖެއްދޯއޭ ބުނެއެވެ. މުއްސަނދި ހުރިހާ ކުދިންވެސް އުޅޭނީ އެއްފާޑަކަށެވެ. ސަހަލު އެކަކުވެސް އެތާކު ނެތެވެ.

“މައްސަލައެއް ނެތެވެ. އެހެން އުޅެން ބޭނުމިއްޔާ އެހެން އުޅެންވީއެވެ. ﷲ ވެސް ހުރިހާ ނިޢުމަތެއް އެއޮތީ އެމީހުންނަށް މިންވަރު ކުރައްވާފައެވެ. އަހަރެމެންނަށް ކުއްތާއެއް ފަދައިން ހިތަން ބޭނުންވާ ކަމަށް ވަންޏާ އެހެން ހިތާށެވެ. އެމީހުން ހަދަންވީ ހަމަ އެމީހުންނެވެ. އަހަރެމެންގެ ނިކަމެތި ޙާލުގައި ﷲ ތަޢާލާގެ ރަޙުމަތްފުޅު އެއީ ނެތް އެއްޗަކަށް ވެއްޖެއެވެ.” ކަޝަފް ރުޅި އައިސްހުރެ އޭނާގެ ރުޅިވެރިކަން ފާޅު ކުރަމުން ގެންދިޔައެވެ.

“ﷲ ތަޢާލާ އެއްވެސް މީހަކަށް ހުރިހާ އެއްޗެއް ނުދެއްވައެވެ. ކޮންމެ އިންސާނެއްގެވެސް އުނިކަންތައްތަކެއް ހުންނާނެއެވެ.” ޞިދްރާ ބުންޏެވެ.

“އަސްމަރާއަށް މަދީ ކޮން އެއްޗެއް ހެއްޔެވެ ؟ އެ އަންހެންކުއްޖާގެ މަދީ ކޮންކަމެއް ހެއްޔެވެ؟” ކަޝަފް ސުއާލު ކުރިއެވެ.

“އެކުއްޖާގައި އަދަބެއް ސަދަބެއް ނެތެވެ. އޭގެ ކަންފުޅެއްވެސް ހުރިހެންނެއް ހިއެއް ނުވެއެވެ.” ޞިދްރާ ބުންޏެވެ.

“އޭނާއަށް އަދަބުވެރިކަމާއި ރިވެތި އަޚުލާޤުގެ ބޭނުމެއް ނެތެވެ. އަދަބުވެރިކަމެއް ނެތިވެސް އޭނާ އެހާ އުފާވެރިއެވެ. ފުދި އިތުރު ވެފައެވެ.

ޞިދްރާއަށް، ހޫނު ގަނޑު މައިތިރި ކުރެވޭނެ ގޮތެއް ނުފެނިފައި ހުރެ، ލޮނުފުޅިދޭށޭ ތިމަންނަ ކާއެއްޗެހި ތައްޔާރުކޮށްލާނަމޭ ބުނެ ކަޝަފް ބަދިގެތެރެއިން ފޮނުވާލައެވެ. އެހެންމީހަކު ގާތު ކަޝަފް އެވާހަކައެއް ނުދައްކާނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.