ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ކަމުގެ މަގާމުގައި ހުންނެވި އަޙްމަދު މުޙަންމަދު ދާދި ދެންމެއަކު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަޙްމަދު ވަނީ އިސްތިއުފާގެ ސިޓީ މިއަދުގެ ވަގުތެއްގައި މަޖިލީހުގެ އިދާރާއަށް ހުށަހަޅުއްވާފައެވެ. ނަމަވެސް އަޙްމަދު މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ. އެކަމާބެހޭ ގޮތުން އަޙްމަދުވެސް މީޑިޔާއަށް މާބޮޑު ތަފްސީލެއް ނުދެއްވައެވެ. އަމީން އާންމު ކަމުން އަޙްމަދު އިސްތިއުފާ ދެއްވި މިވަގުތަކީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެދެމުންދާ ދަނޑިވަޅެކެވެ. އަދި އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަޖިލީހަށް ވަންނަން ދިޔުމުން ސިފައިން މަޖިލީހަށްވަދެ މެމްބަރުން އިދާރާއަށް ވަންނަން ހުރަސް އަޅަމުން އަންނަ ދަނޑިވަޅެކެވެ.

ނަމަވެސް އިސްތިއުފާ ދެއްވީ މަޖިލީހުގެ ގޯތިތެރޭގައި މިހާރު ހިނގަމުން އަންނަ ކަންކަމާއި ގުޅިގެންކަން ނުވަތަ ނޫންކަންވެސް އަޙްމަދު ޔަގީން ކޮށްނުދެއްވައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.