ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރުމަށް އަލުން ފުރުޞަތު ހުޅުވާލައިފި

މާލޭ ސިޓީ ކައުންސިލުގެ ޖަލްސާއެއްގެ ތެރެއިން

ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރުމަށް އަލުން ފުރުޞަތު ހުޅުވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިގޮތަށް ނިންމީ ޝަކުވާ ހުށަހެޅުއްވުމުގެ ފުރުޞަތު އިތުރުކޮށް ލިބިފައިވާ ޝަކުވާތަކަށް ރިޢާޔަތްކޮށް  ކަމަށެވެ.

ވިލިމާލެ ފެރީ ޓާމިނަލްގެ ހުޅަނގު ދެކުނުން ވިލިމާލެ ލޯކަލް މާރުކޭޓް ގޮތުގައި ތަރައްގީކުރާ ތަނުން ކުއްޔަށް ދޫކުރުމަށް ހަމަޖައްސާފައިވަނީ 20 ގޮޅި އެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާ މިގޮޅިތަކުގެ މަހު ކުއްޔަކީ 1،050 ރުފިޔާ އެވެ.

މިކަމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރަނީ އުމުރުން 18 އަހަރުން މަތީގެ މާލެސިޓީގައި ދިރިއުޅޭ، ނުވަތަ އުމުރުން 18 އަހަރުފުރި ވިލިމާލޭގައި ދިރިއުޅުމަށް މަސައްކަތް ކުރާތާ 20 އަހަރު ވެފައިވާ ދިވެހި ދިވެހި ރައްޔިތުންނަށެވެ.

ވިލިމާލެއިން ދޫކުރާ ގޮޅިތަކަށް ކުރިމަތިލުމުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި ސަރުކާރު ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުމާއި މާލެ ސިޓީގައި ހިންގާ މާރުކޭޓްތަކުގެ ތެރެއިން އެއްވެސް މާރުކޭޓެއްގެ ގޮޅިއެއްގެ ހިންގާ މީހެއްކަމުގައި ނުވުން ހިމެނެ އެވެ.

މިގޮޅި ކުއްޔަށް ނަގާ ފަރާތްތަކުން އެތަން ފަރުމާ ކުރަން ޖެހެނީ މާލެ ސިޓީ ކައުންސިލުން ނިންމާ ގޮތަކަށެވެ. އަދި ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.