ދުނިޔޭގެ މޫސުމަށް ނޭދެވޭ ބަދަލުތައް އައުމުގައި އެންމެބޮޑު ޙިއްޞާއެއް އޮތީ ކުރިއަރާފައިވާ ޤައުމުތަކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.
"އިނޮވޭޓިވް ފައިނޭންސް ފޮރ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް" މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ އެޤައުމުތަކުން ފުރިހަމައަށް އެކަން ޤަބޫލުކުރަންޖެހޭކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެބޮޑަށް ތަޙައްމަލުކުރަންޖެހެނީ މިކަމުގައި އެންމެ ކުޑަ ޙިއްޞާއެއް އޮތް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤަމުތަކަށް ކަމުގައިވާތީ، މި ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރިއަރާފައިވާ ޤައުމުތަކުން ކުދި ޖަޖީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
މިޞްރުގެ ޝަރްމުއްޝެއިޚްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިޔަށްދާ އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ އެކި ޤައުމުތަކުގެ ލީޑަރުންނަށް އަމާޒުކޮށްގެން މިޞްރު ސަރުކާރުން އިންތިޒާމްކޮށްގެން ބޭއްވި ކޮޕް27 ގައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންނާއި ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުގެ މަންދޫބުންނާއި މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ކޮވިޑް- 19 ބަލިމަޑުކަމާއި ޔޫކްރެއިން ހަނގުރާމަފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާތަކުގެ ސަބަބުން، އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއްގެ ހައިޞިއްޔަތުން ރާއްޖެއަށް ކުރިމަތިވާ ހަކަތައިގެ ދަތިކަން ފާހަގަކުރެއްވި އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ލޯނުގެ ގޮތުގައި އިތުރު ދަރަނިތަކެއް ނަގަންޖެހުންފަދަ އިޤްތިޞާދީގޮތުން ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާއި، އޭގެ އަސަރުތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރަމުންދާއިރު، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭކަންކަމާއި މޫސުމަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރާކަންކަމަށް ފައިސާ ހަމަޖެއްސުމުގައި ހަމަހަމަ ކަމެއް ޤާއިމުކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ.
މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެފަދަ ޤައުމުތަކުގެ ދައުލަތުގެ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހޭދަކުރަންޖެހެނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ ކަންކަމާގުޅޭ ޚަރަދުތަކަށް ކަމުގަ އެވެ. އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަމަށް ޚަރަދުކުރުމަށް ޤައުމުތަކުން އެއްބަސްވެފައިވާ އަހަރަކު 100 ބިލިޔަން ޑޮލަރުގެ އަމާޒަށް އަދިވެސް އިތުރަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ފައްތަރެއްގައިވާ ޤައުމުތަކުގެ ދެމި އޮތުމަށް ބޭނުންވާ ފައިސާ، އެބޭނުންވާ ވަގުތުގައި، ބޭނުންވާ މިންވަރަށް ލިބުމުގައި ކުރިމަތިވާ ދަތިކަން ފާހަގަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ޚަރަދުކުރުމަށް އެހީދޭ ޤައުމުތަކުން ދޫކުރާ ފައިސާ ހޯދުމުގައި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަމަށްވެސް ލުއިގޮތްތަކެއް ހަމަޖެއްސުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޕެރިސް އެގްރީމަންޓް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި، ޔޫ.އެން ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ ބޭރުންވެސް ހިތްވަރަކާއެކު މަސައްކަތްތައް އިތުރުކުރަންޖެހޭ ކަމަށާއި، އަދި ބައިނަލްއަޤްވާމީ ހުރިހާ މާލީ އިދާރާތަކުންވެސް ޕެރިސް އެގްރީމެންޓާ އެއްގޮތަށް ސިޔާސަތުތައް ބައްޓަންކުރަން ޖެހޭކަމުގައި ވިދާޅުވި އެވެ.
ރާއްޖެ ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ފައްތަރުގައިވާ ޤައުމުތަކަށް މިކަންކަމުން އަރައިގަތުމުގައި މާލީގޮތުން ކުރިމަތިވާ ދަތިތައް ޙައްލުކުރުމަށް ފައިސާ ހޯދިދާނެ ބައެއް ގޮތްތަކުގެ ހުށަހެޅުންތަކެއް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ބައްދަލުކުރެއްވުމުގައި ޙިއްޞާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާ އިތުރުވެ ޙާލަތު އިތުރަށް ގޯސްވަމުންދާކަމީ ފެންނަން އޮތް ހަޤީޤަތެއްކަން ފާހަގަކުރައްވައި މިފަދަ ކާރިސާއަކަށް ޙައްލެއް ގެނެވޭނީ، އެންމެން އަނެކާއާ މެދު ވިސްނައި، އެބައެއްގެ ޒިންމާ އަދާކޮށްގެންކަން ފާހަގަކުރެއްވި އެވެ.