މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒު ކުރުމަށް ބާރުއަޅައި އެކަމަށް ގޮވާލުމަށްޓަކައި ވީހާވެސް ގިނަ މީހުން މާލެއަށް ޖަމާވުމަށް ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ޚާއްސަ ގަރާރެއް ފާސްކޮށްފިއެވެ.
ޖޭޕީގެ ހިންގާ ކޮމިޓީގެ އިއްތިފާގުން ފާސްކުރި މިގަރާރު ހިންގާ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ޙަސަންއެވެ. ޖޭޕީގެ ހިންގާ ކޮމިޓީގައި ބަހުސް ކުރުމަށް ފަހު މިއަދު ފާސްކުރި މިގަރާރުގައި ބުނެފައި ވަނީ ރަށްރަށުގެ ކައުންސިލް ތަކުންވެސް ގަރާރު ނެރުމަށާއި ރާއްޖޭގެ އެކިކަންކޮޅު ތަކުން ވީހާވެސް ގިނަ މީހުން ވެރިރަށް މާލެއަށް ޖަމާވެ، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރަށް ބާރުއަޅައި އެކަމަށް ގޮވާލުމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ޖަލު ޙުކުމުގައި ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި އަދި ޙުކުމް އިއްވާފައި ނުވާ ބަޔެއް ލީޑަރުންވެސް ޖަލުން މިނިވަން ކުރުމަށެވެ. ސަރުކާރުން ބުނަމުން ދަނީ ޙުކުމް ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި ދައުލަތާ ގުޅުން ހުރި ބަޔެއް ކަންކަން ހުރުމުން އެކަމާމެދު ސުޕްރީމް ކޯޓާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ޖޭޕީގެ މިއަދުގެ ބައްދަލުވުމުގައި ހިންގާ ކޮމިޓީގެ ބަޔެއް މެމްބަރުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމް ވަގުތުން ވަގުތަށް ސަރުކާރުން ތަންފީޒު ކުރަންޖެހޭނެ ކަމަށާއި ޙުކުމް ތަންފީޒު ނުކޮށް ހޭދަވާ ކޮންމެ ވަގުތަކީ ގާނޫނާއި ޚިލާފަށް ސަރުކާރުން އަމަލު ކުރަމުން އަންނަ ވަގުތު ތަކެއް ކަމަށެވެ.