ދެކަފި - 14

(16 އޮކްޓޯބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖުނައިދުގެ ދެމަފިރިން ނިދަން ކޮޓަރިޔަށް ވަދެ، ޖުނައިދު އިނީ ޓީވީ ބަލާށެވެ.

"ތިޔައީ ކުޑައިރުގެ ދެތަޙުމަތްތެރިން ނޫން ހެއްޔެވެ؟ އެއީ ރަނގަޅު ޢާއިލާއެކެވެ. އަސްމަރާއަކީވެސް ރަނގަޅު ކުއްޖެކެވެ. ފެންނަނީ ކިހިނެއް ހެއްޔެވެ؟" ޣަޒާލާ ޒަރޫންގެ ކައިވެންޏާ މެދު ޚިޔާލު ފާޅުކުރިއެވެ. ޖުނައިދު ޓީވީގެ އަޑު މަޑުކޮށްލިއެވެ. ޖުނައިދުގެ ޚިޔާލުގައި އެއީ ޒަރޫންގެ ޙަޔާތާގުޅޭ ވަރަށް މުހިންމު ނިންމުމެކެވެ. އެކަމަށް ގޮތެއް ނިންމަން ދޫކޮށްލަންވާޏީ ޒަރޫނަށެވެ. އެހެން މީހުން އެކަމަށް ގޮތްކިޔުން ރަނގަޅެއް ނޫންކަމުގައި ބުނެއެވެ. ގޮތް ނިންމާނީ ޒަރޫންކަމަށާއި ޣަޒާލާ އެވާހަކަ ބުނެލީކަމުގައި ބުންޏެވެ. ޒަރޫންއާ އަސްމަރާ އަކީ އެކަކު އަނެކަކަށް ރަނގަޅަށް ދަންނަ ދެމީހުންނެވެ. ޒަރޫން، އަސްމަރާއާ ކައިވެނިކުރަން ޤަބޫލުވާނެކަމެއް ނޭނގޭ ނޫން ހެއްޔޭ ބުނެ ޖުނައިދަށް އެކަމާމެދު ޝައްކުވާވާހަކަ ބުންޏެވެ. ޣާޒާލާގެ ދަރިފުޅަކީ ތަފާތު ކުއްޖެކޭ ޖުނައިދު ބުނުމން، ކޮންތަފާތެއްހޭ ޣަޒާލާ ބުންޏެވެ. ކަލޭގެ ދަރިފުޅުކުރެން އަހާލާށޭ ބުނެ އެހިސާބުން ޖުނައިދުގެ ވާހަކަ ނިންމާލައެވެ. އަސްމަރާއާއި ޒަރޫންގެ އުޅުމާއި ކައިވެންޏާ ބެހޭގޮތުން އެދެމަފިރިން ބަހުސް ކުރަމުން ގެންދެއެވެ.

------------------------

"މަށަކަށް ނޭނގެއެވެ. ކަލޭތިޔަ ޙައިރާންވަނީ ކީއްވެ ހެއްޔެވެ؟ މަށެއް އެއްގޮތަކަށްވެސް ޙައިރާނެއް ނުވަމެވެ. ކަޅޭގެ އަންހެނުންނަކީ އަބަދުވެސް އެކަހަލަ މީހެކެވެ. އޭނާގެ ކުދިންވެސް އެހެންނެވެ." ނިޤާރު ބުނެއެވެ. ނިޤާރާއި މުރުތަޟާވެސް ތިބީ ނިދަން ތައްޔާރުވެގެން އެނދުގައެވެ. ލަދުގެންފައި އިން މުރުތަޟާގެ ކިބައިން، ރާފިޢާ މިއަދު ނަގައިދިން ފިލާވަޅުގެ ހިތިކަން އަދިވެސް ނުފިލައެވެ. އޭނާ ޙައިރާނެއް ނުވަމޭ ބުންޏެވެ. މުރުތަޟާ އިނީ ލަދުންނެވެ. ބޭބެއާ ޖަދަލުކޮށް އޭނާއާ ދިމާއަށް ރާފިޢާ ބުނި ވާހަކަތަކުން އޭނާއިނީ ލަދުންގޮސް މަރުވާ ވަރު ވެފައެވެ. ރާފިޢާ އެދެއްކީ ޙަޤީޤަތްކަން ވިސްނާލާނެ ފުރުޞަތެއް ނިޤާރު ނުދޭނެ ނޫންހެއްޔެވެ؟ އިތުރަށް މައްސަލަ ގޯސްކުރުމަށްޓަކައި ނިޤާރު މަސައްކަތް ކުރަމުން ގެންދިޔައެވެ. ބޭބެގެ ކުރިމަތީ ސާފުކޮށް އިންކާރު ކުރީ ނޫންހޭ ބުންޏެވެ. ބޮޑެތި މީހުންނަށް އަދަބު އިޙްތިރާމް ކުރުމެއްވެސް ނޯވޭ ވިއްޔާއެވެ. ކުދިންނާއި މަންމަ ބޭނުންވާގޮތަކަށް ކަންތައް ކުރީމާ އެނިމުނީ ނޫންހޭ މުރުތަޟާ ބުނެއެވެ. އަދި މީގެފަހުން އެމީހުންގެ އެއްވެސް ކަމަކާ ނުބެހޭނެ ކަމަށް މުރުތަޟާ ވަޢުދުވިއެވެ. އަދި ހިތަށް އެރިގޮތަކަށް އުޅޭށޭ ބުންޏެވެ.

"އޭނާ ބޭނުންވާ ގޮތަކީ އެއީ ނޫންހެއްޔެވެ؟ ހިތަށް އެރީމަ ހިތަށްއެރިކަމެއް ކުރަނީއެވެ. އެއީ އަބަދުވެސް އެއަންހެނާގެ ވައްތަރެވެ." ނިޤާރު ބުނެއެވެ. އެހެންނަމަވެސް ނިޤާރު އެކަމެއް ޤަބޫލެއް ނުކުރެއެވެ. މާދަމާވެސް އެގެޔަށް ދާނެވާހަކަ ބުނެއެވެ. އަދި އެގެޔަށް ނުވަދެ މުރުތަޟާއަށް ނުހުރެވޭނެވާހަކަވެސް ބުންޏެވެ.

މިއަދު އެދިމާވި ކަންތަކާމެދު، ރާފިޢާވެސް ހުރީ ކަންބޮޑުވެފައެވެ. ވައްހާބާއި މުރުތަޟާ އޭނާއާ ދިމާއަށް ގޮވި ހުރިހާ ވާހަކައެއް އަކުރުން އަކުރަށް، ރާފިޢާގެ ހަނދާނަށް އަންނަމުން ދިޔައެވެ. ކަންބޮޑުވެފައިހުރެ، ކުދިންގެ ކޮޓަރިޔަށްގޮސް، ކޮޓަރިޔަށް ލިބިފައިވާ އަނދިރިކަމުގައި ކޮންމެ ކުއްޖެއްގެ ބޮލުގައި ވަކިވަކިން ފިރުމާލުމަށްފަހު ނިދި ނާންނާނެކަން އެނގި ހުރެމެ، ނިދުމާ ކުރިމަތިލައެވެ.

------------------------

ޒަރޫން އިނީ ކިޔެމުގެ ތެރެޔަށް ގެއްލިފައެވެ. އޭނާއަށް ސިހުން ލިބިގެންދިޔައީ ފޯނުވާން ފެށިތަނުންނެވެ. އެއީ އަސްމަރާގެ ފޯނެކެވެ. އެންމެ ފުރަތަމަވެސް ކުރިމަތިލާންޖެހުނީ އަސްމަރާގެ ޝަކުވާ ތަކާއެވެ. ފޯނުކުރާތާ އެތައް އިރެއް ވެއްޖެވާހަކަ ބުނެ އަސްމަރާ ޝަކުވާ ކޮށްގަތެވެ. އެހެންނަމަވެސް ޒަރޫން އެސައިންމަންޓް ހަދަންޖެހޭތީ އެވަގުތު ވާހަކަ ދައްކަން އިނދެވެން ނެތްވާހަކައާއި ހެނދުނު ޔުނިވަރސިޓީއަށްގޮސް ވާހަކަ ދައްކާލެވިދާނެ ނޫންހޭ ބުނެ ފޯނު ބާއްވަން އުޅުނެވެ. އެހެންނަމަވެސް އަސްމަރާ އެކަންވިޔަކަ ނުދިނެވެ. ޒަރޫންގެ ސަމާލުކަން ހުއްޓޭފަދަ ވާހަކަޔަކުން އަސްމަރާ ވާހަކަ ފެށިއެވެ.

"ކަޝަފް އަށް އޭ ލިބުނީމަ، ޒަރޫންގެ ކިޔެވުން މާގިނަވެއްޖެހެން ހީވެއެވެ. ތިޔަ ފެއްޓީ ހާދަހާ ބޮޑު ވާދަވެރިކަމަކުންނެވެ." އަސްމަރާ ބުންޏެވެ. އޭނާގެ ނުކުތާއަކީ ކަޝަފްގެ އޭ ފާސްނޫންކަމަށާއި އެއީ އޭނާއަށް ލިބުނު ސީ މާރކްސްއާ ގުޅިފައިވާ ކަމެއްކަމުގައި ޒަރޫން ބުންޏެވެ. އަބްރާރު ސާރ ކަސަފުގެ ކޮޅަށްޖެހި ކަޝަފަށް މޮޅުގޮތް ހަދައިދޭކަމުގެ ޝަކުވާ އަސްމަރާ ކުރިއެވެ. އެކަމާ ޒަރޫން ދެކޮޅު ހެދިއެވެ. އަދި އަސްމަރާވެސް ޙައިރާންވާނެ ކަމަށާއި ކަޝަފްގެ އެސައިންމަންޓް ވަރަށް ރަނގަޅުވެފައި ފުރިހަމަ ކަމުގައި ޒަރޫން ބުންޏެވެ. މިއީ އަސްމަރާގެ ހިތުގައި ސުއާލު އުފެދުނު ކަމެކެވެ. ކަޝަފްގެ އެސައިންމަންޓް ޒަރޫނަށް ފެންނަންވީ ކީއްވެގެން ހެއްޔެވެ؟ އެސުއާލަށްވެސް ޒަރޫން ޖަވާބުދިނެވެ. ކަޝަފްގެ އެސައިންމަންޓް ފެނުނީ އަބްރާރު ސާރ އަތުންނޭ ބުނެފައި ބާއްޖަވެރި ރޭގަނޑެކޭ ތިމަންނަ ނިދަނީއޭ ބުނެ ޒަރޫން ފޯން ބޭއްވިއެވެ. އޭރުވެސް އަސްމަރާ ކުދިކިޔަމުން ގެންދިޔައެވެ.

ކަޝާފް ހުރީ ލައިބްރަރީގައި ފޮތެއް ހޯދަން ގޮހެވެ. ޒަރޫންވެސް ލައިބްރަރީގައި ފޮތެއްކިޔަން އިނެވެ. އަދި އޭނާގެ ލޯ ކަޝަފްގެ މައްޗަށް ސީދާ ވެއެވެ. އަދި ހަމަ އެވަގުތު އުސާމާގެ ލޯވެސް ކަޝަފްގެ މައްޗަށް ހުއްޓެއެވެ. އުސާމާ މަޑުމަޑުން ގޮސް ކަޝަފްގެ ފަހަތުގައިހުރެ ކަޝަފްއޭ ބުނެ އޭނާއަށް ގޮވާލައެވެ. ކަޝަފް އާއެނކޭ ބުނެ ޖަވާބު ދިނެވެ.

"އަހަރެން ކަޝަފާ ވާހަކަ ދައްކާލަން މަސައްކަތް ކުރާތާ ކިތަންމެ ދުވަހެކެވެ." އުސާމާ ބުންޏެވެ. އަދި ކޮން ވާހަކައެއްހޭ ބުނެ ކަޝަފް އޭނާއާ ސުއާލުކުރިއެވެ. ބުނާނީ ކީކޭކަން ނޭނގިހުރެ، އުސާމާގެ ބޭނުމަކީ މަޢާފަށް އެދުން ކަމުގައި ބުންޏެވެ. އެއީ ކޮންކަމަކާތޯ ކަޝްފް ސުއާލުކުރެއެވެ. އުސާމާ މަޢާފަށް އެދެން ބޭނުންވަނީ ފުރަތަމަ ދުވަހު އެހިނގިކަންތަކާއޭ ބުންޏެވެ.

"މަށާ ދިމާއަށް ޑަކައިތޭ ބުނެވިގެން ހެއްޔެވެ؟" ކަޝަފް ސުއާލު ކުރިއެވެ. އަޞްލު، ޒަރޫންގެ ބޭނުމަކީ ކަޝަފް ލަދުގަންނުވާލުން ނޫންކަމަށް އުސާމާ ބުންޏެވެ. އެއީ އޭނާގެ ވާހަކަ ދެއްކުން ހުންނަ ގޮތެވެ. އުސާމާ، ކަޝަފާ ވާހަކަ ދައްކަމުން ގެންދިޔައިރު އެތަން ބަލަން ޒަރޫން އިނެވެ. އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ފޮތަކަށް ނޫނެވެ. އުސާމާ އާއި ކަޝަފާ ދިމާއަށެވެ. އަހަރެމެންގެ މެދުގައި އެއްވެސް މައްސަލައެއް އޮތްނަމަ އެކަން ޙައްލުކުރެވިއްޖެކަމަށް ހީވާކަމުގައި އުސާމާ ބުންޏެވެ. އޭނާގެ ހިތުގައި އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތްކަމުގައި ކަޝަފް ބުންޏެވެ.

"އެހެން ވިއްޔާ ޔުނިވަރސިޓީގައި އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ އަހަރެންނަށް އަންގާލާށެވެ. އަހަރެން ކަޝަފަށް އެހީތެރިވާނަމެވެ." އުސާމާ ބުންޏެވެ.

"އަހަރެންނަށް އެހެން މީހުންގެ އެހީބޭނުންވާނެކަމެއް ދިމާވެދާނެ ކަމަކަށް ހިއެއް ނުވެއެވެ. މައްސަލައެއް ދިމާވެއްޖެނަމަ، އަހަރެން އަމިއްލަޔަށް އެކަމެއް ޙައްލު ކުރާނަމެވެ." ކަޝަފް ޖަވާބު ދިނެވެ. އުސާމާއަށް ހުރެވުނީ ލަދުގަންނަންވެސް ނޭނގި ހެވިފައެވެ. އެންމެފަހުން، ކަޝަފް ގެ ވަގުތު މާގިނައިން ބޭނުންކުރެވިއްޖެއޭ ބުނެ، ހެވިފާ ހުރިގޮތަށް ހުރެ އުސާމާ އެތަނުން ހިނގައިގަތެވެ. އަދި ކަމެއްވީކަމަށްވެސް ނުހަދާ ގޮސް ޒަރޫންގާތު ފޮތްކިޔަން ޖައްސާލިއެވެ. އޭރުވެސް ޒަރޫން އިނީ އުސާމާގެ މޫނަށް ބަލަހައްޓައިގެންނެވެ.

އެންމެ ފަހުން ޒަރޫންއަށް ނުއިނދެވިގެން، ކާކާ ވާހަކަ ދައްކަން ގޮސްފައި ހެއްޔޭ ތިއައީ އުސާމާ ކުރެން އެހިއެވެ. ކަޝަފާ ވާޙަކަ ދައްކަން ގޮސްފައި ނޫންހޭ ތިއައީ ސީދަލަށް ނުއެހީ ކީއްވެތޯ، އުސާމާ ސުއާލުކުރިއެވެ. އޭނާ އިނީ ޒަރޫން ސުއާލުކުރިގޮތުން ހިތްހަމަ ނުޖެހިފައެވެ. އޭނާއާ ވާހަކަ ދައްކަން ދިއުމުގެ ބޭނުމަކީ ކޮބައިތޯ އަނެއްކާވެސް ޒަރޫން ސުއާލުކުރިއެވެ. އަދި އޭނާ ދިޔައީ ކަޝަފްގެ ކިބައިން މަޢާފަށް އެދުމަށް ކަމުގައި އުސާމާ ބުންޏެވެ. އަދި އެއީ އެމީހުން ކުރި ގޯސްކަމެއްކަމުގައިވެސް އުސާމާ ބުންޏެވެ. އެހެންނަމަވެސް، އެކަމާ ޒަރޫން ދެކޮޅު ހެދިއެވެ. އަދި ކަޝަފަށް ޒަރޫންގެ ސަމާސާ ބަސް ނަގައިނުގަނެވުނީ ކަމުގައި ޒަރޫން ބުންޏެވެ.

"މައްސަލައެއް ނެތެވެ. ކޮންމެ ގޮތެއްވިޔަސް، ކަޝަފަށް އެކަމުން އުނދަގޫ އޮތީ ވެފައެވެ. އެކަމަށް މަޢާފަށް އެދުމުން އޮތީ ކޮން ގެއްލުމެއް ހެއްޔެވެ؟" އުސާމާ ސުއާލުކުރިއެވެ. ޒަރޫން އުސާމާއާ ދިމާއަށް ބަލަން އިނދެފައި ހިނިއައިސް އިނދެ، އެހާބޮޑު ޝަޢުޤުވެރިކަމެއް އެކުއްޖާއަށް، އުސާމާ ދެނީ ކީއްވެތޯ ސުއާލުކުރިއެވެ. ޒަރޫންގެ ހިތުގައި އުފެދިގެން އެއުޅެނީ ކޮންކަހަލަ ސުއާލުތަކެއްކަން ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

ޒަރޫންގެ އާދައިގެމަތިން، ރޭގަނޑު ކައިގެން އައިސް ހަމަޖެހިލުމަށްފަހު، ލެޕްޓޮޕްގައި ލިޔެ ރައްކާކުރަމުންގެންދާ އޭނާގެ ޑައިރީގައި އެދުވަހުގެ ވާހަކަ ލިޔަމުން ގެންދިޔައެވެ. ކަޝަފް ކަހަލަ ކުއްޖެއްގެ ކިބައިން އުސާމާ މަޢާފަށް އެދެންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ކަޝަފްގެ މައްޗަށް އުސާމާގެ ހިތުގައި އުފެދިގެން އެއުޅެނީ ކޮން ހަމްދަރުދީއެއް ހެއްޔެވެ ؟ ކަޝަފަކީ އާދައިގެ ކުއްޖެކެވެ. އޭނާއަށް ލިބިގެން އެވަނީ އާދައިގެ އަޚުލާޤެކެވެ. އެކަމާބެހޭގޮތުން ލިޔާނެ މާގިނަ ވާހަކަތަކެއް ޒަރޫންގެ ހިތަކަށް ނައެވެ. ފުންވިސްނުމެއްގެ ތެރެޔަށް ގެއްލިފައި އިނެވެ.

------------------------

ޞިދްރާ އާއި ރާފިޢާ ރޭގަނޑު ކައިގެން އައިސް އެނދުމަތީ އިށީނދެލައިގެން ތިއްބެވެ. މަންމަ މިއަދު ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައި ހުރިވާހަކައާއި އެއީ ކީއްވެގެންތޯ ސުއާލުކުރިކަމަށް ޞިދްރާ ބުންޏެވެ. ކަޝަފަށް އެއްވެސްކަމެއް ސިއްރުކުރުމަކީ ވާނެކަމެއް ނޫންކަމުގައި ބުނެ ރާފިޢާގެ ކަންބޮޑުވުން ހާމަކުރިއެވެ. ކަންތައްގަނޑެއް ހިނގައިފިކަން ކަޝަފަށް އެނގެނީ ކިހިނެއްކަމެއް ނޭނގެއެވެ. ގޭތެރޭގައި ކަމެއް ވީމަ ސިއްރުކުރަން އުޅޭވަރަކަށް ކަމެއްވެއްޖެކަން ކަޝަފަށް އިޙްސާސް ކުރެވެއެވެ. ކުދިކުދި ކަންތައްތައްވެސް ކަޝަފްގެ ސަމާލުކަމަށް އަންނަ ކަމުގައި ޞިދްރާ ބުންޏެވެ. ކަޝަފް ކައިރީ އެއްވެސް ވާހަކައެއް ނުބުނަންތޯ ރާފިޢާ ސުއާލުކުރިއެވެ. ކަޝަފްގާތު ޞިދްރާ ބުނެފައޮތީ ސްކޫލްގައި ދިމާވިކަމަކުން މަންމަ ކަންބޮޑުވެފައި ހުރި ކަމުގައެވެ. އެކަމާބެހޭގޮތުން ކަޝަފް އިތުރު ސުއާލެއް ނުކުރެއެވެ. އެހެންނަމަވެސް، ކޮންމެވެސް ކަމެއް ޞިދްރާ ސިއްރުކުރާކަން ކަޝަފަށް ވިސްނޭހެން ހީވާކަމުގައި ޞިދްރާ ބުންޏެވެ.

"ދަރިފުޅާއެވެ! ކަޝަފް ގާތު އެއިން އެއްވެސް ވާހަކައެއް ނުބުނައްޗެވެ. ޔުނިވަރސިޓީގެ ކިޔެވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ކަޝަފްގެ ކިޔެވުމަށް ހުރަސް އެޅޭނެ އެއްވެސްކަމެއް ވާކަށް މަންމަ ބޭނުމެއް ނޫނެވެ." ރާފިޢާ ބުންޏެވެ.

އަނެއްކޮޅުން، މުރުތަޟާގެ ޢަމަލުތައް ހުންނަގޮތުން ކުދިންގެ ހިތަށް ލިބޭ އުނދަގުލުން ކުދިންގެ ކިޔެވުމަށްވެސް ހުރަސް ނޭޅޭވަރެއްނޫނެވެ. އެއާއެކު ކުދިންގެ ތަކުލީފުތަކަށް ކެތްކުރުމަކީ ރާފިޢާއަށް، އެޢުމުރުގައި ކުރެވޭވަރުގެ ކަމަކަށް ނުވެއެވެ.

------------------------

ތޫނުފިލިކަމުގެ ކޮޅެއްވެސް ނެތްދޯއެވެ. އުސާމާ، ޒަރޫންގާތު ކަޝަފްގެ ތަޢުރީފް ކުރަމުން ގެންދިޔައެވެ. ޒަރޫން އެކަމަކާ އެހާ ގަޔާއެއްނުވިއެވެ. އަދި ކަޝަފަށް އެހާ ތަޢުރީފް ކުރަނީ ކީއްވެތޯ ސުއާލުކުރިއެވެ. އޭނާ އެދިނީ ޒަރޫން ކުރީދުވަހު އޭނާއާ ކުރި ސުއާލުގެ ޖަވާބުކަމުގައި އުސާމާ ބުންޏެވެ. އަދި ކަޝަފް ގާތަށް ދާން މަޖުބޫރުވަނީ އެހެންވެގެންކަމުގައި އުސާމާ ބުނެއެވެ.

"މައްސަލައެއް ނެތެވެ. ކަޝަފްގެ ތޫނުފިލިކަމަށް އަހަރެންވެސް އެއްބަސްވަމެވެ. އެކަމަކު އޭގެމާނަޔަކީ އެހެންކުދިން ކިޔަވަން މަސައްކަތް ނުކޮށް ނިދަނީކީނޫން ދޯއެވެ؟" ޒަރޫން، އުސާމާއާ ސުއާލުކުރެއެވެ.

------------------------

ރޭގަނޑު ބޭރުގައި އުޅެފައި ޒަރޫން ގެޔަށް އައިސް ކާރުން ފޭބިއެވެ. އެވަގުތު، ފަހަތުން ބަރުގޮނު އެޅިއަޑު އިވުނެވެ. އެއީ ފަރުޙާން އާއި ސާރާއެވެ. އެމީހުންވެސް އެއައީ ބޭރުންނެވެ. ފަރުޙާން އެމީހުންއައި ކާރު ކައިރިޔަށް ޖެހިލައި ފަރްޙާނާ ސަލާން ކޮށްލިއެވެ. އަދި އެތެރެޔަށް ވަނުމަށް ދަޢުވަތު ދިނެވެ. އެހެންނަމަވެސް، ލަސްވެފައި ހުރީމަ ފަރްޙާން ގެޔަށް ދާން ބޭނުންވެފައި ހުރިކަމުގައި ބުންޏެވެ. ސާރާއާއި ޒަރޫނާ ސަލާންކޮށްލާފައި ފަރްޙާން ކާރުގައި ގެޔަށްދާން ނުކުތެވެ.

މިއީ ގެޔަށް އަންނަން ކޮންވަގުތެއް ހެއްޔޭ ބުނެ ސާރާއާ، ޒަރޫން ކުރެއެވެ. ކޮންސެޓް ނިމުނުއިރު އެކެއްޖަހައިފި ކަމަށާއި އޭގެފަހުން ރޭގަނޑުގެ ކެއުން ނިންމާފަ ގެޔަށް މިއައީ ކަމުގައި ސާރާ ބުނެއެވެ. ރޭގަނޑުގެ ކެއުމަކަށް ހިނގައްޖިއްޔާ ގަޑި ދެގަޑިއިރު ވާނެނޫންހެއްޔޭ ސާރާ ބުންޏެވެ. ޒަރޫން ހުރީ ސާރާ އެހާލަހުން ދަންވަރު ގެޔަށް އައިމަ އެކަމާ ކަންބޮޑުވެފައެވެ. އެކަން ޒަރޫނަށް ވިސްނޭ ކަމަށާއި އެކަމަކުވެސް މާބޮޑަށް ލަސްވެއްޖެކަމުގައި ޒަރޫން ބުނެއެވެ. އޭނާއާއެކު ފަރްޙާން ހުރިވާހަކަ ސާރާ ބުނެއެވެ. އެހެންނަމަވެސް ދެމީހަކު ސާރާގާތު ހުއްޓަސް މިގަޑިޔަކީ ލަސް ގަޑިޔެއްކަމުގައި ޒަރޫން ބުނެއެވެ.

ސާރާ އައިގަޑި މަންމަޔަށް އެނގިއްޖިއްޔާ މަންމަ ބުނާނީ ކީކޭތޯ ޒަރޫން ސުއާލު ކުރިއެވެ. މަންމަ ބުނަން އޮތީ ކޮން އެއްޗެއް ހެއްޔެވެ. ފަރުޙާނަކީ އަހަރެން ކައިވެނިކުރަން އުޅޭ މީހާއެވެ.

"ފަރްޙާނަކީ ކައިވެނިކުރަން އުޅޭ މީހާއެވެ. އެކަމަކު އަދި ކައިވެންޏެއް ނުކުރެވޭ ނޫންހެއްޔެވެ؟" ޒަރޫން ބުންޏެވެ.

އެދެބެންގެ ބަހުސް ހުއްޓޭގޮތެއް ނުވިއެވެ. ޒަރޫން އެހާ ހަރުކަށި ފިކުރު ގެންގުޅެނީ ކީއްވެތޯ ސާރާ ސުއާލުކުރެއެވެ. އޭނާ ހަރުކަށި ފިކުރު ގެންގުޅެނީ ނޫންކަމަށާ، ސާރާއާއި މިގޭގެ ތަޞައްވުރާމެދު ކަންބޮޑުވަނީކަމަށް ޒަރޫން ބުންޏެވެ.

(ނުނިމޭ) 

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.