ރަތްމަންދޫ އާއި ބަނޑިދޫ ސިއްހީ މަރުކަޒުގެ ބައެއް މަސައްކަތް ކުރުމަށް ހަވާލުކޮށްފި

ރަތްމަންދޫ އާއި ބަނޑިދޫ ސިއްހީ މަރުކަޒުގެ ބައެއް މަސައްކަތް ކުރުމަށް ހަވާލުކޮށްފި އެވެ.

އެގޮތުން ހެލްތު މިނިސްޓްރީން ދ. ބަނޑިދޫ ޞިއްޙީ މަރުކަޒުގެ ޕޯރޓިކޯ ހެދުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ގޯ ޓްރެވަލް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތަށް 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ އެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ 122 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މ. ރަތްމަންދޫ ޞިއްޙީ މަރުކަޒުގެ ޕޯރޓިކޯ ހެދުމާއި، ގަރާޖް ހެދުމާއި ރޭނުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސަމާލު ކޮންސްޓްރަކްޝަނާ އެވެ. މި މަސައްކަތް ނިންމުމަށް  140 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މި މަސައްކަތަށް ގާތްގަނޑަކަށް 9 ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ އެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގެ އާބާތުރަ ފިލުވުމާއި، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ތަންތަނުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ.

މީގެތެރޭގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމާއި، އައު ހޮސްޕިޓަލުތައް އިމާރާތްކުރުމާއި، އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްތައް ކުރުން ހިމެނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.