ކޯލިޝަން ސަރުކާރެއް ދާއީމީކޮށް ނުހިންގޭނެ: ޑރ. ޝަހީމް

ކޯލިޝަން ސަރުކާރަކީ ދާއިމީކޮށް ހިނގާނެ ސަރުކާރެއް ނޫންކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދ. ބަނޑިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީނަކީ އިލްމީ ގޮތުންނާއި ސަރުކާރު ހިންގުމުގެ ގާބިލްކަން ލިބިވަޑައިގެން ހުންނެވި ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. އެހެން ކަމުން ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެއްވެސް ބޭފުޅަކު ފަސްޖެހިވަޑައިގެން ނުވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އަނެއްފަޅީގައި މިތިބީ ކޯލިޝަންގެ ބޭފުޅުން. ކޯލިޝަންގެ ސަރުކާރަކީ އެއްގޮތަކަށް ވެސް  ދާއިމީ ގޮތެއްގައި ހިންގޭނެ ސަރުކާރެއް ނޫން. ކޯލިޝަން ސަރުކާރުތަކަކީ ތަބީއީ ގޮތުން އޭގައި ވަރަށް ބޮޑު މައްސަލަތަކެއް ހުންނަ ސަރުކާރުތަކެއް އާންމު ގޮތެއްގައި. އެއީ އަމުދުން ތަފާތު މިޒާޖުތަކުގެ މައްޗަށް އެކުލެވޭ ޕާޓީތައް ހިމެނޭ ކޯލިޝަން،" ޝަހީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ  އިދިކޮޅު ކޯލިޝަނަކީ ތަފާތު މިޒާޖުގެ އަދަވާތްތެރިންގެ މައްޗަށް އެކުލެވިގެންވާ ކޯލިޝަނެއް ކަމަށެވެ. އެފަދަ ބަޔަކަށް ސަރުކާރު ލިބުނަސް ރަނގަޅު ގޮތުގައި ސަރުކާރު ނުހިންގޭނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. އެމީހުންގެ ތެރޭގައި އޮންނާނީ ބައިބައިވުމާއި ތަޅާފޮޅުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންނަށް ބޭނުންވާނެ ކަންކަން ކޮށްދެއްވުމަށް ކުޅެދޭ ބަޔަކަށް އެބޭފުޅުންވާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން ނުކުމެ ނިންމަވާނީ ރާއްޖެއަށް އެންމެ މަސްލަހަތު ރަނގަޅު ގޮތްކަމަށާއި 23 ސެޕްޓެމްބަރުގައި ރައީސް ޔާމީނަށް ވޯޓު ދެއްވުމަކީ އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "މާތްﷲ އިރާދަ ކުރެއްވިއްޔާ އެވޯޓަކީ އެއީ ގެއްލިގެންދާނެ ވޯޓެއްނޫން. އެއީ ރާއްޖެއަށްޓަކައި ދެވޭވޯޓެއް. އެއީ ރައީސް ޔާމީނަށްދޭ ވޯޓެއް ނޫން. އެއީ ޝަހީމަށްދޭ ވޯޓެއް ނޫން. އެއީ ދިވެހިގައުމާއި މާތްވެގެންވާ އިސްލާމްދީން ރާއްޖޭގައި ދެމެހެއްޓުމަށްޓަކައި ދެވޭވޯޓެއް. ރައީސް ޔާމީނަށް ދެވޭވޯޓަކީ ގައުމަށް ދެވޭވޯޓެކޭ އަޅުގަނޑު މިދަންނަވަނީ ވަރަށް ސާބިތުކަމާއެކީ،" ޝަހީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ފަލްސަފާއަކީ ދިވެހިން ތަޖުރިބާ ކޮށްފައިވާ ފަލްސަފާއެއް ކަމަށެވެ. މިރާއްޖެއަށް މިހާރު ބޭނުންވަނީ އިންތިގާލީ ސަރުކާރެއް ނޫންކަމަށާއި ރާއްޖެއަށް ބޭނުންވަނީ ދާއިމީ ސަރުކާރެއް ކަމަށް ވެސް ވިދާޅުވިއެވެ. އިރާދަ ކުރެއްވިއްޔާ 23 ސެޕްޓެމްބަރުގެ އިންތިޚާބު ވަރަށްތަނަވަސް އަޣުލަބިއްޔަތަކުން ރައީސް ޔާމީން މިއިންތިޚާބު ކާމިޔާބުވާނެ ކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.