
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ގޮތްނޭނގޭ މެސެޖެއް ދައުރުވަމުން ދާތީ އެކަމަށް ސަމާލުވުމަށް އެ ބޭންކުން އެދިއްޖެ އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ނަމުގައި ކަސްޓަމަރުންގެ ނަންބަރުތަކަށް ލިންކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ލިންކުތަކަށް ނުވަނުމަށް އެދޭ ކަމަށެވެ.
އެ މެސެޖުގައި ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ގެ މައުލޫމާތު އަޕްޑޭޓްކުރުމަށާއި އެ މެސެޖުގައި މައުލޫމާތު އަޕްޑޭޓުކުރުމަށް ކަމަށް ބުނެ ލިންކެއް ވެސް ހިމެނޭއިރު، އެ ލިންކަށް ނުވަނުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ.
ބީއެމްއެލް އިން ބުނީ ފްރޯޑު ކޯލުތައް ކޮށް، އެކައުންޓް މައުލޫމާތާއި ކާޑުގެ މައުލޫމާތު ހޯދުން ފަދަ އެއްވެސް ކަމެއް ބީއެމްއެލުން ނުކުރާނެ ކަމަށެވެ.
"އެކައުންޓުގެ މައުލޫމާތުތައް ހިއްސާނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރަން." ބީއެމްއެލް އިން ބުންޏެވެ.
އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ކަންކަން އިތުރުވަމުން އަންނައިރު، ދޭތެރެދޭތެރެއިން މިފަދަ މެސެޖުތަކާއި ފޯނު ކޯލުތައް އަންނަނީ ލިބެމުން ނެވެ.
ބީއެމްއެލްގެ ނަމުގައި ފްރޯޑު އެސްއެމްތަކެއް ކުރަމުންދާ އިރު، ބައެއް އެހެން ކުންފުނިތަކުގެ ނަމުގައި ވެސް އެފަދަ އެސްއެމްއެސްތައް ކުރެއެވެ.