ޔުނިވަރސިޓީއަކަށް ވުމަށް ކޮލެޖްތަކަށް މިހާރު ހުރީ ވަރަށް އުނދަގޫ ޝަރުޠުތަކެއް: ކާނަލް ރިޓެއަރޑް ނާޒިމް

ޔުނިވަރސިޓީއަކަށް ވުމަށް ކޮލެޖްތަކަށް މިހާރު ހުރީ ވަރަށް އުނދަގޫ ޝަރުޠުތަކެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިކަން ފާހަގަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުޙަލާގައި މިހާރު އޮތް "ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" އަށް އިޞްލާޙު ގެނައުމަށް ހުށަހެޅިފައިވާ ބިލުގެ ބަޙުސްގައި މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

އެކަމަށް ވީހާވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ޖެހޭ ކަމަށާއި އެގޮތުން ކޮލެޖެއްގެ ގޮތުގައި 15 އަހަރު ޝަރުޠުކޮށްފައި ހުރުންފަދަ ކަންކަން ނާޒިމް ފާހަގަކުރެއްވި އެވެ. އޭގެ ބަދަލުގައި، ނާޒިމް ފާހަގަކުރެއްވީ، ޝަރުޠުތަކަށް ވީހާވެސް ލުއި ދިނުމަށްފަހު، ފެންވަރު ހިފެހެއްޓޭ އަދި ފެންވަރު ބެލޭނެ ގޮތް ހަރުދަނާކޮށް، ކޮލެޖްތައް ރަނގަޅަށް އޮޑިޓްކުރެވޭނެ ނިޒާމެއް ޤާއިމުކުރަންވީ ކަމުގަ އެވެ.

ޕާޓީގެ ރައީސް ނާޒިމްގެ ވާހަކައިގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި ކިޔަވައިދިނުމަކީ ދުނިޔޭގެ ޤައުމުތަކުގައި އިންޑަސްޓްރީއެއްގެ ގޮތުގައި ބަލާފައިވާއިރު، ރާއްޖޭގައި ސިޔާސީ ގޮތުން މިކަމުގައިވެސް ބައެއް ފަރާތްތަކަށް ޖެއްސުމާއި ގޯނާކޮށް، މިފަދަ ގޯނާތަކުގެ ސަބަބުން ޕްރައިވެޓް ސެކްޓަރަށްވެސް ދަތިތައް ކުރިމަތިކޮށް، ޔުނިވަރސިޓީއަށް ބަދަލުވުމުގައި ދަތިތައް ކުރިމަތި ކުރުވާފައިވަ ކަމަށެވެ.

ވިލާކޮލެޖް، ސައިރިކްސް ކޮލެޖް އަދި އެވިޑް ކޮލެޖްފަދަ ކޮލެޖްތައް ރާއްޖޭގައި މީހުން ބިނާކުރުމުގައި ގިނަގުނަ ޚިދުމަތް ކޮށްފައިވާއިރު، ފެންވަރު ރަނގަޅު ޚިދުމަތާ ގުޅިގެން ޔުނިވަރސިޓީއަކަށް ބަދަލުވުމުގެ ފުރުޞަތު ލިބެންޖެހޭ ކަމުގައި ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން މުޙައްމަދު ނާޒިމް ވިދާޅުވީ، ޔުނިވަރސިޓީ އަށް ބަދަލުވުމަށް ކޮލެޖްތަކަށް ލުއި ގޮތް ހޯދައިދިނުމަށް ހުށަހެޅިފައިވާ ބިލަށް ތާއީދުކުރައްވާ ކަމަށާއި، އެމަނިކުފާނު އެދިވަޑައިގަންނަވަނީ ބިލުގެ ކޮމެޓީ މަރުޙަލާގައި މި ޝަރުޠުތަކަށް ވީހާވެސް ބޮޑަށް ލުއި ދިނުމަށް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.