މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައިފި އެވެ.
ރޭ އެމްއެންޕީ އޮފީހުގައި ބޭއްވުނު ބައްދަލުވުމަކީ މިދިޔަ ސެޕްޓެމްބަރ މަހުގައި ޕާޓީގެ ޤައުމީ ހިންގާ ކައުންސިލް ހުވާކުރުމަށް ފަހު ބާއްވާ ދެވަނަ ޤައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމެވެ.
މިބައްދަލުވުމުގައި ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ޕާޓީގެ ކޮމިޓީތަކުގެ ހިންގާ ޤަވާޢިދުތައް ޕާސްކުރުން ކުރިޔަށް ގެންދިޔަ އެވެ.
މި ބައްދަލުވުމުގައި ނިންމުނު އެންމެ މުހިންމު ކަމަކީ ޕާޓީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލު ފާސްކުރުމެވެ. އެގޮތުން މިއިންތިޚާބު ކުރިޔަށް ގެންދާނީ ޕާޓީގެ އިންތިޚާބީ ކޮމިޓީން ނިންމާ ގޮތެއްގެ މަތީން ކަމަށާއި ޓެކްނޮލޮޖީއާ އަހުލުވެރި ގޮތަކަށް އިލެކްޓްރޯނިކް ވޯޓިންގ އަކުން މިޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ގެންދިއުމުގެ ފުރުޞަތު ފަހިވާގޮތަށް އިންތިޚާބީ ކޮމިޓީއަށް އެއިޚްތިޔާރު ވަނީ ޕާޓީގެ ހިންގާ ކައުންސިލްގެ އިއްތިފާޤުން ދެއްވާފަ އެވެ.
އެމްއެންޕީގެ ފުރަތަމަ ޤައުމީ ކައުންސިލް ބައްދަލުވުމުގައި އިތުރަށް މަޝްވަރާކޮށް ނިންމުނު ކަންތައްތަކުގެ ތެރޭގައި ޕާޓީގެ ސުލޫކީ ކޮމިޓީ، ޕާޓީގެ އިންތިހާބީ ކޮމިޓީ އަދި ޕާޓީގެ އިސްތިއުނާފީ ކޮމިޓީގެ ހިންގާ ޤަވާޢިދު ފާސްކުރުން ފާހަގަކޮށްލެވެ އެވެ.
އޭގެ އިތުރުން ޕާޓީގެ ދީނީ ޢިލްމުވެރިންގެ މަޝްވަރާ މަޖިލީހުގެ ހިންގާ ޤަވާޢިދުވެސް ފާސްކުރެވިގެން ދިޔައެވެ. މިހުރިހާ ޤަވާޢިދެއް ފާސްކުރެވިގެން ދިޔައީ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ ފުރިހަމަ އަޤުލަބިއްޔަތާ އެކު އެވެ.
މިބައްދަލުވުމުގައި މަޝްވަރާކޮށް ފާސްކުރެވުނު އިތުރު ކަންތައްތަކުގެ ތެރޭގައި، ޕާޓީގެ ކޮމިޓީތަކުގެ މަސައްކަތްތަކުގެ ތެރެއިން، ސުލޫކީ ކޮމިޓީގެ ފަރާތުން ހުށަހަޅާފައިވާ "މޯލްޑިވްސް ނެޝަނަލް ޕާޓީގެ ސުލޫކީ މައްސަލަތަކާއި ބެހޭ ޤަވާއިދު" އަދި "މޯލްޑިވްސް ނެޝަނަލް ޕާޓީގެ މެމްބަރުން ބަހައްޓަންޖެހޭ ސްލޫކީ އަދި އަޚްލާޤީ މިންގަނޑަށް" އިސްލާޙެއް ހުށަހަޅާ ވަނީ ފާސްކޮށްފަ އެވެ. އަދި ޕާޓީގެ އިންތިހާބީ ކޮމިޓީގެ "މޯލްޑިވްސް ނެޝަނަލް ޕާޓީގެ އިންތިޚާބުތަކާބެހޭ ޤަވާޢިދު" ވެސް ވަނީ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ ފުރިހަމަ އަޤުލަބިއްޔަތާއެކު ފާސްކޮށްފަ އެވެ.
އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލަކީ ޕާޓީގެ ޤައުމީ ޖަލްސާ، ދަ ނެޝަނަލްސް ކޮންވެންޝަންއަށް ފަހު ޕާޓީގެ އެންމެ އިސް ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އަދާކުރާ ގުނަވަނެވެ. ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގައި ހިމެނެނީ ޕާޓީގެ ރައީސުންނާއި ނާއިބު ރައީސުން، ޕާޓީގެ ވިމެންސް ވިންގާއި ޔޫތު ވިންގގެ ލީޑަރގެ އިތުރުން ޕާޓީގެ ހުރިހާ ދާއިރާތަކެއް ރައީސުންނާއި ދީނީ އިލްމުވެރިންގެ މަޝްވަރާ މަޖިލިސްގެ ޗެއަރއެވެ. ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމެއް ކޮންމެ 3 މަހަކުން އެއްފަހަރު ބާއްވަމުން ގެންދާނެ އެވެ.