ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އައިސް ވިއްކަން ފަށައފި އެވެ.
އެ ކުންފުނިން އައިސް ވިއްކަން މިފެށީ މިފްކޯއިން ހިންގަމުން އައި އައިސްޕްލާންޓުތައް، ފެނަކަ ކޯޕަރޭޝަނުން ހިންގާގޮތަށް ބަދަލުކުރިތާ ހަފުތާއެއްގެ ތެރޭގަ އެވެ.
ފެނަކައިން ބުނީ އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފައިވާ 14 އައިސް ޕްލާންޓުގެ ތެރެއިން 12 އައިސް ޕްލާންޓަކުން އައިސް ވިއްކަން ފަށާފައިވާ ކަމަށެވެ. އަދި އައިސް ވިއްކަން ފެށި މި އޮކްޓޯބަރ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.
އެ ކުންފުނިން އައިސް ވިއްކަނނީ މިފްކޯއިން ވެސް އައިސް ވިއްކި އަގުގަ އެވެ.
ފެނައިން ބުނެފައިވަނީ ޚަރަދު ކުޑަކޮށް އައިސް އުފެއްދޭނެ ނިޒާމުތައް ގާއިމުކޮށް ޕްލާންޓުތައް ހިންގަން ފެށުމުން މަސްވެރިންނަށް މިހާރަށް ވުރެވެސް އަގުހެޔޮކޮށް އައިސް ލިބޭނެ ކަމަށެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު ވިދާޅުވެފައިވަނީ ފެނަކައިން ހަވާލުވި އިރު ދެ އައިސްޕްލާންޓެއް ހުރީ މަރާމާތުކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ. އަދި ވީއެންމެ އަވަހަކަށް މަރާމާތު ނިންމައި، އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މިފްކޯއިން ހިންގަމުން އައި އައިސްޕްލާންޓުތައް ސަރުކާރުން ފެނަކައިގެ ދަށަށް ބަދަލުކުރީ އެކުންފުންޏަކީ ރާއްޖޭގައި ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަށް ވެފައި، އައިސް އުފެއްދުމަށް ބޭނުންވާ މައިގަނޑު ދެ ވަސީލަތް ކަމުގައިވާ ފެނާއި ކަރަންޓު އުފެއްދުމުގެ މަސައްކަތަކީ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައި ފެނަކައިން މިހާރުވެސް ކުރަމުން އަންނަ މަސައްކަތަކަށް ވުމުން އައިސް އުފައްދަން ހޭދަވާ ހަރަދު ކުޑަކުރުމުގެ މަގުސަދުގަ އެވެ.
ފެނަކައިން ވަނީ މަސްވެރިންނަށް އައިސް ގަނެވޭނެ އިންތިޒާމު ފަސޭހަކުރުމުގެ ގޮތުން "ފެނަކަ އައިސް" ނަމުގައި މޯބައިލް އެޕްލިކޭޝަނެއްވެސް ތައާރަފުކޮށްފަ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ޕްލާންޓުތަކުން އައިސް ލިބެން ހުރި އަދަދު ބަލައި ކުރީބައިގައި އައިސް ގަތުމަށް ބުކިން ހެއްދޭނެއެވެ.
މިފްކޯ އިން މީގެކުރިން ހިންގި 14 އައިސްޕްލާންޓެއް ފެނައިން ހިންގާގޮތަށް ބަދަލުކުރީ މިދިޔަ ސެޕްޓެމްބަރު 22 ވަނަ ދުވަހު އެވެ.