
ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 41 ޕަސެންޓް ނިމިއްޖެ އެވެ.
މިކަން ހާމަކޮށް، މި މަސައްކަތްކުރާ ކުންފުނި އެމްޓީސީސީން ބުނީ މި މަޝްރޫއުގައި ހިމެނޭ އެއްގަމުތޮށި ލުމުގެ މަސައްކަތާއި ރޭމްޕެއް ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ނިންމާފަ އެވެ. އަދި 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 294 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވެސް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މި މަޝްރޫޢަކީ 34.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.