ރައީސް ޔާމީންގެ ކަންތައް ނިމިއްޖެ- ނަޝީދު

ރައީސް އަބްދުﷲ ޔާމީންގެ ކަންތައް 'ނިމިއްޖެ' ކަމަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ހުންނަވައި ރާއްޖެ ޓީވީއާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމާއެކު ބޮޑު އުފަލެއް ލިބިވަޑައިގެންފައިވާ ކަމަށާއި ސުލްޙަވެރިކަމާއެކު ރައްޔިތުން މަގުމައްޗަށް ނުކުތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމާއެކު މިނިވަން ވެފައި ހުންނެވި ނަމަވެސް މާދަމާ ރާއްޖެ ވަޑައިގަންނަވަން އަދި ނިންމަވާފައިނުވާ ކަމަށެވެ. ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމާއި ގުޅިގެން އެއްވެސް ފަނޑިޔާރަކުވެސް އަދި ކޮމިޝަނަރ އޮފް ޕޮލިސް ކަމުގައި ހުންނަވަނިކޮށް މިރޭ މަގާމުން ވަކިކުރެއްވި އަރީފުވެސް ހައްޔަރު ކުރަން އެއްވެސް ފުރުޞަތެއް ދީގެން ނުވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ޙުކުމާއެކު ނަޝީދުވެސް މިނިވަން ކުރަންޖެހޭއިރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އާއި ކުރީގެ ޕީޖީ މުޙްތާޒް މުޙްސިން އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙަންމަދު ނާޒިމް އާއި ގާޒީ ނިހާން އާއި މަޝްހޫރު ވިޔަފާރިވެރިޔާ ޙާމިދު އިސްމާއީލްވެސް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިރޭ ވަނީ ޙުކުމް އިއްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.