ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމުގެ މަސައްކަތް ފަށްޓަވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖަޢާކޮށް ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށްޓަކައި ޤާނޫނެއް އެކުލަވާލުވުމުގެ މަސައްކަޔް މިހާރު ފަށާފައިވާކަމަށެވެ. އެއީ ޤާނޫނުއަސާސީގެ 157ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދެފުށް ފެންނަ ސިޔާސީ ނުފޫޒުން މިނިވަން ވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ މަސައްކަތެއްކަމަށާ، އެގޮތުން ކަމާގުޅޭ ބައިނަލްއަޤުވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް ޤާނޫނު އަސާސީގެ 158ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާޙުތައް ހިމެނޭހެން ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ބަންޑާރަނާއިބުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

މިޤާނޫނުގެ ބިލަށް ބޭނުންވާ މަޝްވަރާ ހޯދުމަށް ސުޕްރީމްކޯޓާއި، ހައިކޯޓާއި، ދަށުކޯޓުތަކުގެ އިތުރުން ޖޭއެސްސީއާއެކު އަންނަ ހަފްތާގައި މަޝްވަރާ ބައްދަލުވުންތައް ބާއްވަވާނެކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިބިލް ރައްޔިތުންގެ މަޖިލީހުގެ 3ވަނަ ދައުރުގެ ތެރޭގައި  މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާކަމަށް އެއޮފީހުން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.