ޢުމަރު ޚައްޔާމަކީ، ފާރިސްކަރައިގެ ޢިލްމު ވެރިޔެކެވެ. އޭނާ ހޯއްދަވާފައިވާ ސައިންސްގެ ކާމިޔާބީ ތަކަކީ، މިޒަމާނުގެ ސައިންސްވެސް އެއަށް ތަބާވާ ޢިލްމެކެވެ. އޭނާއަކީ ޖައްވާ ބެހޭ ޢިލްމުގެ ސައިންޓިސްޓެކެވެ. ލިޔުންތެރި އަދީބެކެވެ. ޝާޢިރީ ޅެންވެރިޔެކެވެ. ހިސާބު ޢިލްމުގެ މާހިރެކެވެ. ޢުމަރު ޚައްޔާމަކީ، އީރާނުގައި ދެވަނައެއް ނެތްފަދަ މަޝްހޫރު ޢިލްމީ މާހިރެކެވެ.
"ދި އެސްޓްރޮނޮމަރ – ޕޮއެޓް އޮފް ޕާރސިއާ" މިފޮތަކީ، ޢުމަރު ޚައްޔާމް ކުރައްވާފައިވާ ޢިލްމީ މަސައްކަތްޕުޅުތަކުގެ މައްޗަށް 1859 ގައި، އެއްކުރެވި އިނގިރޭސި ބަހަށް ތަރުޖަމާ ކުރެވިފައިވާ ފޮތެކެވެ. އެއީ ޢުމަރު ޚައްޔާމުގެ، އެތައް ސަތޭކަ ޅެމެއްގެ މައްޗަށް އެކުލެވިފައިވާ ބުރަ މަސައްކަތެކެވެ. އިނގިރޭސި ބަހުން ވާހަކަ ދައްކާ މީހުންނަށް މިފޮތުގެ މުހިންމުކަން ވަޒަން ކުރެވޭނެއެވެ.
ޢުމަރު ޚައްޔާމުގެ ޝަރަފްގައި، ގޫގުލް އިން ވަނީ، އެކުންފުނީގެ ލޯގޯ ބަދަލުކޮށް، ދުނިޔޭގެ 17 ޤައުމެއްގައި، ޢުމަރު ޚައްޔާމުގެ ތަޞައްވުރު، ކުރެހުމުން ރަމްޒުކޮށް އޭނާގެ މުހިންމު ކާމިޔާބީތައް ފާހަގަ ކޮށްފައެވެ. އެހެންނަމަވެސް، ޢުމަރު ޚައްޔާމުގެ ޙަޔާތްޕުޅުގައި، އޭނާގެ ލިޔުންތެރިކަމާއި ސައިންސްގެ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޝަރަފްވެރިކަމުގެ ޙައްޤު އަދާކުރެވިފައެއް ނުވެއެވެ.
ޢުމަރު ޚައްޔާމް، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 1048 ވަނަ އަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހު އެވެ. އުފަންވެވަޑައިގަތީ އީރާނުގެ އަވަށެއްކަމުގައިވާ ނިޝާޕޫރުގަ އެވެ. ނިޝާޕޫރަކީ، ވިޔަފާރީގެ މުޢާމަލާތުތައް ހިނގަމުންދާ، އިޤްތިޞާދީ ޙަރަކާތްތަކުގެ މަރުކަޒެކެވެ.
ޢުމަރު ޚައްޔާމުގެ ބައްޕަޔަކީ، އިބްރާހީމް ޚައްޔާމީ އެވެ. އެއީ މުއްސަނދި، ޙަކީމީ ބޭސްވެރިޔެކެވެ. އޭނާގެ މަންމަގެ ނަން ތާރީޚުން ފެންނާކަށް ނެތެވެ. ޢުމަރު ޚައްޔާމުގެ ބައްޕަގެ ދަރިފަސްކޮޅުގެ މަޢުލޫމާތު ސާފުވާކަށް ނެތެވެ. އެހެންނަމަވެސް ބައެއް ލިޔުންތެރިންގެ ބަޙުސް ތަކުން އެނގޭ ގޮތުގައި، އޭނާ ދިރިއުޅުމަށް އާމްދަނީ ހޯދަމުން ގެންދިޔައީ ވިޔަފާރީގެ މުޢާމަލާތުތަކުންނެވެ. އެއީ ފޭލިގެ ތައްޔާރު ކޮށްގެންނެވެ. އޭނާގެ ޢާއިލީ ނަމުގެ މާނަޔަކީ ފޭލިގެ ތައްޔާރުކުރާ މީހާއެވެ.
ޢުމަރު ޚައްޔާމުގެ ޢާއިލާއަކީ މުސްލިމް ޢާއިލާ އެކެވެ. އެހެންނަމަވެސް ޢުމަރު ޚައްޔާމުގެ ބައްޕަ ބެލެވިފައިވަނީ އިސްލާމްދީނަށް ތަބާވާ މީހެއްގެ ގޮތުގައެއް ނޫނެވެ. ޢުމަރު ޚައްޔާމަށް ކިޔަވައި ދިނުމަށްޓަކައި، ހިސާބު ޢިލްމު ކިޔަވައިދޭ، މީހެއްކަމުގައިވާ ބަހްމާންޔާރު ބިން މަރުޒުބާން އެވެ ކިޔުނު މީހަކު، އޭނާގެ ބައްޕަ ހަމަޖައްސައި ދެއެވެ. ބަހްމާންޔާރު ބިން މަރުޒުބާނަކީ، މުސްލިމެއް ނޫނެވެ. އޭނާއަކީ، އިހުޒަމާނުގެ ފާރިސީންގެ ދީނަކަށް ތަބާވާ މީހެކެވެ. ޢުމަރު ޚައްޔާމަށް، ސައިންސާއި ފިލޯސަފީ، އަދި ހިސާބު ޢިލްމު ލިބިވަޑައިގަތީ، ބަހްމާންޔާރު ބިން މަރުޒުބާންގެ ފަރާތުންނެވެ.
ޢުމަރު ޚައްޔާމުގެ 18 ވަނަ އުފަންދުވަސް ފާހަގަ ކުރެވުނީ 1066 ވަނަ އަހަރު އެވެ. އަދި ޢުމަރު ޚައްޔާމުގެ ބައްޕަ، އިބްރާހީމް ޚައްޔާމީ ނިޔާވީ އޭނާގެ މުދައްރިސް ނިޔާވިތާ ކުޑަދުވަސްކޮޅެއް ކުރިންނެވެ. ޒުވާން ޢުމުރުގައި ކުރިމަތިވާ މިފަދަ ކަންކަމަކީ، ވިސްނުމާއި ފިކުރާ އަދި ޚިޔާލާތަށް ، އަދި އިންސާނާގެ ޙަޔާތަށް ބަދަލުތަކެއް އަންނަ ކަންކަމެވެ. އެހެންކަމުން، ޢުމަރު ޚައްޔާމު، އޭނާގެ ޢާއިލާގެ ކަންކަން، ޙާލަތަށް ތަރުތީބު ކުރެއްވުމަށްފަހު ކުރިޔަށް ވަޑައިގަތެވެ.
ޢުމަރު ޚައްޔާމު ކުރިޔަށް ވަޑައިގަތުމުގައި ފުރަތަމަވެސް ގުޅިވަޑައިގަތީ ތާވަލުކޮށް ދަތުރު ކުރަމުންދާ ޤާފިލާ އަކާއެވެ. އެ ޤާފިލާއަކީ، އީރާނުގެ ނިޝާޕޫރާއި ސަމަރުގަންދާ ދެމެދު ދަތުރުކުރާ ޤާފިލާ އެކެވެ. ސަމަރުގަންދަކީ، މިހާރުގެ ގޮތުން ނަމަ، އުޒުބަކިސްތާނެވެ. ސަމަރުގަންދަށް ވަޑައިގެން އުޅުއްވުމުގައި ވަރަށްބޮޑަށް ހިސާބު ޢިލްމަށް ޝަޢުޤުވެރިވެ ވަޑައިގަތެވެ. ހިސާބާއި އަލްޖަބްރާ، އަދި މިޔުޒިކްގެ އަޑާބެހޭ މަޒުމޫނާއި ލިޔުންތައް ލިޔުއްވިއެވެ. އެމަސައްކަތް އޭނާ ކުރެއްވީ، އޭނާގެ ބައްޕަ، އިބްރާހީމް ޚައްޔާމީގެ ރަޙުމަތްތެރިއެއްކަމުގައިވާ، އުއްތަމަ ފަނޑިޔާރު އަބޫ ޠާހިރުގެ ބެއްލެވުމުގެ ދަށުންނެވެ. ޢުމަރު ޚައްޔާމުގެ ހުރި ނަންބަރުގެ ހުޝިޔާރު ކަމާއި މޮޅުކަން އަދި ޚާއްޞަ ފަންނުވެރިކަން، އަބޫ ޠާހިރު ވަރަށްބޮޑަށް ފާހަގަ ކުރެއްވިއެވެ.
ސަމަރުގަނދުގެ އުއްތަމަ ފަނޑިޔާރު، އަބޫ ޠާހިރު އާ ޢުމަރު ޚައްޔާމާ ދެމެދު އުފެދިފައި އޮތް ގާތް ގުޅުމުގެ ސަބަބުން، ސަމަރުގަންދުގެ ވެރިޔާ، ޝަމްސުލް މުލްކު އާ ދެމެދުވެސް ގާތްކަމެއް އުފެދި، ޢުމަރު ޚައްޔާމުގެ ޤަދަރު އުފުލިގެން ދިޔައެވެ. ބައެއް ލިޔުންތެރިން ހާމަކުރައްވާ ގޮތުގައި، ދެބޭފުޅުންގެ އަރިސްކަން ބޮޑުވެގެންގޮސް، ޝަމްސުލްމުލްކުގެ ދަރުބާރުގައި، އިށީނދެ ވަޑައިގެން އިންނަވާ ތަޚުތާ ޖެހިގެން ހުންނަ ގޮނޑީގައި ޢުމަރު ޚައްޔާމް ބައިންދަވާކަމުގައި ވެއެވެ.
ސަމަރުގަންދަކީ، ސުލްޠާން މާލިކު ޝާހު ކުރިން، ހިއްޕަވާފައިވާ ސަރަޙައްދެކެވެ. ނަމަވެސް 1073 ގައި ޞުލްޙައިގެ މުޢަހަދާއެއް ކުރެވި ސަމަރުގަންދު މިނިވަން ކުރައްވާފައި ވެއެވެ. ބޮޑަށް ބެލެވެނީ ސަމަރުގަންދަށް މިނިވަންކަން ލިބުނު އިރު، ޢުމަރު ޚައްޔާމު، ސަމަރުގަންދުގެ ޝަމްސުލްމުލްކުގެ ދަރުބާރުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާނެ ކަމުގައެވެ.
ޢުމަރު ޚައްޔާމުގެ ޢުމުރުފުޅުން 26 އަހަރުގައި، މާލިކް ޝާހަށް ޚިދުމަތް ކުރެއްވުމަށް ފެށްޓެވިއެވެ. އަދި، އީރާނުގެ އިސްފަހާނުގައި އޮބްޒަވޭޓަރީއެއް ޤާއިމް ކުރައްވައި، ފާރިސީ ކަލަންޑާރު އިޞްލާޙު ކުރުމުގެ މަސައްކަތް ކުރެއްވުމަށް، އީރާނަށް ފޮނުއްވިއެވެ. 18 އަހަރު ދުވަސް ވަންދެން، ޢުމަރު ޚައްޔާމް، އީރާނުގައި އުޅުއްވިއެވެ. އީރާނުގައި އޭނާ އުޅުއްވީ، ވަރަށްބޮޑު މުސާރައެއްގައި، އެހައިމެ މުއްސަނދި ދިރިއުޅުއްވުމެއްގައެވެ.
އަހަރެއްގެ ދިގުމިން، މާބޮޑު ތަފާތެއްނެތް ގޮތަށް ސައިންޓިސްޓުން މިން އަޅާފައިވަނީ މިދުވަސް ވަރުއެވެ. އަދި އަހަރުގެ ފުރަތަމަ ދުވަސް، އިރު ދައުރުވަމުންގޮސް، އީކްއޭޓަރުގެ މެދަށް އަރާ ވަގުތު ކަށަވަރުކޮށް، ކަލަންޑަރު ފުރިހަމަކުރީވެސް އެދުވަސް ވަރުއެވެ.
ހަމައެއާއެކު، ސުލްޠާން މާލިކު ޝާހުގެ ނިންމެވުމަކަށް ޖަލާލީ ކަލަންޑަރުގެ ނަމުގައި، 15 މާރޗް 1079 ގައި، ޢުމަރު ޚައްޔާމުގެ ކަލަންޑަރު ތަޢާރުފް ކުރެވުނެވެ. އޭރު އޭނާގެ ޢުމުރުފުޅަކީ 31 އަހަރެވެ. އީރާނުގައި، 20 ވަނަ ޤަރުނާހަމަޔަށް މިކަލަންޑަރު ބޭނުން ކުރަމުން ގެންދިޔައެވެ. ބިން އުފެދިފައިވާ ގޮތުގެ މައިގަނޑު އަސާސްތައްވެސް، ފުރަތަމަ ފަހަރަށް، ކުރެހުމުން ބަޔާން ކުރައްވާފައިވަނީ ޢުމަރު ޚައްޔާމުކަމަށް ބެލެވެއެވެ. އޭގެ އެކިއެކި މޮޑެލް އޭނާ ތައްޔާރު ކުރައްވާފައި ވެއެވެ. ސައިންސުގެ ޢިލްމުން އޭނާ ކުރައްވާފައިވާ މަސައްކަތްޕުޅަކީ، އެހެން އެއްވެސް މީހަކަށް އެދުވަސްވަރު، ކުރަން ކުޅަދާނަ ވެގެންވީ ކަމެއް ނޫނެވެ.
ޢުމަރު ޚައްޔާމުގެ ބައިގްރަފީ ލިޔުއްވި އަލް ބައިޙަޤީ ވިދާޅުވެފައިވާ ގޮތުގައި، ޢުމަރު ޚައްޔާމަކީ އާދަޔާ ޚިލާފަށް ސިކުނޑި ވަރުގަދަ ބޭފުޅެކެވެ. ފޮތެއް ބަލައިގެން އެތައް ފަހަރަކު ވިދާޅުވުމަށްފަހު، ހިތު ދަސްކުރައްވައި، ތަފާތެއް ނެތި އެފޮތް އަލުން ލިޔުއްވައި ހައްދަވައެވެ.
ސުލްޠާން މާލިކް ޝާހް އަވަހާރަ ވުމާ ހަމަޔަށް، ޢުމަރު ޚައްޔާމާ ދެމެދު ވަރަށް ގާތް ގުޅުމެއް ޤާއިމްވެފައި އޮތެވެ. އެހެންނަމަވެސް، ސުލްޠާން ސަންޖަރު ވެރިކަމަށް ވަޑައިގަތުމާއެކު، ރަސްކަމުގެ ދަރުބާރާ ޢުމަރު ޚައްޔާމާ ދެމެދު އޮތް ގުޅުން ކެނޑިގެން ދިޔައެވެ.
ސުލްޠާން ސަންޖަރަކީ ޢުމަރު ޚައްޔާމާ އެހާ ގާތްގުޅުމެއް އުފައްދަވަން ބޭނުންފުޅުވި ބޭފުޅެއް ނޫނެވެ. ބެލެވޭ ގޮތުގައި ސަންޖަރުގެ ތުއްޕުޅު އިރު، ޢުމަރު ޚައްޔާމުވަނީ ސަންޖަރު ދެރަވާފަދަ ކަމެއް ކުރައްވާފައެވެ. އަދި ޢުމަރު ޚައްޔާމަށް އޭނާ މާފު ކުރައްވާކަށް ބޭނުންފުޅެއް ނުވިއެވެ. އަސްފަހާނުގައި ޤާއިމް ކުރެއްވި އޮބްޒަވޭޓަރީއަށް ބޭނުންވާ ފައިސާ ހުއްޓި، ޢުމަރު ޚައްޔާމަށް ދަރުބާރުން ދެމުންއައި މުސާރަ ކަނޑުއްވައި ލެއްވިއެވެ.
އޭގެފަހުން، ޢުމަރު ޚައްޔާމް މައްކާއަށް ޙައްޖަށް ވަޑައިގަތެވެ. އަދި ބަޣުދާދަށްވެސް ޒިޔާރަތް ކުރެއްވިއެވެ. އަދި އެނބުރި އީރާނުގެ ނިޝާޕޫރަށް ވަޑައިގެން ޢާންމު ދިރިއުޅުއްވުމެއް ފެށްޓެވިއެވެ. ޢުމަރު ޚައްޔާމަކީ ވަރަށް މަޝްހޫރު ޝާޢިރީ ޅެންވެރިޔެކެވެ. ރުބާޢިޔާތު ފޮތަކީ ، އޭނާގެ އެތައް ސަތޭކަ ޅެމެއް ހިމެނިގެން ތައްޔާރު ކުރެވިފައި އޮތް ފޮތެކެވެ. އެ ޅެންތައް ހުރީ ފާރިސީ ބަހުންނެވެ. އެހެންނަމަވެސް، އެޑްވަރޑް ފިޓްޒްގެރަލްޑް އެވެ ކިޔާ ލިޔުންތެރިޔަކު، 1859 ގައި ވަނީ މި ޅެންތައް އިނގިރޭސިބަހަށް ތަރުޖަމާ ކުރައްވާފައެވެ. އެ ޅެންތަކަކީ، ސިޔާސީ އަދި ދީނީ ވިސްނުމާއި ޚިޔާލުން ދިރިއުޅުމެއްގެ އުފައުވެރިކަން ގެނެސްދިނުން ތަޞައްވުރު ކޮށްދީފައިހުރި ޢިލްމީ ޅެންތަކެކެވެ.
"ބިމަށްވުރެ އުހުން، އުޑަށްވުރެ ދުރުން، ސުވަރުގެއާއި ނަރަކަ ފެނޭތޯ ބެލީމެވެ. ބިރުވެރި އަޑަކުން ބުނާތީ އިވުނެވެ. ސުވަރުގެއާއި ނަރަކަ ވަނީ އެތެރޭގައެވެ." މިއީ ޢުމަރު ޚައްޔާމުގެ ރުބާޢިޔާތުގެ ޅެންތަކުން ބައިތެއްގެ ތަރުޖަމާއެވެ.
ޢުމަރު ޚައްޔާމު އަވަހާރަވީ ޢުމުރުފުޅުން 83 އަހަރުގައި، 4 ޑިސެމްބަރ 1131 ގައެވެ. އަވަހާރަވީ ނިޝާޕޫރުގައެވެ. ނިޒާމީ އަރޫދީގެ ފަރާތުން އައިސްފައިވާ ގޮތުގައި ފާރިސީ ޅެންވެރިޔާ ޢުމަރު ޚައްޔާމުގެ ޅެމެއްގައި އޭނާ ބަޔާން ކުރައްވާފައި ވެއެވެ. "އޭނާގެ ޤަބުރު ވަޅުލެވޭނީ އަހަރަކު ދެފަހަރު މާފޮޅޭ ގަސްތަކެއްގެ ހިޔަނި އެޅި މާތަކުން ބިންފުރޭ ތަނެއްގައެވެ." އަރޫދީ ވިދާޅުވާގޮތުގައި، ޢުމަރު ޚައްޔާމް އަވަހާރަވިތާ ހަތަރު އަހަރުވީތަނާ، އޭނާ ނިޝާޕޫރަށް ވަޑައިގަތެވެ. އަދި ޢުމަރު ޚައްޔާމުގެ ޤަބުރު ވަޅުލެވިފައި އޮތްތަން ހޯއްދެވިއެވެ. އެއީ، ޢުމަރު ޚައްޔާމުގެ ޅެމުގައި އޭނާ ވަޅުފުޅުލެވިފައި އޮތުމަށް އެދިވަޑައިގެންނެވި ތަނެވެ. އެއިރު، މަހާނަފުޅު އޮތީ މާތައް އޮހި މަލުން ނިވައި ވެފައެވެ.
އީރާނުގެ ޝާހު ރިޒާ ޕެހެލަވީގެ އެންގެވުމަކަށް، 1963 ގައި ޢުމަރު ޚައްޔާމުގެ ޤަބުރުވަނީ ކޮނެގެން ނިޝާޕޫރުގެ ޤަބުރުސްތާނަކަށް ބަދަލު ކުރެވިފައެވެ. ޢުމަރު ޚައްޔާމުގެ އަމިއްލަފުޅު ޙަޔާތްޕުޅާބެހޭ މާގިނަ މަޢުލޫމާތު ތަކެއް ލިބޭކަށް ނެތެވެ. އެހެންނަމަވެސް، އޭނާގެ އަނބިކަނބަލަކާއި ފިރިހެން ބޭފުޅަކާ އަދި އަންހެން ބޭފުޅެއް ހުންނެވި ކަމަށް ވެއެވެ.