ޓެރަރިޒަމްގެ ތުހުމަތުގައި އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ކުއްލި ގޮތަކަށް ގެންގޮސްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމްގެ ޕްރައިވެޓް ބޮޑީގާޑާއި މައުމޫންގެ ކާރު ޑްރައިވަރު ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކުރަން ކްރިމިނަލް ކޯޓުން މިރޭ އަމުރު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިރޭ މިގޮތަށް ނިންމީ މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ބޭއްވި ޝަރީއަތުގެ އަޑު އެހުމެއްގައެވެ. މި ދެމީހުންގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ސަރުކާރު ވައްޓާލަން ރޭވިކަމަށް ބުނެއެވެ. މައުމޫންގެ ބޮޑީގާޑާއި ކާރު ޑްރައިވަރުގެ އިތުރުން މައުމޫންގެ އޮފީހުގެ އަންހެން މުއައްޒަފެއް ކަމަށްވާ ނަޖުމާވެސް އިއްޔެ ހައްޔަރު ކުރިއެވެ.
ނަމަވެސް އޭނާގެ 8 މަހުގެ ކުއްޖަކު އޮތުމާއެކު ގޭބަންދަށް ދޫކުރުމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. މައުމޫންގެ މުއައްޒަފުން ކުއްލި ގޮތަކަށް ހައްޔަރު ކުރުމާއި ގުޅިގެން މައުމޫން ވަނީ އެކަމާ ކުއްލި ޙައިރާން ކަމެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.