ލެސްޓަރގެ ހަަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށްފި

ލެސްޓަރގެ ހަމަނުޖެހުމަށް ފަހު ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަނީ

އިނގިރޭސިވިލާތުގެ ލެސްޓަރގައި މުސްލިމުންނާ ހިންދޫންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.

ލެސްޓަރ ގައި ދިިރިއުޅޭ މުސްލިމުންނާ ހިންދޫންގެ ޒުވާނުންގެ މެދުގައި ފާއިތުވި ހޮނިހިރު ދުވަހު ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައެވެ.

ސްރީލަންކާއިން އިންތިޒާމުކޮށްގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކުރިއަަށް ދިޔަ ކްރިކެޓް އޭޝިޠާ ކަޕްގައި ފާއިތުވި އޮގަސްޓު މަހުގެ 28 ވަނަ ދުވަހު އިންޑިޔާއާއި ޕާކިސްތާނު ބައްދަލުކުރި މެޗަށް ފަހު ދެފަރާތުގެ ދެމެދުގައި ނުތަނަވަސްކަން އައީ އިތުރުވަމުންނެވެ.

"އިންޑިޔާ ޕާކިސްތާން ކްރިކެޓް މެޗަށް ފަހު ދެފަރާތުގެ ދެމެދުގައި މައްސަލަތައް ޖެހެމުން އައީ. (މި ދެގައުމުގެ ދެމުގައި ބާއްވާ) މެޗުތަކަށް އާއްމުކޮށް ގިނަ ބަޔަކު ޖަމާމަވުން އާދޭ. އެހެންނަމަވެސް، މިގޮތަށް މައްސަލަ ގޯސްވެގެން ގޮސްފައި ނުވޭ." ލެސްޓަރގެރ ޖަމްއިއްޔާއެއް ކަމަށްވާ ފެޑެރޭޝަން އޮފް މުސްލިމް އޮގަނަޒޭޝަންގެ ސުލައިމާން ނަޖްދީ ވިދާޅުވިއެވެ.

"އަހަރުމެން ބޭނުންވަނީ ހަމަޖެހުން. ހަމަނުޖެހުން ހުއްޓާލަން ޖެހޭ. އެކަން ހަމަ މިހާރު ހުއްޓާލަންވީ." އޭނާ އިތުރަށް ވިދާޅުވިއެވެ.

ހިންދޫންގެ އިސް ބޭފުޅުންވެސް ވަނީ ހަމަނުޖެހުންތަކުގެ ސަބަބުން ސިހުން ލިބިފައިވާކަން ހާމަކުރައްވާފައެވެ.

"އަހަރުމެން މިއައީ މިރަަށުގައި އެތައް އަހަރެން ވަންދެން ސުލްހަވެރިކަމާއެކު އުޅެމުން. ފާއިތުވި މަދު ހަފުތާތަކެއްގެ ތެރޭގައި ހިނގައިދިޔަ ކަންކަމުން އެގިއްޖެ، މޭޒުދޮށަށް އެއްވެ މަޝްވަރާކުރަންޖެހޭ ކަންކަން ހުރިކަން." ލެސްޓަރގެ ހިންދޫ އަދި ޖޭން ފައްޅިތައް ތަމްސީލުކުރައްވާ ސަންޖީވް ޕަޓޭލް ވިދާޅުވިއެވެ.

"ހަމަނުޖެހުން ހިންގުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫން. މިވަގުތަކީ ސުލްހައާއި، މައިތިރިވުމާއި، މަޝްވަރާގެ ވަގުތު." އޭނާ އިތުރަށް ހާމަކުރެއްވުމެެވެ.

އެންމެ ފަހުގެ ހަމަނުޖެހުންތައް ފެށުނީ ހޮނިހިރު ދުވަހުގެރޭ 200 އެއްހާ ހިންދޫ ޒުވާނުން ލެސްޓަރގެ މަގުތަކަށް ނުކުމެ، "ޖޭ ޝްރީ ރާމް" (ހަރުކަށި ހިންދޫން ހަނގުރާމައަށް ގޮވާލުމަށް ގޮވާ ގޮވެއްޔެއް) ގޮވަމުން ހިނގާފައެވެ. މިހިނގާލުން ފެށުމާއެކު މުސްލިމް ޒުވާނުންގެ ގިނަ ބަޔަކު މަގުމައްޗަށް ނުކުތެވެ. އަދި ދެފަރާތުގެ މީހުންގެ މެދުގައި ތަޅާފޮޅުން ފެށުނީއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަށް 47 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

"ހަރުކަށި އަަމަލު ހިންގުމާ، ހަމަޖެހުން ނަގާލުމާ، ބިރުދެއްކުމުގެ އަމަލު ހިންގުމަކީ އަހަރުމެން ބަލައިގަންނާނެ ކަމެއް ނޫން. ފުލުހުންގެ އޮޕަރޭޝަނާއި ތަހުގީގު ބާރަށް ކުރިއަށް ދާނެ." ލެސްޓަރގެ ފުލުހުން އިއްޔެ ބުނެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.