ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށް ފަހު އިއްޔެގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފް ޕޮލިހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.
މަހްލޫފް ހާޒިރުވާން ފުލުހުން ފޮނުވި ޗިޓުގައި ބުނެފައި ވަނީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރާ މުޙަންމަދު ޖަމްޝީދު ޑީމޯޓް ކުރުމާއި ގުޅޭގޮތުން ހުސްވި އަހަރުގެ ޑިސެމްބަރު މަހު އޭނާ ކުރެއްވި ޓްވީޓެއްގައި ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ޙާޒިރުވާން ޖެހެނީ ކަމަށެވެ.
އެހެންކަމުން މިމައްސަލައިގައި ފުލުސް އޮފީހަށް މަހްލޫފް ޙާޒިރުވާން އަންގާފައި ވަނީ އަންނަ ހޮނިހިރު ދުވަހު މެންދުރު ފަހު 1:30 އަށެވެ. ފުލުހުން ބަލަމުންދާ މަހްލޫފްގެ ޓްވީޓުގައި ލިޔުއްވާފައި ވަނީ ޖަމްޝީދު ޑީމޯޓް ކުރީ ކުރީގެ ނައިބު އަޙްމަދު އަދީބަށް ޒަހަރު ދީގެން މަރާލަން އެންގުމުން އެކަމާ ނޫޅުއްވައި އެ މެސެޖް އަދީބަށް ރައްދު ކުރައްވަން ޖަމްޝީދު އުޅުއްވި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މެސެޖް މަހްލޫފް ވަނީ ފުލުހުންނަށް ޓެގްވެސް ކުރައްވައި އެކަން ހިނގާފައިވާ ގޮތެއް ފުލުހުން ސާފު ކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ.