ޔުކްރޭނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި، ޔުކްރޭން ސިފައިން ދޭން ފެށި ކުއްލި ރައްދު ހަމަލާތަކެއްގައި ބޮޑު ސަރަހައްދަކުން ރަޝިޔާ ސިފައިން ފަހަތަށް ޖައްސާފައި ވަނިކޮށް، ޔުކްރޭނަށް ރަޝިޔާއިން ދޫނުދޭނެކަމާއި، ހަމަލާތައް އިތުރަށް ވަރުގަދަކުރަން ޖެހިދާނެކަމުގެ އިންޒާރު ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިން ދެއްވައިފިއެވެ. އޭނާ މި މޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ އުޒްބެކިސްތާނުގެ ވެރިރަށް ސަމަރްކަންދު (ސަމަރުޤަންދު) ގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ. ރައީސު ޕުޓިން ސަމަރްކަންދަށް ވަޑައިގެން އުޅުއްވަނީ އެ ރަށުގައި ކުރިއަށް ޝެންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ގެ އެންމެ އިސް ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޕުޓިން ވިދާޅުވިގޮތުގައި ޔުކްރޭން އިރުމަތީ ޑޮންބާސް ސަަރަހައްދު "މިނިވަން"ކުރުމަކީ ރަޝިޔާގެ މަގުސަދުކަމަށާއި، އެކަމާމެދު އަލުން ވިސްނާނެ ޖާގައެއް ނެތްކަމަށެވެ. ރަޝިޔާއިން ޔުކްރޭނުގައި "އަވަސްއަރައިގެން ނޫޅޭ" ކަމަށް ވިދާޅުވަމުން، އޭނާ ހާމަކުރެއްވި ގޮތުުގައި ރަޝިޔާއިން ޔުކްރޭނަށް އަދި ފޮނުވާފައި ތިބީ އެގައުމުގެ ރަސްމީ ސިފައިންނެއް ނޫނެވެ. ވޮލަންޓިޔަރ ސިފައިންނެވެ.
ފާއިތުވި ހަފުތާގައި ޔުކްރޭނުން ދިން އަވަސް ރައްދު ހަމަލާތަކާ ގުޅިގެން ރަޝިޔާ ސިފައިންނަށް ވަނީ ޔުކްރޭނުގެ އިރުއުތުރުގެ ބޮޑު ސަރަހައްދެއް ދޫކޮށް ފަހަތަށްޖެހެން މަޖުބޫރުވެފައެެވެ. އެ ސަރަހައްދުގެ އެތައް ރަށަކާ، އަވަށްތަކެއް ޔުކްރޭނުގެ ބާރުގެ ދަށަށް ދިއުމީ ޔުުކްރޭނަށް ރަޝިޔާ ސިފައިން އެރިފަހުން ރަޝިޔާއަށް ކުރިމަތިވި އެންމެ ބޮޑު ބައްޔެވެ.
"ކަންތައް ބަދަލުވެ، ނިމިގެންދާ ގޮތް ބަލަމާ ހިނގާ." ޔުކްރޭންގެ ރައްދު ހަމަލާއާބެހޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސު ޕުޓިން ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޔުކްރޭނުން ވަނީ ރަޝިޔާގެ މަދަނީ ތަންތަނަށް ހަމަލާދީފައެވެ. "އަހަރުމެން މިހާތަނަށް ރައްދުދީފައިވަނީ ހިފެހެއްޓުންތެރިކަމާއެކު. އެހެނަސް އަދި އެއީ މިހާތަނަށް." ޕުޓިން ވިދާޅުވިއެވެ.
"މި ގޮތަށް ކަންތައް ދަންޏާ އަހަރުމެންގެ ރައްދު އިތުރަށް ނުރައްކާތެރިވާނެ." ޕުޓިން އިންޒާރުދެއްވިއެވެ.
ރައީސު ޕުޓިން މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، މިހާތަނަށް ރަޝިޔާއިން ޔުކްރޭނުގައި ކުރާ ހަނގުރާމައާ ދެކޮޅަށް އެއްޗެއް ބުނެފައި ނުވާ ޗައިނާއާއި، އިންޑިޔާއިންވެސް ވަނީ ރަޝިޔާ ދެކޮޅަށްކަން ދޭހަވާ ވާހަކަފުޅުދައްކަވާފައެވެ.
"އަހަރެންނަށް އެނގޭ މިއީ ހަނގުރާމައިގެ ޒަމާނެއް ނޫންކަން." ޕުޓިންއާ ބައްދަލުކުރައްވަމުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވިއެވެ.
އަނެއްކޮޅުން ޗައިނާގެ ރައީސު ޝީ ޖިންގްޕިން ވެސް ވަނީ ޕުޓިންއާ ބައްދަލުކުރެއްވި އިރު ހަނގުރާމައާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމައިގެ ބޭނުންތެރިކަމާމެދު ސުވާލުއުފައްދަވާފައެވެ.