
ރާނީ އެލިޒަބަތް 2 ގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަމައްދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
އެ ދެކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ އުމުރުފުޅުން 96 އަހަރުފުޅުގައި 2022 ސެޕްޓެމްބަރ 8 ވީ ބުރާސްފަތި ދުވަހުގައެވެ. ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމުގެ ހިތާމައިގައި، 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އިނގިރޭސި ވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވައި، ރާނީއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރައްވާނެއެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 2022 ސެޕްޓެންބަރު 22 ވަނަ ދުވަހުގައެވެ.