ރަށްރަށުން ޔުޓިލިޓީ ޚިދުމަތްތަކަށް ދޫކުރާ ބިންތަކުން ކުލި ނެގުމަކީ ކުރަން ފެނިވަޑައިގަންނަވާ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހައްދުންމަތީ ގަމުގައި ބޭއްވި ވިޔަވަތި ކޮންފަރެންސްގައި ބައެއް ކައުންސިލްތަކުން ފާޅުކުރެއްވި ޚިޔާލުތަކާއި ގުޅިގެންނެވެ.
ރައީސް ސާލިހު ވިދާޅުވީ ޔުޓިލިޓީ ކުންފުނިތަކަށް ދޫކޮށްފައި ހުރި ބިންތަކުން ކުލި ނެގުމަށް ފެނިވަޑައި ނުގަންނަވާ ކަމަށާއި، އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ މިހާރެކޭ އެއްގޮތަށް ވީހާވެސް ފަސޭހައިން ކައުންސިލްތަކުން ބިން ދޫކުރެއްވުން ކަމަށެވެ.
އޭގެ ބަދަލުގައި ކުންފުނިތަކުން ޚިދުމަތްތައް ރަނގަޅަށް ދެއްވައި، ޑިސްކައުންޓް ދޭންޖެހޭ ޚާއްސަ ޚިދުމަތްތަކަށް ލުއިގޮތަކެއް ހަމަޖައްސަވައި ދެއްވަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވިޔަވަތި ކޮންފެރަންސްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ ވީހާވެސް އަގު ކުޑަކޮށް ކަރަންޓު ޚިދުމަތްދިނުން ކަމަށެވެ.
ސައީދު ވިދާޅުވެފައިވަނީ ފެނަކަ އިންޖީނުގެ ހިންގާ ބިންތަކުން ކުލި ނަގަން ފަށައިފިނަމަ، އޭގެ އަސަރު ކަރަންޓުބިލަށްކޮށް، އެކަމުގެ ނޭދެވޭ އަސަރު ކުރާނީ ރައްޔިތުންނަށް ކަމަށެވެ. އަދި ފެނަކައަކީ ސަރވިސްއެއް ޕްރޮވައިޑް ކޮށްދޭ ކުންފުންޏެއްކަން ފާހަގަކޮށް ސައީދު ވިދާޅުވީ ފެނަކަ އަކީ ވިޔަފާރި ކުރާ ކުންފުންޏެއް ނޫން ކަމަށެވެ.
"ކުލި ނެގުމުން ލިބޭ ފައިދާއަށް ވުރެ ބޮޑު ފައިދާއެއް ރަށްރަށުގައި ފެނަކައިން އުފައްދާ ވަޒީފާތަކުގެ ސަބަބުން ލިބޭނެ. މަދު ބަޔަކު ލައިގެން ކުރެވިދާނެ މަސައްކަތްތައް ގިނަ މުވައްޒަފުން ނަގައިގެން ކުރަނީ ވެސް ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް." ސައީދު ވިދާޅުވެފައިވެއެވެ.
ފެނަކައަކީ މިހާރު ވެސް ރަށްރަށުގެ ކައުންސިލްތަކާއި ސްކޫލް މަދަރުސާތަކާއި އިޖްތިމާއީ އެކި ފަރާތްތަކަށް ދަތިވެ ނުކުރެވި ހުންނަ ގިނަ ކަންތައްތަކުގައި ބޮޑެތި އެހީތެރިކަން ފޯރުކޮށްދީ، ރަށްރަށުގެ ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ކުންފުންޏެކެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާއި ސްކޫލް މަދަރުސާތަކާއި އިޖްތިމާޢީ އެކި ފަރާތްތަކަށް ދަތިވެ، ނުކުރެވި ހުންނަ ގިނަ ކަންތައްތަކުގައި ބޮޑެތި އެހީތެރިކަން ފޯރުކޮށްދީ، ރަށްރަށުގެ ރައްޔިތުންނާއި ވީހާވެސް ގާތުން ފެނަކަ އަންނަނީ ޚިދުމަތް ދެމުންމެވެ.