އުއްމީދު - 28

(8 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެހެންވެއްޖެއްޔާ މިތާނގައި ކޮޅަށް ޖެހިފައި ހުރެގެން ކީއްކުރަނީ؟ އަވަހަށް ގޮސް ބޮޑު ބުރުގާ އެޅި ޖާހިލު އިސްލާމަކާ އިނދޭ. ކަލޭގެ އިނގިލީގައި ހިފައިގެން ފަހަތުން ހިނގަހިނގައި ހުންނާނީ އެކަހަލަ މީހެއް. އެކަހަލަ މީހަކާ އިނީމާ އެމީހާ ހިލޭ ފިރިހެނަކާ ދިމާއަށް ލޮލުގެ ހިމަކޮޅުންވެސް ބަލައެއް ނުލާނެ."

ކެތީގެ އަޑުގައި ހުރީ ވިހަ އަސަރެކެވެ. ޑެނިއަލް ގެންދިޔައީ ރުޅިގަނޑު މައިތިރި ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އޭނާއަކީ ކުދިކުދި ކަންތައްތަކާ އެހައި އަވަހަށް ރުޅި އަންނަ މީހެއް ނޫނެވެ. އެކަމަކު މި ވަގުތު އޭނާގެ ޖަޒުބާތުތައް ހިލިގަންނަ ގޮތެއްވެސް ނޭނގެއެވެ. އޭނާ ކެތީގެ އަތް ފޮޅުވައިލާފައި ކާރު ޕާކުކޮށްފައި އޮތް ތަނާ ދިމާއަށް ބާރަށް ހިނގައިގެންފިއެވެ. އޭނާ ހިނގަމުން ދިޔައިރު ފަހަތުން ކެތީ ހުތުރު އެއްޗެހި ގޮވަމުންދާ އަޑު ސާފުކޮށް އިވެއެވެ. އެކަމަކު އޭނާ އެ އަޑަކަށް ސަމާލުކަމެއް ނުދެއެވެ. ކާރާ ދިމާއަށް ފިޔަވަޅު ހަލުއި ކޮށްލީއެވެ.

ކެތީގެ ވާހަކަތައް އޭނާގެ ކަންފަތުގައި އެތައް ހަފުތާއެއް ވާންދެން ހަރުލައިފައި ހުއްޓެވެ. މި ފަހަރުވެސް އޭނާއަށް އެނބުރި އާދެވުނީ ހަމަ ފުރި ތަނަށެވެ. އޭގެ ފަހުން އޭނާ ދުވަހަކުވެސް ހުޅަނގުގެ އަންހެންކުއްޖަކާ ގުޅުމެއް ބާއްވާކަށް މަސައްކަތެއް ނުކުރެއެވެ. އެމްބީއޭގެ ފަހު އަހަރު އޭނާޔާ އިންޑިއާ އަންހެންކުއްޖަކާ ބައްދަލުވެއްޖެއެވެ.

* * *

ވިޖޭތާ އެމެރިކާއަށް އައިސް ހުރީ ސްކޮލަޝިޕެއްގައި ކިޔަވާށެވެ. ޑެނިއަލާ ދިމާވީ ޔުނިވަރުސިޓީގެ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. ފުރަތަމަ ބައްދަލުވުމާއެކުވެސް އެކަކު އަނެއްގެ މައްޗަށް ކޮންމެވެސް ވަރެއްގެ ޝައުގުވެރިކަމެއް އުފެދިއްޖެއެވެ. ޑެނިއަލް އަބަދުވެސް ބޭނުން ވަނީ އިރުމަތީގެ ކުއްޖަކާ އިންނާށެވެ. އަނބިމީހާގެ ކިބައިން އޭނާ ދެކެން ބޭނުންވާ ގިނަ ރީތި ސިފަތައް އޭނާއަށް ވިޖޭތާގެ ކިބައިން ފެނުނެވެ. ދެތިން ބައްދަލުވުމަކަށް ފަހު މަންމަޔާ ބައްދަލު ކުރުވަން ވިޖޭތާ ގެއަށް ގެނެސްފިއެވެ. ސިބިލްއަށްވެސް ވިޖޭތާ ރަނގަޅު ވެއްޖެއެވެ. ވިޖޭތާ ގޮވައިގެން ގެއަށް އައީ ކީއްވެގެންކަން ސިބިލްއަށް އެނގިއްޖެއެވެ. އެހެންވީމާ އެ ގުޅުމަކާ ދެކޮޅެއް ނުހެދިއެވެ.

އޭގެ ފަހުން ވިޖޭތާ ގިނަގިނައިން އެގެއަށް އަންނާން ފަށައިފިއެވެ. ރަސްމީ އެއްވެސް ސިފައެއްގައި ޑެނިއަލް އިންނާކަށް ނާހައެވެ. އެކަމަކު އެ ޝައުގުވެރިކަން އެބަހުރިކަން ވިޖޭތާއަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. އިންނާން އެހުމުގެ ތައްޔާރީގައި ޑެނިއަލް އުޅެނިކޮށް ކަންބޮޑުވާ ކަހަލަ ކަމަކާ ދިމާވެއްޖެއެވެ.

އެއީ ޔުނިވަރުސިޓީގެ އަހަރީ ކުޅިވަރުތައް ކުރިއަށް ގެންދިޔަ ދުވަސްވަރެވެ. ވިޖޭތާ ބައިވެރިވީ ފެތުމުގައެވެ. ފަރިތަކުރަން ޔުނިވަރުސިޓީގެ ފަތާފެންގަނޑަށް ދާކަމެއް ކުރިއަކުން ޑެނިއަލަކަށް ނޭނގެއެވެ. ޑެނިއަލް ގާތު ވިޖޭތާ އެވާހަކަ ބުނީ މުބާރާތަށް ހަފުތާއެއްހައި ދުވަހަށް ވެފައި ވަނިކޮށެވެ.

"ވިޖޭތާ ފަތާނީ ކިހިނެއް؟" ޑެނިއަލް ހައިރާންވެފައި އަހައިލިއެވެ.

"ކީކޭ؟ ފަތާނީ ކިހިނެއްހޭ؟ އަހަންނަށް ނުފެތެންވީ ކީއްވެގެން؟" ވިޖޭތާވެސް ހައިރާންވެފައި އަހައިލިއެވެ.

"އެހައި ގިނަ ބައެއްގެ ތެރޭގައި ފަތާހެދުމުގައި؟ ނޫނޭ. ތިޔައީ އަހަރެން ރުހޭ ކަމެއް ނޫން." ޑެނިއަލް ނުރުހުން ފާޅުކުރިއެވެ. ވިޖޭތާ އޭނާ ގާތު ނުވެސް އަހައި އެފަދަ ކަމެއް ކޮށްފާނޭ ކަމަކަށް އޭނާ ހިއެއްވެސް ނުކުރެއެވެ.

"ނުރުހެންވީ ކީއްވެގެން؟ މިއީ ކުޅިވަރެއް. އަހަރެންވެސް ކުޅިވަރުގައި ބައިވެރިވީ. އަންހެންކުއްޖަކަށް މި ކުޅިވަރުގައި ބައިވެރިވަނީ އަހަރެން އެކަންޏެއްވެސް ނޫން."

"ކުޅިވަރެއްކަން އަހަންނަށްވެސް އެނގޭ. އެކަމަކުވެސް އެހައި ގިނަ މީހުންގެ ކުރިމަތީގައި ވިޖޭތާ ތިޔަ ކަހަލަ ކަމެއް ކުރުމަކީ އަހަންނަކަށް ކަމުދާ ކަމެއް ނޫން."

"ޑެނިއަލް. ކޮބައިތަ މައްސަލައަކީ؟" ވިޖޭތާ ހައިރާންކަމާއެކު ހީނލިއެވެ. "އެއީ މާ ބޮޑު ކަމަކީތަ؟"

"ވިޖޭތާ. އަހަރެން އިންނަން އުޅޭ ކުއްޖާ ތިޔަ ކަހަލަ ކަންތައްތައް ކުރުމަކީ އަހަރެން ރުހޭ ކަމެއް ނޫން." ސީރިއަސް ރާގަކަށް އޭނާ ބުނެލިއެވެ.

އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު ވިޖޭތާ ބުނެލިއެވެ. "ބައެއް ފަހަރު ޑެނިއަލްގެ ޚިޔާލު ހުންނަނީ ވަރަށް ބޯދާ ފާޑަކަށް."

"ވެދާނެ. އެއީ އަހަރެން ލަދު ގަންނަ ކަމެއް ނޫން. އެއީ އަހަރެން ގަބޫލުކުރާ ހަމަ. އެ ހަމަ ދޫކޮށްލުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫން."

"ވަރަށް ރަނގަޅު. ޑެނިއަލް އަމިއްލަ ހަމަތައް ދޫނުކޮށް ހިފަހައްޓާ. އެއީ މައްސަލައެއް ނޫން. އެކަމަކު އެ ހަމަތައް އެހެން މީހުންގެ މައްޗަށް މަޖުބޫރުކުރަން މަސައްކަތް ނުކުރޭ. ވިހިވަނަ ގަރުނުގެ ތެރޭގައި އަންހެނުންނާ މެދު ތިޔަ ކަހަލަ ބޯދާ ޚިޔާލު ގެންގުޅޭތަން ފެނުނީމާ އަހަރެން ބިރުވެސް ގަނޭ. އަހަންނަށް ބައެއް ފަހަރު ޑެނިއަލް ފެންނަނީ މުސްލިމު ފިރިހެނުންހެން ހަރުކަށި ބޯދާ ފިކުރުގައި އުޅޭތަން."

ޑެނިއަލް އިސް އުފުލައި ބަލައިލިއެވެ. އޭނާގެ ނުރުހުން އިހަށްވުރެ ބޮޑުވެއްޖެއެވެ. "އަހަންނަށް ފާޑުކިޔާނެ ކަމެއް ނެތް. އަހަރެން މި ބުނަނީ ފެތުމުގެ މުބާރާތުގައި ވިޖޭތާ ބައިވެރިވުމަކީ އަހަރެން ރުހޭ ކަމެއް ނޫނޭ. ބައިވެރި ނުވާތި."

"ބައިވެރިވެއްޖެއްޔާޔޯ؟"

"އެހެންވެއްޖެއްޔާ ދެން ދުވަހަކުވެސް އަހަރެން ވިޖޭތާއަކާ ބައްދަލެއް ނުކުރާނަން."

ވިޖޭތާ ކުއްލިއަކަށް ނުރުހިއްޖެއެވެ. "އަސްލު މައްސަލައަކީ ކޮބައިކަން އެނގޭތަ؟ ޑެނިއަލް ތިޔައީ އާދައިގެ މީހެއް ނޫން. އުނި މީހެއް. ވިހިވަނަ ގަރުނުގައި ދިރިއުޅުނަސް ވިސްނުން ތިޔަހަރީ ބާރަވަނަ ގަރުނުގެ ފިރިހެނުންގެ ހުންނަ ކަހަލަ ގޮތަކަށް. ޑެނިއަލް އެމެރިކާގައި އުޅޭތީވެސް އަހަރެން ހައިރާންވޭ. އުޅޭން ޖެހެނީ ޅައިރު އުޅުނު ކަހަލަ ތަހުޒީބުނުވާ ރަށްރަށުގައި. ޑެނިއަލްގެ ސިކުނޑީގައި ތިޔަ ވަނީ އެ ރަށްރަށުގެ ވިޔާނުދާ އާދަތަކާއި މަންމަގެ ނާތަހުޒީބު ވިސްނުން އަށަގެންފައި. ޑެނިއަލާ އިންނަ މީހެއްގެ ދިރިއުޅުން ހަލާކު ވެގެން ހިނގައިދާނެ. ހޯދަން ތިޔަ އުޅޭ ކަހަލަ އަންހެނަކު ދުވަހަކުވެސް ނުފެންނާނެ. ޑެނިއަލް ތިޔަ ވަންނަ ވަރަށް ދިރިއުޅުމުގެ ތެރެއަށް ވަދެގެން ފާޑު ކިޔާ ކަހަލަ ފިރިހެނަކު މި ޒަމާނުގެ އެއްވެސް އަންހެނަކަށް ކަމަކު ނުދާނެ. އަމިއްލަ ހަމަތައް އަނބިމީހާގެ މައްޗަށް ހިންގަން މަސައްކަތް ކުރީމާ އަމިއްލައަށް ހައްލު ނުކުރެވޭ ކަހަލަ މައްސަލަތަކެއްގެ ތެރެއަށް ވަންނާނީ. އަދި އަނބިމީހާއަށްވެސް މައްސަލަތައް ކުރިމަތި ކުރުވާނީ. އެ ނޫން ކަމެއް ނުވާނެ. އެންމެ ރަނގަޅު ގޮތަކީ ތިޔަބުނާ އަމިއްލަ ހަމަތައް ދޫކޮށްލުން. ދޫކޮށް ނުލެވެންޏާ އިންނާނޭ މީހަކު އެމެރިކާއިން ހޯދުމުގެ މަސައްކަތް ހުއްޓައިލާ. އަހަރެމެން މިއީ ކަރަށް ފައިން އަރައިގެން ތިބޭ ކަހަލަ ފިރިންނާ ރުހޭނޭ ބައެއް ނޫން. އަޅާ ކޮންމެ ފިޔަވަޅަކަށް ހުއްދަ ނަގަން ޖެހޭ ކަމަށް ގަބޫލުކުރާ ބަޔަކީމެއްވެސް ނޫން. ކޮންމެ އަންހެނަކީ ޑެނިއަލްގެ މަންމަ ކަހަލަ މޮޔައަކަށް ނުވާނެ. މަންމަ ތިޔަހަރީ ޑެނިއަލްގެ ގަޔަށް ހަމަތަކުގެ އިންޖިކުސަން ޖަހަމުން ގޮސް ހަމަޖެހިގެން ދިރިނޫޅެވޭ ވަރު ކޮށްފައި. އަންހެނަކަށް އެ އަންހެނަކު އަޅަން ބޭނުންވާ ކަހަލަ ހެދުމެއް އަޅަން ހުއްދަ ނުދޭ ފިރިހެނަކަށް މީހަކާ އިނދެގެން އުޅެވޭނީ ކިހިނެއް؟ އެފަދަ މީހަކާ އިނދެގެން އުޅޭ އަންހެނެއްގެ މުޅި ދިރިއުޅުން ހޭދަވާނީ މަޖުބޫރީއާއި ހިތާމައިގައި. އަހަންނާ ބައްދަލު ނުކުރާނަމޭ ޑެނިއަލް ބުނާކަށް ނުޖެހޭނެ. މީގެ ފަހުން އަހަރެން ޑެނިއަލަކާ ބައްދަލެއް ނުކުރާނަން. އެއްވެސް ގުޅުމެއް ނުބާއްވާނަން."

ވިޖޭތާ ރުޅި އައިސް ފުފިފައި ހުރެގެން ނުކުމެގެން ހިނގައްޖެއެވެ.

* * *

"ޑެނިއަލް މާ ބޮޑަށް ޖަޒުބާތީ ވަނީ." އެރޭ ގެއަށް އައިސް މަންމަ ގާތު ވިޖޭތާ ކަންތައް ކުރި ގޮތުގެ ވާހަކަ ބުނީމާ ސިބިލް ބުނެލިއެވެ. މީގެ ކުރިން އަބަދުވެސް ސިބިލް ބަލަމުން އައީ އަންހެންކުދިންގެ އުނި ކަންތައްތަކަށެވެ. އެކަމަކު މި ފަހަރު އެކަމާ ދެކޮޅު ހެދީއެވެ. ޑެނިއަލް ހައިރާން ވެފައި މަންމަގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ.

"ފެތުމުގެ މުބާރާތެއްގައި ބައިވެރިވުމުގައި އޮތީ ކޮން ގެއްލުމެއް؟"

"ތިޔަހެން ތިޔަ ބުނަނީ މަންމަތަ؟"

"އާނ. މަންމަ މި ބުނަނީ. އެއީ އެހެން ކުދިންނަށްވުރެ މާ ރަނގަޅު ކުއްޖެއް. އޭނާ މީގެ ކުރިއަކުން އެހެން މީހަކާ ރައްޓެއްސެއް ނުވޭ. އިރުމަތީގެ ހަމަތަކަށް އިހުތިރާމުކުރޭ. މި ކަހަލަ މާހައުލަކުން އެކަހަލަ ކުއްޖަކު ލިބޭއިރު އެއްވެސް ކަހަލަ އުނިކަމެއް ނެތިއެއް ނުދާނެ. އެހެންވީމާ ދަރިފުޅަށް ޖެހޭނީ ބައެއް ކަންތައްތަކާ ގަސްތުގައި ރުހިގެން އުޅެން ދަސްކުރަން." ސިބިލް އޭނާގެ ދަރިފުޅަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ.

"ރުހިގެން އުޅޭކަށް އަހަރެން ބޭނުމެއް ނޫން. އަމުދުން އެކަހަލަ ކަމަކާ ރުހިގެންނެއް ނުހުންނާނަން. އަހަރެންގެ ސިކުނޑި ގަބޫލު ނުކުރާ ކަމަކާ ރުހިގެން އުޅުމަކީ ކުރެވޭނެ ކަމެއް ނޫން."

"ތިޔަ ކަހަލަ ކަންތަކުގައި ދަރިފުޅު ތިޔަ ހުންނަނީ މާ ބޮޑަށް ހަރުކަށި ވެފައި."

"އަހަރެން މި ދައްކަނީ ރަނގަޅު ވާހަކައެއްކަން މަންމައަށް ރަނގަޅަށް އެނގޭނެ. މަންމަ އަހަންނަށް ދަސްކޮށްދިން ރީތި އަޚުލާގާއި ރަނގަޅު ހަމަތައް އެންމެ ލަތްކަކާއެކު ފޮޅައިލުމަކީ އަހަންނަކަށް ކުރެވޭނެ ކަމެއް ނޫން."

ދަރިފުޅު އިންނަން ތިޔަ އުޅޭ ކަހަލަ ކުއްޖަކު ހޯދުމަކީ ހުޅަނގުގެ މުޖުތަމައުގައި ދިރިއުޅެމުން ކުރެވޭނެ ކަމެއް ނޫން." ސިބިލް ސާފުކޮށް ބުނެލިއެވެ.

"މައްސަލައެއް ނެތް. އަހަރެން ގަބޫލުކުރާ ހަމަތަކަށް ނުފެތޭ ކުއްޖަކާއެކީ ދިރިއުޅުމަށްވުރެ އެކަނި އުޅުންވެސް އަހަންނަށް މާ ރަނގަޅު."

ހައިރާންވީ ވަރުން ސިބިލްގެ އަނގަ ހުޅުވުނެވެ.

"ދަރިފުޅު މޮޔަވީތަ؟"

"އާނ މަންމާ. މި ގޮތަށް އިންނާނޭ ކުއްޖަކު ހޯދަން އުޅެއުޅެ މިހާރު ވަރުބަލިވެއްޖެ. އެކުދިން އެ ދައްކަނީ ރަނގަޅު ވާހަކައެއް. އަހަރެން މިއީ ހަރުކަށި ބޯދާ ޚިޔާލުގެ މީހެއް. އެކަމަކު އެޔަކު އަހަރެން ކުރާނެ ކަމެއް ނެތް. މުޅި އުމުރު ދުވަހު އަހަރެން އުޅޭނީ މިހެން. މުޅި ހަށިގަނޑު އެއީ އާއްމު މުދާގަނޑަކަށް ހަދައިގެން އުޅޭ ކަހަލަ އަންހެނަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫން. އެތައް ފިރިހެނަކާއެކު އުޅޭ ކުއްޖަކާ ގުޅޭކަށްވެސް ބޭނުމެއް ނޫން. ފަތާށޭ ކިޔާފައި އޮރިޔާން ހެދުން އަޅައިގެން މީހުން ލައްވައި ސާބަހޭ ގޮއްވަން އުޅޭ ކުއްޖަކާ ވާހަކަވެސް ދައްކާކަށް ބޭނުމެއް ނޫން. އަހަރެންގެ ކުރިމަތީގައި އެހެން ފިރިހެނަކާ ގައިގޯޅިވެގެން އުޅޭ ކުއްޖަކީވެސް އަހަރެން ރުހޭ ކަހަލަ ކުއްޖަކަށް ނުވާނެ. މިކަހަލަ ޚިޔާލު ހުންނާތީ އަހަރެން މިއީ ހަރުކަށި ބޯދާ ޚިޔާލުގެ މީހެއް ކަމަށް ބަލާ މީހަކު އެހެން ބަލަންވީ. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އެބުނާ ކަހަލަ މިނިވަން ޚިޔާލުގެ އަނތްބަކު ގޭގައި ބައިންދައިގެން ފިކުރު ކުރުމަށްވުރެ މިނިވަންކަމާއެކު އެކަނި އުޅުންވެސް މާ ރަނގަޅު."

"ތިޔަވަރަށް ހަރުކަށި ވެގެން ލިބޭނޭ މޮޅެއް ނޯންނާނެ."

"މަންމާ. އަހަރެން މިއީ ހަރުކަށި މީހެއް. އެކަމަކު މަންމަ ނިކަން ބުނެބަލަ. އަހަރެން ބޭނުން މިވާ ކަހަލަ އަންހެނުން ދުނިޔޭގައި ނޫޅެނީތަ؟ އަހަރެން ހޯދަން މި އުޅެނީ މަންމަ ކަހަލަ އަންހެނެއް. މަންމައަކީ ހުޅަނގުގެ މީހެއް. ޒަމާނީ މީހެއް. ކިޔަވައިގެން އިން މީހެއް. އެކަމަކު އަންހެނަކު އަންހެނަކަށް ހަދާ ކަހަލަ ހަމަތައް މަންމަގެ ކިބައިގައި އެބަހުއްޓެއްނު؟ އަހަރެމެން ދިރިއުޅުނީ އިސްލާމީ ގައުމުތަކުގައި. އެ ގައުމުތަކުގައިވެސް އަންހެނުން އުޅޭ. ހުރިހައި އަންހެނުންނަށް ނުވިޔަސް ގިނަ އަންހެނުންނަކީ އަހަރެން މިބުނާ ހަމަތަކުގެ މަތީގައި އުޅޭ މީހުން. އަހަރެން ހޯދަން މި އުޅެނީ ދުނިޔޭގައި ނުވެސް ލައްވާ ކަހަލަ މީހަކުހެން މަންމައަށް ހީވަނީ ކީއްވެގެން؟" އޭނާ ފުރަތަމަ ފަހަރަށް މަންމަގެ ވާހަކައަކާ ދެކޮޅުހަދައި ބަހުސުކުރަން ފެށިއެވެ.

"ދަރިފުޅާ. މަންމަގެ ވާހަކައަކީ މުޅިން އެހެން ވާހަކައެއް. މަންމަގެ މައިންބަފައިންނަކީ ކެތަލިކުން. މިނިވަން ޚިޔާލުގެ ބައެއް ނޫން. މަންމަ އުޅެބޮޑުވީ ތަފާތު މާހައުލެއްގައި. އަންހެނުން މާ ބޮޑަށް މިނިވަންވެގެން އުޅުން މަންމައަށް ކަމުނުދިޔަ ސަބަބަކީ އެއީ. ނަސީބު ރަނގަޅުކަމުން މަންމައަށް އިނދެވުނީ ދަރިފުޅުގެ ބައްޕަޔާ. އެއީވެސް އެފަދަ ޚިޔާލެއްގެ މީހަކަށް ވާތީ މަންމައަކަށް އެއްވެސް ކަހަލަ އުނދަގުލަކާ ކުރިމައްޗެއް ނުވި. އެކަމަކު ޕެޓްރިކަކީ މިނިވަން ޚިޔާލުގެ ޒަމާނީ މީހަކަށް ވީނަމަ ދިރިއުޅުން ތަފާތުވީސް. މަންމައަށްވެސް ޖެހުނީހީ މިނިވަން ޚިޔާލުތަކަށް ބޯލަނބަން. ދިރިއުޅުމަކީ ފާޑެއްގެ ކަމެއް. މީހުންނަށް ބޮޑަށް ފާހަގަ ކުރެވޭނީ އެހެން މީހުންގެ ކިބައިގައި ހުންނަ އުނި ސިފަތައް. ރީތި ސިފަތައް ފާހަގަކުރާނީ މަދު ބައެއް. އެހެންވީމާ މަންމަގެ މިސާލު ނުދައްކާ. ދެން ދަރިފުޅު ތިޔަ ދެއްކީ މުސްލިމު އަންހެނުންގެ ވާހަކަ. އެއީ މުޅިން ތަފާތު މާހައުލެއްގައި އުޅޭ ބައެއް. އެމީހުން އުޅެނީ ވަރަށް ވަރުގަދަ ބަނދެވުމެއްގެ ތެރޭގައި. ބައެއް ބަނދެވުމަކީ އިޖުތިމާއީ ބަނދެވުން. ދިރިއުޅޭ މުޖުތަމައުގެ ބަނދެވުން. ބައެއް ބަނދެވުމަކީ އާއިލީ ބަނދެވުން. ބައެއް ބަނދުވުމަކީ ދީނީ ބަނދެވުން. ބޭނުން ވިޔަސް އެމީހުންނަކަށް ކުރެވޭނޭ ކަމެއް ނޯވޭ. އެމީހުންގެ އާދަކާދަ ހުންނަ ގޮތުން އެކަހަލަ ފިޔަވަޅެއް އެޅުމުގެ ހުއްދައެއްވެސް ނޯވޭ. އެމީހުންގެ ސަގާފަތާއި ދީނަކީ އަހަރެމެންގެ ސަގާފަތާއި ދީނާ މުޅީން ތަފާތު އެއްޗެއް. އެހެންވީމާ ނަމޫނާ ބައެއްގެ ގޮތުގައި އެމީހުންވެސް ދައްކާނެ ކަމެއް ނެތް. ދަރިފުޅު ނަމޫނާއަކަށް ބަލަންވީ މިހާރު ތިޔަ ދިރިއުޅޭ މުޖުތަމައު. އިންނަ ޖެހޭނީ މި މުޖުތަމައުގެ މީހަކާ." ސިބިލް ވިސްނައިދިނެވެ.

"އަހަންނަށް މި މުޖުތަމައު ކަމުނުދާކަން މަންމައަށް އެނގޭނެ. މި މުޖުތަމައު ތަމްސީލުކުރާ މީހަކާ އިންނާކަށްވެސް އަހަރެން ބޭނުމެއް ނޫން."

"ދެން ހަދާނީ ކިހިނެއް؟"

"އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫން. މިހާރު މި ދިރިއުޅޭ ގޮތަށް ދިރިއުޅުނީމާ ނިމުނީއެއްނު."

"މީހަކާ ނީނދެ؟"

"މީހަކާ ނީނދެވެސް އުޅެވިދާނެ."

"އެއީ ދަރިފުޅަކަށް ފަސޭހަ ކަމަކަށް ނުވާނެ."

"މީހަކާ އިނދެފިއްޔާ ދިރިއުޅުން މިހާރަށްވުރެ ދަތިވެދާނެ."

މިހައި ވަރަށް އޭނާގެ ދަރިފުޅު ގޮތް ދޫނުކޮށް ހިފެހެއްޓިތަން ސިބިލްއަށް ފެނުނު ފުރަތަމަ ފަހަރަކީ މިއީއެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.