
ރާއްޖޭގެ ޚާރިޖީ ކަންކަމުގައި އިނގިރޭސީންގެ ހިމާޔަތް ނުލިބުނުނަމަ ދިވެހިރާއްޖެއަށް ބޮޑު ނިކަމެތި ކަމެއް ކުރިމަތިވީސް ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދުވާހަކަ ދައްކަވަމުންނެވެ.
އެލިޒަބަތް 2، ނިޝާން ގާޒީގެ އިއްޒަތްތެރި ވެރިޔާ ކުއީން އެލިޒަބަތު 8 ސެޕްޓެމްބަރުގައި ނިޔާވެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަނާގެ ހަނދާނުގައި ވަނީ ސުކޫތެއް ގެންނަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރީ މޭޒުގެ ބޭފުޅުންނާއި މެންބަރުންނާއި ރިޔާސަތު ހިމެނޭހެން ހަމަހިމޭން ކަމުގެ ވަގުތު ކޮޅެއް ގެނައުމަށް މަޖިލީހުގެ ރިޔާސަތުން ނިންމަވާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި ފުރަތަމަ ނަމްބަރެއްގެ ގޮތުން ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުއީން އެލިޒަބަތަށް ތައުޒިޔާގެ ބަސްފުޅެއް ވިދާޅުވުމަށް ފުރުސަތު ދެއްވާފައެވެ.
މި ފުރުސަތުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަ ދައްކަވަމުން އެޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ އިނގިރޭސީންގެ ހިމާޔަތް ނުލިބުނު ނަމަ ދެވަނަ ބޮޑު ހަނގުރާމަ އާއި އޭގެ ކުރިން އެކި ގައުމަތަށް ފޯރުކުރަމުންދިޔަ ނުބައި އަސަރުތަކުގައި ރާއްޖެ ޖެހިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށެވެ.
ގާސިމް ވިދާޅުވީ ފަހުން، ޚާރިޖީ ސިޔާސަތާއިގެން އަމިއްލައަށް ކުރިޔަށް ދެވޭނެކަން ދިވެހިންނަށް ލިބުނު ހިނދު، ދިވެހިން ޝުއޫރުފާޅު ކުރެއްވުމުން ކުއީން އެލިޒަބަތް 2 ވަނަ ރާއްޖެއަށް މިނިވަންކަން ވެސް ދެއްވި ކަމަށާއި އެކަންކަމަށް އިނގިރޭސި ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އިނގިރޭސި ސަރުކާރުން ރާއްޖޭގެ ތައުލީމަށް ވަރަށްގިނަ އެހީތަކެއް ދެއްވާކަން ފާހަގަކުރައްވާ ގާސިމް ވަނީ ކޮމަންވެލްތްގެ ސަބަބުން ވެސް ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާކަން ފާހަގަކުރައްވާފައެވެ.
ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީޕީ އާއި ޕީޕީއެމް / ޕީއެންސީގެ ފަރާތުން ވެސް އެޕާޓީތަކުގެ ޕީޖީ ލީޑަރުން ވަނީ ކްއީން އެލިޒަބަތަށް ތަޢުރީފް ކުރައްވާ ވާހަކަދައްކަވާފައެވެ.