
ތަމްރީނު ހޯދުމަށް ދިވެހި ސިވިލް ސަރވިސްގެ އިތުރު ބެޗެއް އިންޑިއާއަށް ފުރަން ތައްޔާރުވެއްޖެއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމާއި ގުޅޭގޮތުން އިންޑިއާ ހައި ކޮމިޝަނުން ބުނީ ދިވެހި ސިވިލް ސަރވިސްގެ 16 ވަނަ ބެޗް ފުރަން ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.
އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނަންސްއާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްމި މަހުގެ 23 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާނެއެވެ.
ތަމްރީން ޕްރޮގްރާމްތައް ފަރުމާކޮށްފައި ވަނީ ސިވިލް ސަރވިސްގެ ދާއިރާގައާއި ސަރުކާރު ހިންގުމުގައި އިންޑިއާގެ ތަޖުރިބާ ބައިވެރިންނާ ހިއްސާ ކުރާ ގޮތަށެވެ.
މިއީ ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އިންޑިއާއެކު ސޮއި ކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ކުރަމުންގެންދާ ދަތުރުތަކެކެވެ.
އިންޑިއާ އިން ގެންދަނީ ޖުޑީޝަރީ އާއި ނޫސްވެރިކަމުގެ ދާއިރާއިން ވެސް ދިވެހިންނަށް ތަމްރީނު ހޯދުމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ.