(25 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާއަށް މިހާރު މި ހުރެވެނީ ދުނިޔޭ ނިމޭ ކޮޅުގައި ކަމުގައި އިހުސާސް ކުރެވުނެވެ. އެނބުރި ދާނޭ މަގު ހަނދާން ނެތިއްޖެއެވެ. ކުރިއަށް ފިޔަވަޅެއް އަޅާއިފިއްޔާ ވާނޭ ގޮތެއް ނޭނގެއެވެ. ކުރިމަތީގައި އޮތީ ހާމަ ފަޒާ ކަމެއް ނުވަތަ ފުން ކަނޑެއް ކަމެއް ކަށަވަރެއް ނޫނެވެ.
"އަހަންނަށް މީގެ ފަހުން އެކަނި ދިރިއުޅެވިދާނެ ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުމަށް އުއްމީދު އައުމުގެ ކުރިން އުޅުނު ގޮތަށް އުޅެވިދާނެ ހެއްޔެވެ؟" ލޮލުން ކަރުނަ ފައިބާ ކަމުގެ އިހުސާސް އޭނާއަށް ކުރެވިއްޖެއެވެ. ތުންފަތުގައި ދަތް އަޅައިލުމަށް ފަހު އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވާން މަސައްކަތް ކުރިއެވެ. އެކަމަކު ވަރުބަލިވުމުގެ އިހުސާސް މިހާރު ކުރެވެނީ މާ ވަރަކަށެވެ. އޭނާ ގޮނޑީގައި ރަނގަޅަށް ލެނގިލުމަށް ފަހު ލޯމަރައިލިއެވެ.
ކާމޭޒާ ދިމާއިން މަތީގައި އޮތް ބޮކީގެ އަލީގައި އެ މޭޒާއި އީމާން ފިޔަވައި އެހެން ހުރިހައި އެއްޗެއް ފެންނަނީ ފަނޑުކޮށެވެ. އޭނާގެ ހަރަކާތެއް ނެތެވެ. އެއްވެސް ހިއްސެއް މަސައްކަތް ނުކުރާ ކަހަލައެވެ. މޫނަށް އެޅިފައިވާ އަލީގެ ސަބަބުން އޭނާގެ ހިތުގައި އެ ވަގުތު ހިނގާ ޝުއޫރު ފާހަގަކުރަން އެނގޭހައި ވެއެވެ. ވަރުބަލިކަން... މާޔޫސީ... ހިތާމަ... ހިތްހަމަ ނުޖެހުން... ގެއްލުމުގެ އިހުސާސް... އުއްމީދު... މި ވަގުތު އޭނާގެ އަތުގައި އޮތީ ކޯނޗެއް ހެއްޔެވެ؟ ނެތީ ކޯނޗެއް ހެއްޔެވެ؟
ހަތެއް
"މިހާރު ނިންމައިގެން ތިޔަހަރީ ކިހިނެއް ހަދަން؟"" އެރޭ ކާން ތިބެފައި ސިބިލް ޕެޓްރިކާ ސުވާލު ކޮށްލިއެވެ.
"ނިންމާނީ ވަކިން ކިހިނެއް؟ ސިބިލް ތިޔަ ބުނީ ރަނގަޅަށް. ޑެނީ ބޭނުން ގޮތެއް ހަދަން ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް." ޕެޓްރިކް ވަރަށް އާދައިގެ ރާގަކަށް ބުނެލިއެވެ.
ސިބިލް ހިނިތުންވެލިއެވެ. "ޑެނީ ބޮޑު ވެގެން އަހަރެމެން ދެ މީހުންގެ ދީންވެސް މުތާލިއާ ކުރާނެ. ދެ ދީނުންކުރެ އޭނާއަށް ރަނގަޅު ކަމަށް ފެންނަ ދީނެއް ގަބޫލު ކޮށްފާނެ. އޭނާގެ ހިތުގައި އެއްވެސް އޮޅުމެއް، ޝައްކެއް ނޯންނާނީ އެހެން ހެދީމާ. އަހަރެން ޕެޓްރިކާ ސުވާލު މި ކުރީވެސް އެހެން ވެގެން."
"އެންމެ ރަނގަޅު. އަހަރެންގެ އެއްވެސް އިއުތިރާޒެއް ނެތް."
"އަހަރެން ހީކުރީ ދެކޮޅު ހަދާނެ ކަމަށް. އެއީ ދެ މީހުންކުރެ ބޮޑަށް ދީނީ ފިކުރު ހުންނަނީ ޕެޓްރިކްގެ ކަމަށް ވާތީ."
"ނޫނޭ. އަހަރެން މިއީ ސިބިލް ތިޔަ ހީކުރާހައި ދީނީ މީހަކީމެއް ނޫން. ދީނީ ކަންކަމަކީ ވަރަށް ވަގުތު ބޭނުންވާ ކަމެއް. އެހައި ވަގުތެއް އަހަންނަކަށް ނޯވޭ."
"އެކަމަކުވެސް ކޮންމެ ހޮނިހިރު ދުވަހަކު އަޅުކަން ކުރަން ދަމެއްނު؟" ސިބިލް ކަމެއް ސާބިތުކުރަން އުޅޭ ކަހަލަ ރާގަކަށް ބުނެލިއެވެ.
"އާނ. ދަން. އެކަމަކު އަޅުކަމަކަށްވުރެ ބޮޑަށް އެކަން އަހަންނަށް ވެފައި އޮންނަނީ އާދައަކަށް. އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމަކަށް. މައިންބަފައިން އަހަންނަށް ދަސްކޮށްދީފައި އޮންނަ އާދައަކަށް ވާތީ ދަނީ. އެއީ އަހަންނަކަށް މާ އުނދަގޫ ކަމަކަށްވެސް ނުވޭ. އަހަރެން ކޮންމެ ދުވަހަކުވެސް އެތައް މަސައްކަތެއް ކުރަން. އެހެންވީމާ ހިތަށް އަރަނީ އެކަންތައްވެސް މަސައްކަތުގެ ބައެއް ކަމަށް ބަލާފައި ކޮށްލުން އެންމެ ރަނގަޅޭ." އޭނާ ކަމުން ވާހަކަދައްކަމުން ގެންދިޔައެވެ.
"އަވަދިނެތި އުޅެމުން ދީނީ ކަންކަމަށް ވަގުތު ހޭދަކުރުމަކީ ފަސޭހަ ކަމެއް ނޫން. ޕެޓްރިކްގެ ތިޔަ އާދައަކީ އަހަރެން ހައިރާންކޮށްލާ އާދައެއް. އަހަންނަށް މި އުޅެނީ ހަފުތާއެއް ކީއްކުރަން، މަހަކު އެއް ފަހަރުވެސް ފައްޅިއަށް ނުދެވިގެން." ސިބިލް ކޮނޑު ހިއްލައިލުމަށް ފަހު ހައިރާންކަން ފައުޅުކުރިއެވެ.
"ބުނެފީމެއްނު އެއީ އަހަރެންގެ ގައިގައި ހުންނަ އާދައެކޭ. އެހެންވީމާ އެވަރުގެ ބޮޑު ކަމަކަށް ނުވޭ." ޕެޓްރިކް ގާތްގަނޑަކަށް ކައި ނިމިއްޖެއެވެ.
ޕެޓްރިކް އެޑްގަރަކީ ޖަރުމަނުގެ ޔަހޫދީ އާއިލާއަކަށް އުފަން މީހެކެވެ. އޭނާގެ އާއިލާގެ މީހުންނަކީ ހަރުކަށި ޔަހޫދީންނެވެ. މައިންބަފައިންނަކީ ވަރަށް ހަރުކަށި ދީނީ ޚިޔާލުގެ ބައެކެވެ. އެހެންވީމާ ދަރިންވެސް އެފަދަ ގޮތަކަށް ތަރުބިއްޔަތު ކުރަން މަސައްކަތް ކުރިއެވެ. ހިޓުލަރުގެ ވެރިކަމުގައި ހިޓުލަރު ވަނީ ޔަހޫދީންގެ އެތައް ބަޔަކު ގަތުލު ކޮށްފައެވެ. ބާކީ ތިބި މީހުން ގައުމު ދޫކޮށްލައިފައި ދިޔައީއެވެ.
ޕެޓްރިކްގެ އާއިލާވެސް އެ ދުވަސްވަރު އެމެރިކާއަށް ހިޖުރަ ކުރިއެވެ. އެކަމަކު ޖަރުމަނު ދެބައިވެ ދެ ޖަރުމަނަށް ވުމަށް ފަހު ކުރިން ހިޖުރަކުރި ޔަހޫދީންގެ ބައެއް މީހުން އެނބުރި އަންނާން ފަށައިފިއެވެ. ޕެޓްރިކްގެ މައިންބަފައިވެސް އެ މީހުންގެ ތެރޭގައި ހިމެނިގެން އެނބުރި ޖަރުމަނަށް އަތުވެއްޖެއެވެ. އެކަމަކު ޕެޓްރިކް ގަސްތުކުރީ އެމެރިކާގައި ވަޒަންވެރިވާށެވެ. މައިންބަފައިންގެ ނުރުހުމާއެކުވެސް އޭނާގެ ނިންމުން ބަދަލެއް ނުކުރިއެވެ. އެމެރިކާގައި އޭނާއަށް ޖެހުނީ އަލުންބަލުން ސުމަކުން ފަށައިގެން ދިރިއުޅުމެއް ގާއިމުކުރާށެވެ. އަނެއްކޮޅުން އޭނާގެ ބައިންފައިންނަށްވެސް ޖެހުނީ ޖަރުމަނުގައި އައު ދިރިއުޅުމެއް ފަށްޓާށެވެ. އެހެންވީމާ އެމީހުންނަށް ޕެޓްރިކަކަށް އެހީތެރިވެއެއް ނުދެވުނެވެ. މާލީ އެހީތެރިކަމެއްވެސް ދެވޭވަރެއް ނުވިއެވެ.
މެެކޭނިކަލް އިންޖިނިއަރިންގ ކިޔަވައި ނިންމިތާ މާ ގިނަ ދުވަހެއް ނުވެ އެމެރިކާގެ ކުންފުންޏަކުން އޭނާއަށް ވަޒީފާއެއް ލިބިއްޖެއެވެ. ވަޒީފާ އަދާކުރާތާ ދުވަސްކޮޅެއް ފަހުން ޗުއްޓީއެއްގައި އޭނާ މައިންބަފައިންނާ ބައްދަލުކޮށްލަން ޖަރުމަނަށް ދިޔައެވެ. ސިބިލްއާ ދިމާވީ އެ ދަތުރުގައެވެ.
ސިބިލްއަކީ ތުރުކީ ދަރިކޮޅުގެ ކްރިސްޓިއަނެކެވެ. ޕެޓްރިކެކޭ އެއްފަދައިން ސިބިލްވެސް ޖަރުމަނަށް އައީ އޭނާގެ މައިންބަފައިންނާ އެކީގައެވެ. ޕެޓްރިކްގެ އުފަން ވަޒަނަކީ ޖަރުމަނެވެ. ސިބިލްގެ އުފަން ވަޒަނަކީ ތުރުކީއެވެ. ދެމީހުންގެ ފުރަތަމަ ބައްދަލު ވުމަށް ފަހު ވަރަށް އަވަހަށް އެކުވެރިކަން ބަދަހިވެ ކާވެންޏަކާ ހަމައަށް ހިނގައްޖެއެވެ.
ދެ އާއިލާއިން އެ ދެމީހުންގެ ކާވެންޏާ ވަރަށް ބޮޑަށް ދެކޮޅު ހެދިއެވެ. ޕެޓްރިކްގެ މައިންބަފައިންނަކީ ހަރުކަށި ޔަހޫދީން ކަމަށް ވުމާއެކު އެ މީހުން ބޭނުންވީ ދަރިފުޅު ހަމަ އެފަދަ ހަރުކަށި ޔަހޫދީއަކާ ދެވާށެވެ. އަނެއްކޮޅުން ސިބިލްއަކީ ކެތަލިކް ކްރިސްޓިއަން ދެމަފިރިއެއްގެ ދަރިއެކެވެ. އޭނާގެ މައިންބަފައިން ޔަހޫދީންނާ ވަރަށް ދެކޮޅެވެ. އެ މީހުން ބޭނުން ވަނީ ދަރިފުޅު ކްރިސްޓިއަނަކާ ދެވާށެވެ.
ދެ އާއިލާގެ ދެކޮޅު ހެދުމާއެކުވެސް ޕެޓްރިކާއި ސިބިލްއާ ދެމީހުން އިނދެފިއެވެ.
* * *
ކާވެންޏަށް ފަހު ދެމަފިރިން އައީ އެމެރިކާއަށެވެ. ސިބިލް އެމެރިކާގައި މަސައްކަތް ކުރީ ބޮޑު ކުންފުންޏެއްގައި ޖަރުމަނު ބަހުގެ ތަރުޖަމާނެއްގެ ގޮތުގައެވެ. ދެ އާއިލާގެ މެދުގައި އެތައް ޒަމާނެއް ވާންދެން ނުރުހުން އޮތެވެ. އެކަމަކު އެންމެ ފަހުން ސުލްހަވެ ދަރިންގެ ކާވެނިވެސް ގަބޫލުކޮށްފިއެވެ.
ޕެޓްރިކާއި ސިބިލްއާ ދެމަފިރިންގެ ކިބައިގައި އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ. ދެމީހުންގެ އާއިލާއަކީވެސް ދީނީ ހަރުކަށި ފިކުރުގެ ދެ އާއިލާއެވެ. ދެމީހުންވެސް ތަރުބިއްޔަތު ކުރެވިފައި ވަނީ އަޚްލާގީ ރީތި ސިފަތަކަށް އަހުމިއްޔަތުކަން ދޭފަދަ މާޙައުލެއްގައެވެ. ދެމީހުންނަކީވެސް މާ ގިނައިން ބޭރަށް ނުކުމެ މީސްމީހުނާ މިލިގެން އުޅޭ މިޒާޖުގެ ދެ މީހުންނެއް ނޫނެވެ. ސަބަބަކީ އާއިލާގެ ތެރޭގައިވެސް މީސްމީހުންނާ ގުޅިގެން މާ ގާތްކޮށްގެން އުޅުމުގެ އާދަ ނެތުން ކަމުގައިވެސް ވެދާނެއެވެ. ވަރަށް ގިނަ ކަންކަމުގައި އުސޫލުގައި ހިފެހެއްޓުމަކީ ދެ މީހުންގެ ކިބައިގައިވެސް ހަރުލައިފައިވާ އާދައެކެވެ. ސިބިލް އުފަންވެ ބޮޑުވެފައި ވަނީ ތުރުކީގައި ކަމަށް ވާތީ ތުރުކީގެ އާދަތައް އޭނާގެ ކިބައިގައި ހަރުލައިފައި އެބަހުއްޓެވެ.
ހެދުން އެޅުމުގައި ނޭނގި ނަމަވެސް ސިބިލް ވަރަށް ފަރުވާތެރިވެއެވެ. ހުޅަނގުގައި އުޅުމާއެކުވެސް މުޅި ހަށިގަނޑު ނިވައި ނުވާ ކަހަލަ ހެދުން އެޅުމަކީ އޭނާއަށް ކަމުދާ ކަމެއް ނޫނެވެ. ޕެޓްރިކްގެ ޚިޔާލުވެސް ތަފާތެއް ނޫނެވެ. ނިވައިކަން ކުޑަ ހެދުން އެޅުމަކީ އޭނާވެސް ރުހޭ ކަމެއް ނޫނެވެ. ދެ މީހުންވެސް ރާ ބޮއެވެ. އެކަމަކު އެއީ ޚާއްސަ ހަފުލާއެއްގައި ބޯން ޖެހުނީމައެވެ. ސިބިލްގެ މައިންބަފައިން އޭނާއަށް ދަސްކޮށްދީފައި ވަނީ ރާ ނުބޯށެވެ. އެހެންވީމާ ބައެއް ފަހަރު ޕެޓްރިކް ގޭގައި ރާ ބޯން އުޅުނީމާ ސިބިލް އެކަމާ ދެކޮޅު ހަދައެވެ. ދެ މީހުންގެ ގާތް މީހުން ވަރަށް މަދެވެ. ގުޅުން ބާއްވަނީ އެ ދެ މީހުން ގަބޫލުކުރާ އަޚްލާގީ މިންގަނޑަށް ފެތޭ މީހުންނާއެވެ. ދެ މީހުންގެ ދިރިއުޅުމުގައިވެސް ދީނީ އަސަރު ވަރަށް ބޮޑަށް އެކުލެވިފައި ވެއެވެ. އެމެރިކާގައި ދިރިއުޅުމާއެކުވެސް އެ ކަމަކަށް ބަދަލެއް ނާދެއެވެ.
އެމެރިކާގައި ގިނަ ދުވަހު އުޅެން ޖެހުނު ނަމަ އެމެރިކާގެ ސަގާފަތާއި އާދަތަކަށް ހޭނި އެ ގޮތަށް ބަދަލު ވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އެހެން ވާނޭ ފުރުސަތެއް ނުލިބުނެވެ. ޕެޓްރިކް ވަޒީފާ އަދާކުރާ ކުންފުނިން އޭނާ އުރުދުނަށް ފޮނުވައިލައިފިއެވެ. އުރުދުންގައި ކުންފުނީގެ ފަރާތުން ހިންގާ ބޮޑު އުމްރާނީ މަޝްރޫއެއްގައި މަސައްކަތް ކުރާށެވެ. އެއީ ތިން އަހަރު ދުވަހުގެ މަޝްރޫއެކެވެ. ތިން އަހަރަށް ފަހު ދެން އޭނާ ބަދަލުކުރީ އަނެއްކާވެސް މެދުއިރުމަތީގެ ގައުމެއް ކަމަށްވާ މަޣްރިބް (މޮރޮކޯ) އަށެވެ. މަޣްރިބްގައި ދެ އަހަރު ދުވަސް ވާންދެން އުޅެން ޖެހުނެވެ. ދެމަފިރިންނަށް މެދުއިރުމައްޗާއި އޭޝިއާގެ އެތައް ގައުމެއްގައި އުޅުމުގެ ފުރުސަތު ލިބުނެވެ. އޭގެ ތެރޭގައި ގިނައީ އިސްލާމީ ގައުމެވެ. ޔޫރަޕާއި އެމެރިކާގައި އުޅޭކަށް މާ ގިނަ ވަގުތެއް ނުލިބެއެވެ. އެހެންވީމާ ދެމީހުންގެ ދީނީ ހަރުކަށިކަން ފިލައިގެންނެއް ނުދެއެވެ. ވިއްޔާ ވީ ބޮޑެވެ.
ސިބިލް އެކި ގައުމުގައި އުޅުނު ދުވަސްވަރު އެމްބަސީގެ ފަރާތުން ހިންގާ އިސްކޫލުތަކުގައި ކިޔަވައިދޭން އުޅުނެވެ. އޭނާއަކީ ވަރަށް ހިތްހެޔޮ މަޑުމައިތިރި މީހެކެވެ. ޕެޓްރިކާއި އޭނާޔާ ދެމެދު އޮންނަނީ ވަރަށް ރަނގަޅު ގުޅުމެކެވެ. އެހެންވީމާ ދީނީ ފަރަގާއެކުވެސް ދިރިއުޅުން ވެފައި ވަނީ އުފާވެރި، ހަމަޖެހޭ ދިރިއުޅުމަކަށެވެ. ދެމީހުން ދީނީ ވާހަކަދައްކައި ބަހުސުކޮށެއް ނުހަދައެވެ. ދީނީ އުސޫލުތަކަށް ތަބާވީ ނަމަވެސް ދީނީ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ އުނދަގޫ ކަމަކަށް ވާތީ ދެމީހުންނަށްވެސް އެފަދަ ރަސްމިއްޔާތުތައް ހަޔާތުގެ ފިހުރިސްތުގެ ދެވަނަ ދަރަޖައަށް ބަދަލު ކުރާން ޖެހިއްޖެއެވެ.
* * *
ޑެނިއަލް އުފަންވީ މަޣްރިބަށެވެ. ދަރިފުޅު އުޅެން ކަނޑައަޅާނޭ ދީނަކާ މެދު ދެމަފިރިންނަށް ވިސްނާން މަޖުބޫރުވީ އެހައިތަނުންނެވެ. ދެ މީހުންކުރެ ކޮންމެ މީހަކުވެސް ހިތުގެ އަޑީގެ އެދުމަކީ އެ މީހަކުގެ ދީނުގައި ދަރިފުޅު އުޅުމެވެ. އެކަމަކު އެ އެދުން ފާޅު ކުރާކަށް ދެ މީހުންކުރެ މީހަކަށް ނުކެރުނެވެ. މި ނުކެރުމުގެ ސަބަބުން ޑެނިއަލް ބޮޑުވަމުން އައީ އެއްވެސް ދީނެއްގެ މައްޗަކަށް ނޫނެވެ. ވަކި ދީނެއް ގަބޫލު ނުކުރާ ކުއްޖެއްގެ ގޮތުގައެވެ.
ޑެނިއަލްގެ ދީނާ މެދު ދެމަފިރިންގެ މެދުގައި ފުރަތަމަ ފަހަރަށް ވާހަކަދެކެވުނީ ޖަރުމަނަށް ޗުއްޓީއެއްގައި ކުރި ދަތުރަކަށް ފަހުގައެވެ. ދެމަފިރިންގެ މައިންބަފައިންނަށް ޑެނިއަލް ފުރަތަމަ ފެނުނީވެސް އެ ދަތުރުގައެވެ. އޭރު ޑެނިއަލްގެ އުމުރުކީ އެންމެ ދެ އަހަރެވެ.
ޑެނިއަލް އުޅެނީ ވަކި ދީނަކަށް ނޫންކަން މައިންބަފައިންނަށް އެގުމުން ވަރަށް ބޮޑަށް ރުޅި އަތުވެއްޖެއެވެ.
"އެއީ ކަލޭގެ ދަރިއެއް. އެހެންވީމާ ވާން ޖެހޭނީ ޔަހޫދީއަކަށް. އެހެން މީހަކު ވިސްނާ ގޮތް ބެލުމަކީ ކަލޭ ކުރަން ޖެހޭނޭ ކަމެއް ނޫން." ޕެޓްރިކްގެ ބައްޕަ އަމުރުވެރިކަމާއެކު ބުންޏެވެ.
"ތިޔައީ ތެދެއް. އެކަމަކު ބައްޕައަށް އެނގޭނެ ސިބިލްއަކީ ކެތަލިކެއްކަން. އަހަރެން ޑެނިއަލް ވަކި ދީނަކަށް ވައްދަން މަސައްކަތް ކޮށްފިއްޔާ ސިބިލް ރުޅި އަންނާނެ. ދެކޮޅުވެސް ހަދާނެ." ޕެޓްރިކް އުޒުރެއް ދައްކައިލިއެވެ.
"ސިބިލްއާ ނީންނާށޭ އަހަރެން ބުނީ ތިޔަހެން ވެގެން." ބައްޕަގެ ހަރުކަށިކަން ބޮޑުވެގެން ދިޔައެވެ. "މި މައްސަލައިގައި ވަކި އަތަކަށް ބުރަވެ ވާހަކަދެއްކުމުގެ އެއްވެސް ހައްގެއް އޭނާއަކަށް ނޯންނާނެ. ދަރިން އަބަދުވެސް ޚިޔާރު ކުރާނީ ބައްޕަގެ ދީން."
"ބައްޕާ. ތިޔައީ ލާޒިމު ކަމެއް ނޫން. ދަރިންވެސް ގަބޫލުކުރަން ވާނީ ދަރިން ރުހޭ ދީނެއް. ދަރިންގެ ޝަގުވެރިކަން ހުރި ދީނެއް."
ޕެޓްރިކް އޭނާގެ ބައްޕަގެ ރުޅިގަނޑު މައިތިރި ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު މައިތިރިވުމުގެ ބަދަލުގައި ރުޅިގަނޑު ހައްތަހާ ގަދަވީއެވެ.
"އަހަންނަށް ވިސްނައިދޭން މަސައްކަތް ނުކުރޭ. ކަލޭގެ ބޮލަށް ތިޔަ ވިޔާނުދާ ޚިޔާލުތައް ވައްދާ މީހަކީ ކަލޭގެ އަނބިމީހާ. ދަރިފުޅު ޔަހޫދީއަކަށް ނުހަދައި ކެތަލިކަކަށް ހަދާނީތަ؟"
"އަހަރެމެން ދެމަފިރިން އަދި ވަކި ގޮތަކަށް ކަނޑައެއް ނާޅަން."
"ކަލޭމެން ދެމީހުން ވަކި ގޮތަކަށް ކަނޑައަޅާނެވެސް ކަމެއް ނެތް. އެ ކުއްޖާއަކީ އުފަން ޔަހޫދީއެއް. ހުންނާނީވެސް ޔަހޫދީއެއްގެ ގޮތުގައި." އެޑްގަރ ފައިސަލާކުރަނިވި ގޮތަކަށް ބުނެލިއެވެ.
ބައްޕަޔާ ޒުވާބުކުރުމަކީ ރަނގަޅު ކަމެއް ކަމަށް ޕެޓްރިކަކަށް ނުފެނުނެވެ. އެހެންވީމާ ހިމޭނުން ހުރީއެވެ. އެކަމަކު އެނބުރި އެމެރިކާއަށް އައުމާއެކު އެންމެ ފުރަތަމަ އޭނާ ކުރި ކަމަކީ އެ ވާހަކަ ސިބިލްއާ ދެއްކުމެވެ.
(ނުނިމޭ)
Alhe thankolheh dhigu kohbala adhi konme fhuvahaku genes dheebala v reethi
vvv.rreethi avahah genesdhehveethee shukuru