އިޤްތިޞާދު ކުރުމަކީ، އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކުއްޖެއްގެ ކިބައިގައި ހަރުލައްވަންޖެހޭ ވަރަށް މުހިންމު އާދައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ހިތް ހަމަޖެހުމާއެކު އައު އަޒުމަކާއެކު ކިޔެވުން ފެށުމަށް ސްކޫލްތަކުގެ ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސްކޫލަކަށް ހާޒިރުވެ ކިޔެވުމަކީ، ގިނަ ކަންތައްތައް އެކަމުގައި އެކުލެވޭ ކަމެއްކަން ފާހަގަކުރައްވާ، ކިޔެވުމުގެ ތެރެއިން، އަޚްލާޤީ ރިވެތި ސިފަތައް ލިބިގަތުމާއި ފިލާވަޅުތައް ދަސްކުރުމާއި ދުޅަހެޔޮ، ހަށިހެޔޮ، ޒިންމާދާރު ކުދިބަޔަކަށް ވުމަކީ ވެސް މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލުގެ މާހައުލަކީ އުފާވެރި މާހައުލަކަށް ހެދުމަށްޓަކައި އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއާއި ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކިޔަވާކުދިން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ވަރަށް މުހިންމު ދެ ދާއިރާއެއް ފާހަގަކުރެއްވިއެވެ. އެގޮތުން އެއްކަމަކަށް، ތިމާވެށި ހިމާޔަތްކުރުމަކީ އެންމެ ޅަފަތުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިޤްތިޞާދު ކުރުމަކީ، އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކުއްޖެއްގެ ކިބައިގައި ހަރުލައްވަންޖެހޭ ވަރަށް މުހިންމު އާދައެއްކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން މަގުތައް ކޮށައިދެނީ ހަމައެކަނި ދަރިވަރުންނަށް ނޫންކަން ފާހަގަކުރައްވައި، ޓީޗަރުންނަށް ރަނގަޅު ގޮތްތައް ހޯދައިދެއްވުމާއެކު، ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ވެސް ގިނަ ކަންތައްތަކެއް ކުރަމުންގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ޓީޗަރުންނާއި މުދައްރިސުންގެ ޢިލްމީ ޤާބިލުކަން އިތުރުކޮށް، ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުން ކުރައްވާ މި މަސައްކަތްތަކާއެކު ކިޔަވައިދިނުމުގެ ދާއިރާއާ މެދު ޝައުޤުވެރިކަން އިތުރުވެ، ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ފަސޭހަވެގެންދާނެކަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ދަރިންނަށް ދޭ ތަޢުލީމުގެ ފެންވަރު މަތިވެ، ޢިލްމީ ގޮތުން ކުރިއަރާފައިވާ ޒުވާން ޖީލެއް އުފެއްދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި 271 ސްކޫލެއްގައި ކިޔަވައިދޭނެއެވެ. އަދި އެ ސްކޫލް މަދަރުސާތަކުގައި 92 ހާހަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލުކުރާއިރު އޭގެ ތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 76 ހާހަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދާނެއެވެ. އަދި 8300 އަށް ވުރެ ގިނަ ޓީޗަރުން އެ ސްކޫލްތަކުގައި ހަރަކާތްތެރިވަމުންދާނެއެވެ.