
އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަަކެއްގައި 10 މީހުން މަރުވެއްޖެއެވެ. ފަލަސްޠީނުގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކާއި، އިސްލާމިކް ޖިހާދުގެ އިސް ލީޑަރަކު ހިމެނެއެވެ. ފަލަސްޠީނުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އިސްރާއީލުން ދިން ހަމަލާގެ މައިގަނޑު އަމާޒަކަށް ވީ އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފި 'ޤުދްސު ބްރިގޭޑްސް' ގެ އިސް ކޮމާންޑަރެއް ކަމުގައިވާ ތައިސީރު އަލްޖަޢުބަރީއެވެ. އޭނާއަކީ ޤުދްސު ބްރިގޭޑްސްގެ އުތުރު ސަރަހައްދުގެ ކޮމާންޑަރެވެ. އަދި އިސްލާމިކް ޖިހާދުގެ އަސްކަރީ މަޖިލިސްގެ މެންބަރެކެވެ.
އިސްރާއީލުން ބުނީ ހަމަލާތަކުގެ އަމާޒަކީ އިސްލާމިކް ޖިހާދުކަމަށެވެ. އިސްރާއީލުން ފާއިތުވި ހަފުތާ ތެރޭގައި ހުޅަނގު އައްސޭރީގައި ހިންގި އޮޕަރޭޝަނެއްގަައި އެ ޖަމާއަތުގެ އިސް ހަނގުރާމަވެރިއަކު ހައްޔަރުކުރުމާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ނުތަނަވަސް ދިޔައީ އިތުރުވަމުންނެވެ.
ހަމާސް ޖަމާއަތުން ވެރިކަންކުރާ އަދި ފަލަސްޠީނުގެ 2 މިލިއަން މީހުން ދިރިއުޅޭ ޣައްޒާއަށް މިއަދުގެ ހަމަލާތަކާ ގުޅިގެން ދޭނެ ރައްދަކާ މެދު ފަލަސްޠީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވިސްނަމުން ދާއިރު، އަނެއްކާވެސް ދެފަރާތުގެ ދެމެދުގައި ހަނގުރާމައެއް ފެށުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
"މިއަދަކީ ހަނގުރާމަކުރުމާއި، ނަޞްރު ހޯދުމުގެ ދިގު ދުވަހެއް. އަދުއްވުން މިވަނީ އުދުވާނު ފަށާފައި. އެމީހުން ދެން އަހަރުމެންގެ ރައްދަށް އިންތިޒާރުކުރޭ.... އިސްރާއީލުގެ މި އުދުވާނަށް ރައްދުދިނުމުގައި އިސްލާމިކް ޖިހާދުން ހުރަސްކުރަން ޖެހޭ ރަތް ރޮނގެއް ނުއޮންނާނެ." އިސްރާއީލަށް އިންޒާރުދެއްވަމުން އިސްލާމިކް ޖިހާދުގެ ސެކްރެޓަރީ ޖެނެރަލް ޒިޔާދު އައްނައްޚާލާ ވިދާޅުވިއެވެ.
ޣައްޒާއަށް ދިން އުދުވާނީ ހަމަލާއަށް ފަހު އިސްރާއީލުން ބުނެފައި ވަނީ އެއީ އިސްރާއީލުގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރި ކަމެއް ކަމުގައެވެ.
"(މިއަދު ހިންގި އަސްކަރީ އޮޕަރޭޝަނުގެ) ބޭނުމަކީ އިސްރާއީލު ރައްޔިތުން ނުރައްކަލަކަށް ވާކަން ފާހަގަކުރެވޭ ބިރެއް ނައްތާލުން. އަދި 'ޓެރަރިސްޓުން'ނާއި އެމީހުންނަށް އެހީތެރިވާ މީހުންނަށް އަމާޒުކޮށް ހަމަލާދިނުން." އިސްރާއީލުގެ ބޮޑުވަޒީރު ޔައިރް ލަޕިޑްއާއި ޑިފެންސް މިނިސްޓަރު ބެނީ ގަންޓްޒް ނެރުނު ގުޅިފައިވާ ބަޔާނެއްގައި ދެމީހުން ބުނެފައި ވެއެވެ.
އިސްރާއީލު ހަމަލާއަށް ފަހު ހަމާސް (އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް) އިން ބުނެފައި ވަނީ އިސްރާއީލަށް ރައްދުދިނުމުގައި ފަލަސްޠީނުގެ ހަނގުރާމަވެރި ހުރިހާ ޖަމާއަތެއް ތިބީ އެކުގައި ކަމަށެވެ. އަދި ރައްދުދޭނެ ވަގުތާއި ރައްދު ދޭނެ ގޮތް ކަނޑައަޅާނީ އެކަތިގަނޑެއްގެ ގޮތުގައި ތިބެއެވެ.
ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސްގެ އޮފީހުން ނެރުނު ބަޔާނެއްގައި އިސްރާއީލުގެ އުދުވާނީ ހަމަލާ ކުށްވެރިކޮށް ބުނެފައި ވާގޮތުގައި މި ޙަމަލާއަށް ފަހު އިތުރުވާ ހަމަނުޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ އިސްރާއީލުންނެވެ.