މަކުނުވިދުރި ބައްޔަށް ޓެސްޓުކުރާ 250 ކިޓް ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކޮށްފި

މަންކީޕޮކްސް (މަކުނުވިދުރި) އަށް ޓެސްޓުކުރާ 250 ޕީސީއާރް ޓެސްޓު ކިޓު ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މި ކިޓުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ކިޓުތަކާއި ހަވާލުވެލެއްވުމަށްފަހު ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ ރާއްޖެއަށް އިތުރު ކިޓުތައް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި އަންނަ ހަފްތާގައި ވެސް އިތުރު ކިޓުތަކެއް ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ

މަކުނުވިދުރި ރާއްޖެއަށް އައުމުގެ ފުރުސަތު އޮތަތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާއިގުޅުން ހުރި އިދާރާތަކުން މިހާރުވަނީ މި ބަލިމަޑުކަމާއި ކުރިމަތިލުމުގެ ތައްޔާރީތައް ވާން ފަށާފައެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ މިބަލީގެ ކޭސްތައް ތަހްގީގު ކުރުމާއި ކޮންޓެކްޓް ޓްރޭސިންގ އަދި ޝައްކު ކުރެވޭ މީހުން ޓެސްޓު ކުރުންފަދަ ކަންކަމުގެ ގާބިލުކަން މި ވަގުތު ރާއްޖޭގައި އެބަހުރި ކަމަށެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި މިބަލި ފެތުރެމުން އަންނައިރު، މި ބައްޔަށް ޝައްކުކުރެވިގެން ފާއިތުވި ހަފްތާގައި ރާއްޖެއައި ފަތުރުވެރިއެއް ވަނީ ޓެސްޓުކޮށްފައެވެ. ނަމަވެސް އޭނާ ނެގެޓިވްވެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.