
ރާއްޖޭގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި އިވެންޓަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ ކޯޓު އަމުރެއްގެ ދަށުން އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ޢުމުރުން 29 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެހެންނަމަވެސް އެމީހުންގެ ވަނަވަރެއް އަދި އެމީހުން ހައްޔަރުކުރީ ކޮންތާކުން ކަމެއް ހާމައެއް ނުކުރެއެވެ.
މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މާލޭގައި ވަނީ ޔޯގާ ހަރަކާތެއް ބާއްވާފައެވެ. ގަލޮޅު ދަނޑުގައި ބޭއްވި މިހަރަކާތް ހުއްޓުވަން ގިނަބަޔަކު ވަނީ ދަނޑަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ.
އެ ހަމަނުޖެހުމާއި ގުޅިގެން މީގެކުރިން 21 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެރެއިން ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ.
ބަންދުން ދޫކުރި ބައެއް މީހުންގެ މައްސަލަ އިސްތިއުނާފުކުރުމަށް ދައުލަތުން ނިންމާފައިވާއިރު، ބައެއް މީހުންގެ މައްސަލަ މިހާރުވެސް ވަނީ އިސްތިއުނާފު ކޮށްފައެވެ.